ކުރިއަށް އޮތް ރޯދަ މަހު މާލެ ސަރަހައްދުގައި މުދާ އުފުލޭ ވަގުތުތައް އިއުލާންކޮށް އެ އެންގުމާ ހިލާފުވާ ފަރާތްތައް ޖޫރިމަނާ ކުރާނެ ކަމުގެ އިންޒާރު ޓްރާންސްޕޯޓު މިނިސްޓްރީއިން ދީފި އެވެ.
އެގޮތުން އާންމު އުސޫލުގެ ދަށުން ހުރިހާ މުދަލެއް އުފުލުން ހުއްދަ ގަޑިތަކުގެ ގޮތުގައި ޓްރާންސްޕޯޓް މިނިސްޓްރީއިން ކަނޑައަޅާފައިވަނީ ހެނދުނު 9:00 އިން ހަވީރު 4:30 އަށް އަދި ރޭގަނޑު 8:00 އިން ފެށިގެން ފަތިހު 6:00 އާ ހަމައަށެވެ.
މީގެ އިތުރުން އެ މިނިސްޓްރީއިން ބުނި ގޮތުގައި، ރޯދަ މަހުގެ ހަވީރު 4:30 އިން ފެށިގެން ރޭގަނޑު 8:00 އާ ހަމައަށް އެއްވެސް ބާވަތެއްގެ މުދަލެއް ގަނޑުކޮށް ވިޔަފާރި އުސޫލުން އުފުލުމަކީ މަނާކަމެކެވެ.
މި އަހަރުގެ ޓްރާންސްޕޯޓު މިނިސްޓްރީއިން ވަނީ ސިނަމާލެ ބުރިޖުން މުދާ އުފުލުމަށްވެސް ވަކި ގަޑިތަކެއް ވަނީ ކަނޑައާޅަފަ އެވެ. އެގޮތުން އާންމުކޮށް އުފުލާ މުދާ ބުރިޖު ހުރަސްކޮށް އުފުލޭ ގަޑިތަކަކީ ހެނދުނު 9:00 އިން ފެށިގެން ހަވީރު 4:00 އަށް އަދި ދަންވަރު 1:00 އިން ފެށިގެން ފަތިހު 6:00 އާ ހަމައަށެވެ.
އަދި އެ ވަގުތުތަކުގައި މުދާ އުފުލާ އުޅަނދުތައް ބުރިޖަށް އަރަންވާނީ މާލޭގެ ދެކުނު ފަރާތުން ބޮޑުތަކުރުފާނު މަގުން ކަމަށްވެސް އެ މިނިސްޓްރީއިން ވަނީ ބުނެފަ އެވެ.

އާންމު މުދަލުގެ އިތުރުން ކައްކާ ގޭހާއި ފެން ބުރިޖު ހުރަސްކޮށް އުފުލުމަށް ކަނޑައެޅިފައިވާ ގަޑިތަކަކީ ހެނދުނު 9:00 އިން ހަވީރު 4:00 އަށް އަދި ރޭގަނޑު 8:00 އިން ފަތިހު 6:00 އަށެވެ.
މި ނޫން ގަޑިތަކުގައި ބުރިޖު ހުރަސްކޮށް މުދާ އުފުލުންވެސް ޓްރާންސްޕޯޓް މިނިސްޓްރީއިން ވަނީ މަނާކޮށްފަ އެވެ.
އެ މިނިސްޓްރީއިން އިތުރަށް ބުނެފައިވާ ގޮތުގައި މި ގަޑިތަކާ ހިލާފުވާ ފަރާތްތައް، އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން 750ރ. އިން ޖޫރިމަނާ ކުރެވޭނެ އެވެ.













