ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ކޯލިޝަން ހެދުމުގެ ބަދަލުގައި، ރާއްޖޭގެ އެންމެ ބޮޑު އެއް މަހުޖަނު ގާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓީ އިސްވެ އޮވެ އުފައްދާ ކޯލިޝަނަކުން ރިޔާސީ އިންތިހާބުގައި ވާދަކުރަން އެ ޕާޓީގެ ކައުންސިލުގެ އިއްޔެ ފާސްކުރި އެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 24 އަދި 25 ވަނަ ދުވަހު ބޭއްވި ޖުމްހޫރީ ޕާޓީގެ ކޮންގްރެސްގައި، އެ ޕާޓީގެ ކެންޑިޑޭޓަކު ރިޔާސީ އިންތިހާބަށް ނެރުމަށް ޕާޓީގެ ކައުންސިލަށް ލަފާ ދިނުމަށް ފާސްކޮށްފައިވެ އެވެ. ރިޔާސީ އިންތިހާބާ މެދު ގޮތެއް ނިންމުމުގެ ބާރު ދީފައި އޮންނަނީ އެ ޕާޓީގެ ކައުންސިލަށެވެ.
މި ކަންކަން ނިންމުމަށް ބޭއްވި ކައުންސިލްގެ ބައްދަލުވުމުގައި ގާސިމް ވަކިން އިންތިހާބުގައި ވާދަ ކުރައްވަން ފެނިވަޑައިނުގަންނަވާ ކަމަށް ވޯޓު ދެއްވީ، އެ ޕާޓީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަދި ރައީސް އޮފީހުގެ މިނިސްޓަރުކަމުގެ މަގާމުގައި މިހާރު ހުންނެވި އަހުމަދު ސަމީރެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް, ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ކޯލިޝަންގެ ތެރެއިން އިންތިހާބުގައި ވާދަކުރުމަށް އެ ޕާޓީއަށް ރަސްމީކޮށް ދައުވަތު ދީ, ރައީސް ސޯލިހު ވަނީ ގާސިމްއާ ބައްދަލު ވެސް ކުރައްވާފަ އެވެ.
މިހާރު ވެރިކަން ކުރާ ކޯލިޝަން ތެރޭ ޖުމްހޫރީ ޕާޓީ ހިމެނޭއިރު, ނައިބު ރައީސް ފައިސަލް ނަސީމަކީ ވެސް އެ ޕާޓީއަށް ނިސްބަތްވާ ބޭފުޅެކެވެ. މިހާތަނަށް ރައީސްއާއެކު ކޯލިޝަން ހަދަން އެއްބަސްވެފައިވަނީ އަދާލަތު ޕާޓީގެ އިތުރުން ވިޔަފާރިވެރިޔާ އަހްމަދު ސިޔާމްގެ މޯލްޑިވްސް ޑެވެލޮޕްމަންޓު އެލަޔަންސް (އެމްޑީއޭ) އާ އެވެ.

ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ޖޭޕީން ވަކިން ވާދަކުރަން ނިންމާފައި ވާއިރު އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ، 2008، 2013 ގެ އިންތިހާބުގައި ވެސް ވާދަކުރެއްވި އެ ޕާޓީގެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމެވެ.
ރިޔާސީ އިންތިހާބުތަކުގައި ގާސިމްގެ ދައުރު
ގާސިމް ވަނީ މީގެ ކުރިން 2008 އަދި 2013 ގެ ރިޔާސީ އިންތިހާބުގައި ވެސް ވާދަކުރައްވައިފަ އެވެ. 2008 ވަނަ އަހަރު ގާސިމަށް ލިބުނީ ވޯޓުލީ މީހުންގެ 15 ޕަސެންޓެވެ. އަދި 2013 ގައި ގާސިމަށް ލިބުނީ ވޯޓުލީ މީހުންގެ 24 ޕަސެންޓެވެ.
ދެ އިންތިހާބުގައި ވެސް ދެ ވަަނަ ބުރަށް ދެވޭ ވަރަށް ގާސިމަށް ވޯޓު ނުލިބުނު ނަމަވެސް އެ ދެ ފަހަރު ވެސް އިންތިހާބު ކާމިޔާބުކުރީ ގާސިމްގެ ތާއީދު އޮތް ކެންޑިޑޭޓެވެ. ދެ ވަނަ ބުރުގައި ގާސިމް ތާއީދު ކުރެއްވީ، ފުރަތަމަ ބުރުގައި ދެ ވަނައަށް އެންމެ ގިނަ ވޯޓު ލިބޭ ކެންޑިޑޭޓަށެވެ. ރައީސް މުހައްމަދު ނަޝީދާއި ރައީސް އަބްދުﷲ ޔާމީން ވެސް ސަރުކާރު އެކުލަވާލީ ޖޭޕީއަށް ހިއްސާއެއް ދޭ ގޮތަށެވެ.
އެންމެ ފަހުން ބޭއްވި 2018 ވަނަ އަހަރު ރިޔާސީ އިންތިހާބު އޮތް އިރު، ގާސިމް ހިމެނޭހެން އޭރުގެ އިދިކޮޅު ހުރިހާ ލީޑަރުން ތިބީ ޖަލު ހުކުމެއްގައި ނުވަތަ ހުކުމެއް ނެތި ބަންދުގަ އެވެ. އެހެންވެ ގާސިމްގެ ޖޭޕީގެ އިތުރަށް އެމްއާރުއެމާއި އަދާލަތު ޕާޓީން ތާއީދުކުރީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށެވެ.
މުހިންމު ބައެއް ހަބަރު
- ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ އެކު ކޯލިޝަން ހެދުމުގެ ބަދަލުގައި ޖުމްހޫރީ ޕާޓީ އިސްވެ އޮވެ އުފައްދާ ކޯލިޝަނަކުން ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމުމާ ގުޅިގެން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ނާކާމިޔާބުވި "ފިކުރެއްގެ ދިރުން" ފެކްޝަނުން މަރުހަބާ ކިޔައިފި އެވެ.
- ޖުމްހޫރީ ޕާޓީ އާއި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ "ފިކުރެއްގެ ދިރުން" ފެކްޝަންގެ ޖޮއިންޓް ޕާލިމަންޓަރީ ގުރޫޕެއް އެކުލަވާލުމަށް މަޝްވަރާ ކުރަން ނިންމި އެވެ.
- ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ އެކު ކޯލިޝަން ހެދުމުގެ ބަދަލުގައި ޖުމްހޫރީ ޕާޓީ އިސްވެ އޮވެ އުފައްދާ ކޯލިޝަނަކުން ރިޔާސީ އިންތިހާބުގައި ވާދަކުރަން އެ ޕާޓީގެ ކައުންސިލުން ފާސްކުރަން ޓްރާންސްޕޯޓް މިނިސްޓަރު އަދި ޖޭޕީގެ ނައިބު ލީޑަރު އައިޝަތު ނަހުލާ ވޯޓު ދެއްވައިފި އެވެ.
- ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ވެރިކަން ލިބޭ ތަން ނުފެންނަ ކަމަށާއި އެހެންނަމަވެސް އަބަދުވެސް އެދެނީ ކާމިޔާބަށް ކަމަށް ވިދާޅުވެ، ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު އެ ޕާޓީން އިސްތިއުފާ ދެއްވައިފި އެވެ.
- ގއ. ކޮލަމާފުށީގައި ހުންނަ ޕްރިންޓުކުރާ ތަނެއްގައި މިއަދު ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
- ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ މައްސަލައެއްގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން 3،413،230 ޑޮލަރު (53 މިލިއަން ރުފިޔާ) ދައްކަން ކުރި އަމުރު، އެމަނިކުފާނުގެ ފަރާތުން ހައި ކޯޓުގައި މިއަދު އިސްތިއުނާފުކޮށްފި އެވެ.
ކުރިއަށް އޮތް ރޯދަމަހު ގދ. ތިނަދޫގައި ކުޅިވަރުކުޅުމާއި މުނިފޫހިފިލުވުމުގެ އެއްވެސް ހަރަކާތެއް ކުރިއަށް ގެންދާނަމަ ފިޔަވަޅު އަޅަން ކަމަށް އެރަށު ކައުންސިލުން ނިންމައިފި އެވެ.
ދުވަހުގެ ކޯޓޭޝަން
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވާދަ ކުރެއްވުމަށް، އެ ޕާޓީގެ ކައުންސިލުން ނިންމުމާއެކު އެ ޕާޓީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަދި މިހާރު ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު ޕާޓީން އިސްތިއުފާ ދެއްވުމަށް ފަހު ވިދާޅުވީ ގާސިމް އަށް އިންތިހާބު ކާމިޔާބުވާ ތަން ފެނިވަޑައިނުގަންނަވާ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ،
""އެހެންނަމަވެސް އެެ ބޭފުޅުންނަށް (ކައުންސިލަށް) ވަރަށް ބޮޑަށް ފެންނާތީ އެ ބޭފުޅުން ގަބޫލުކުރައްވަނީ އެ ގޮތަށް އެކަން ވާނެ ކަމަށް، އަޅުގަނޑު އެދެން އެ ގޮތަށް މަސައްކަތް ކުރައްވައިގެން ކާމިޔާބަށް، އެއާއެކުގައި އެކަން ނުފެންނާތީ، އަޅުގަނޑު ނަފްސު ގަބޫލެއް ނުކުރެވޭ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމަށް އައުމަށް ގާސިމް އިބްރާހިމަށް ރައްޔިތުން ތާއީދުކުރައްވާނެ ކަމަކަށް،"
ދުވަހުގެ ފޮޓޯ

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް ރިޔާސީ އިންތިހާބުގައި ވާދަކުރަން އެ ޕާޓީގެ ކައުންސިލުން އިއްޔެ ވޯޓު ދެނީ. -- ފޮޓޯ: ޖުމްހޫރީ ޕާޓީ












