ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް އެ ޕާޓީގެ ޕްރައިމަރީގައި ބައިވެރިވުމަށް ޖުމްހޫރީ ޕާޓީން ހުޅުވާލައިފި އެވެ.
ސެޕްޓެމްބަރު 9، ގައި ބާއްވާ ރިޔާސީ އިންތިހާބުގައި އެ ޕާޓީ އިސްވެ އޮވެ ކޯލިޝަނެއް ހެދުމަށް ނިންމާފައިވާއިރު އިއްޔެ ކުރި އިއުލާނެއްގައި ޖޭޕީން ބުނީ ޕްރައިމަރީގައި ވާދަ ކުރަން ބޭނުންވާ މީހުން މި ހިނގާ މާޗް 30، ގެ 12:00 ކުރިން ފޯމު ލާންޖެހޭނެ ކަމަށެވެ.
ރައީސުލްޖުމްހުރިއްޔާގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތައް ހަމަވާ ފަރާތްތަކުން ޕްރައިމަރީގައި ވާދަކުރަން އެދޭއިރު އައީޑީކާޑާއި ވަނަވަރު ފޮނުވަންޖެހޭ ކަމަށް ޖޭޕީއިން ބުނެފައިވެ އެވެ. އާންމުކޮށް މިފަދަ ޕްރައިމަރީ ތަކުގައި ޕާޓީ މެންބަރުންގެ ކަނޑައެޅޭ އަދަދެއްގެ ސޮއި ހުށަހަޅަންޖެހުނު ނަމަވެސް ޖޭޕީން އެފަދަ ނުކުތާއެއް ބަޔާނުގައި ހިމަނާފައެއް ނުވެ އެވެ.
ޖޭޕީގެ އަސާސީ ގަވާއިދު މީގެ ކުރިން އޮންނަ ގޮތުން ނަމަ އެ ޕާޓީގެ ލީޑަރަކީ އޮޓޯއިން އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓެވެ. އެއާއެކު ބެލެވިފައި އޮތީ ރިޔާސީ ކެންޑިޑޭޓަކީ ލީޑަރުގެ މަގާމުގައި ހުންނެވި ގާސިމް ކަަމަށެވެ.
އެހެންނަމަވެސް، މި ގަވާއިދު މިހާރު ބަދަލުކޮށްފައިވާ ކަމަށް އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަލީ އާރިފް މިއަދު "އަދަދު" އަށް ވިދާޅުވި އެވެ.

އަލީ އާރިފް ވިދާޅުވީ ޕާޓީގެ ކައުންސިލް ބައްދަލުވުމުން ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމި ނަމަވެސް ރިޔާސީ ކެންޑިޑޭޓެއް ކަނޑައަޅާފައި ނުވާ ކަމަށެވެ.
"އެކަން ކަނޑައަޅާނީ ޕާޓީގެ އަސާސީ ގަވާއިދު ބުނާ ގޮތުން ރިޔާސީ ކެންޑިޑޭޓަށް ވުމަށް އެދި ޕާޓީގެ މެންބަރުންނަށް ހުޅުވާލުމުން ކުރިމަތިލުމުން ލާ ބޭފުޅުންގެ މެދުގައި ބާއްވާ ޕްރައިމަރީއަކުން،" އަލީ އާރިފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި ޕްރައިމަރީ ކުރިއަށް ދާނީ ކައުންސިލްގެ މެދުގައި ކަމަށެވެ. އެ ޕާޓީގެ އަސާސީ ގަވާއިދު ބުނާ ގޮތުން ރިޔާސީ އިންތިހާބުގައި ޕާޓީން އަމަލު ކުރާނެ ގޮތް ނިންމުމުގެ ބާރު އޮންނާނީ ޕާޓީގެ ކައުންސިލަށެވެ. އެހެންކަމުން އެ އިންތިހާބުގައި ޖޭޕީގެ އާންމު މެމްބަރުންނަށް ވޯޓެއް ނުލެވޭނެ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ އެކު ކޯލިޝަން ހެދުމުގެ ބަދަލުގައި ޖުމްހޫރީ ޕާޓީ އިސްވެ އޮވެ އުފައްދާ ކޯލިޝަނަކުން ރިޔާސީ އިންތިހާބުގައި ވާދަކުރަން ޖޭޕީން ނިންމާފައިވާއިރު ގިނަބަޔަކު ގަބޫލުކޮށްގެން ތިބީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކަށްވާނީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކަމަށެވެ. މީގެ ކުރިން ޖޭޕީއިން ރިޔާސީ އިންތިހާބުގައި 2008 އަދި 2013 ގައި ވާދަކުރި އިރުވެސް ޕްރައިމަރީއެއް ބާއްވާފައެއް ނުވެ އެވެ.
މުހިންމު ބައެއް ހަބަރު
- އަންނަ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އެއްވެސް ޕާޓީއެއްގެ ފަހަތަށް ނާރާނެ ކަމުގެ ޔަގީންކަން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ދެއްވައިފި އެވެ.
- އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތެރެއިން ކުރީގެ ޑިފެންސް މިނިސްޓަރު މޭޖާ ޖެނެރަލް ރިޓަޔާޑް މޫސާ އަލީ ޖަލީލަށް ލިބުނު ފައިސާ ލޯންޑާ ކޮށްފައިވާތީ އޭނާގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލައި ދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ.
- ރަޖިސްޓަރީނުކޮށް ހިންގާ އެކި ސްކީމްތަކަށް އިންވެސްޓުކޮށްގެން މާލީ ގެއްލުންވާ ފަރާތްތަކުން ކެޕިޓަލް މާކެޓު ޑިވެލޮޕްމަންޓު އޮތޯރިޓީ (ސީއެމްޑީއޭ) އަށް މައްސަލަ ހުށަހެޅުމަށް އެ އިދާރާއިން އެދެފި އެވެ.
- ކުރިއަށް ރޯދަ މަހު މާލޭގެ ވިޔަފާރި ބަނދަރުން މުދާ ބޭރު ކުރުމާ ގުޅޭގޮތުން އެ ބަނދަރު އޮޕަރޭޓްކުރާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އެ ކުންފުނީގެ މައި މަސްލަހަތުވެރިންނާ މަޝްވަރާކޮށްފި އެވެ.
ދުވަހުގެ ކޯޓޭޝަން
ކޯލިޝަން ހެދުމާ ގުޅޭ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަށް ފޮނުއްވި ސިޓީ ފޮނުއްވާފައި ވަނިކޮށް، އެ ޕާޓީ ވަކިން އިންތިހާބުގައި ވާދަ ކުރަން ނިންމުމާ ގުޅިގެން، ސަރުކާރުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ؛
ރައީސް ވިދާޅުވެފަ އޮތީ ކޯލިޝަނަކާ އެއްކޮށް މި އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށް، ރައީސާއެކު ކޯލިޝަން ހަދާނެކަން އިއުލާންކޮށްފި އަދާލަތު ޕާޓީ އަދި އެމްޑީއޭއިން އެހެންވީމަ ވަރަށް ޔަގީންކަމާއެކު މި އިންތިހާބު ކާމިޔާބު ކުރެވޭނެ. [ޖޭޕީ ވަކިން ނުކުތުމަކީ] ރައީސަށް ޗެލެންޖެއް ނޫން،"
ދުވަހުގެ ފޮޓޯ

ހުޅުމާލޭ ސެންޓްރަލް ޕާކުގައި މި މަހުގެ 15-18 އަށް ކުރިއަދާ މެރިން އެކްސްޕޯގައި ހުރި އެލިއާގެ ސްޓޯލް. -- ފޮޓޯ: ހުސައިން ފިޔާޒު މޫސާ/ އަދަދު












