ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން ލ. ކައްދޫއަށް ދަތުރުކުރަމުން ދިޔަ މޯލްޑިވިއަންގެ ފްލައިޓަކަށް ޓެކްނިކަލް މައްސަލައެއް ދިމާވެގެން އެމެޖެންސީގައި ލޭންޑުކޮށްފި އެވެ.
މޯލްޑިވިއަންގެ މީޑިއާ އޮފިޝަލް އަހުމަދު މުޝްއިލް "އަދަދު"އަށް ވިދާޅުވީ، އެ ފްލައިޓަކީ މިއަދު ހެނދުނު ވީއައިއޭއިން ކައްދޫއަށް ދަތުރުކުރަމުން ދިޔަ ފްލައިޓެއް ކަމަށާއި، އަލުން ވީއައިއޭގައި ޖެއްސީ ބޯޓުގައި ޓެކްނިކަލް މައްސަލައެއް އުޅޭކަން ޕައިލެޓަށް ފާހަގަކުރެވިގެން ކަަމަށެވެ.
"އިންޖިނިއަރިންއިން މިހާރު ދަނީ މިކަން ބަލަމުން. އަޅުގަނޑުމެންނަށް މީގެ އިރުކޮޅެއް ކުރިން ހަބަރު ލިބުނީ ސީރިއަސް އިޝޫއެއް ނެތް ކަމަށް،" މުޝްއިލް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ މިހާރު ބެލުމަށް ފަހު އެއްވެސް މައްސަލައެއް ނެތްކަން ފާހަގަކުރެވޭނަމަ އެ ފްލައިޓު އަލުން ކައްދޫއަށް ފުރާނެ ކަމަށެވެ.
އެކަމަކު އެ ފްލައިޓުގައި ދަތުރުކުރަން ހަމަޖެހިފައިވާ ފަސިންޖަރުން މީގެ ކުޑަ ވަގުތުކޮޅެއް ކުރިން އެހެން ފްލައިޓެއްގައި ކައްދޫއަށް ފުރާފައިވާ ކަމަށް މުޝްއިލް ވިދާޅުވި އެވެ.

މުޝްއިލް އިތުރަށް ވިދާޅުވި ގޮތުގައި، ޓެކްނިކަލް މައްސަލަ ދިމާވެފައި ވަނީ މީގެ ކުރިންވެސް ދުއްވަމުން ދިޔަ ޑޭޝް މަރުކާގެ ފްލައިޓަކަށެވެ. އެކަމަކު އެއީ ދާދި ފަހުން ގެނައި އޭޓީއާރު މަރުކާގެ ފްލައިޓެއްނޫންމަަށް އޭނާ ވިދާޅުވި އެވެ.













