މިދިޔަ މަހު 24 ވަނަ ދުވަހުގެ ރޭ މާފަންނު ބީޖީ ގަރާޖު ކައިރީ ހުރި ފިހާރައެއްގެ ތެރެއަށް ވަދެ މީހެއްގެ ގަޔަށް ވަޅި ޖަހައި މަރާލި މައްސަލައިގައި ފުލުހުން މާލޭގައި ބޮޑު އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފި އެވެ.
ރޭ 11:00 ހާއިރުން ފެށިގެން ހެންވޭރު ރޯޝަނީ މަގާއި ދީފުރަމް ގޯޅި އަދި މެހެލި ގޯޅި ބަންދުކޮށް މޫނު ނިވާކޮށްގެން ތިބި ގިނަ އަދަދެއްގެ ފުލުހުން ހަރަކާތްތެރިވި މި އޮޕަރޭޝަނަކީ ފިހާރައެއްގެ ތެރޭ މީހަކު މަރާލި މައްސަލައިގެ އޮޕަރޭޝަނެއްކަން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ "އަދަދު" އަށް ކަށަވަރުކޮށްދެއްވައިފަ އެވެ.
"މާލެ ތެރޭގަ މިފަހުން މީހަކު މަރާލި މައްސަލައިގަ ތުހުމަތުކުރެވޭ މީހަކު ހުރި ސަރަހައްދެއް ކަމަށް ބެލެވިގެން އެ ތަން ބަލާ ފާސްކުރީ،" ހަމީދު ވިދާޅުވި އެވެ.
މި މައްސަލައިގައި ފެބްރުއަރީ 26 ގައި ވަނީ އެކަކު ހައްޔަރުކޮށްފަ އެވެ. ފުލުހުން އެދުވަހު މައުލޫމާތު ދިން ގޮތުގައި ހައްޔަރުކުރީ 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.
އެ މާރާމާރީގައި މަރުވީ 30 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ މަރުވީ ލިބުނު ޒަހަމްތަކަށް އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް ފެބްރުއަރީ 27 ގަ އެވެ.

މި ފަހުން މާލޭގައި ހިންގާފައިވާ މާރާމާރީތައް ގުޅެނީ މާލޭގައި ހަރަކާތްތެރިވާ ގޭންގުތަކުގެ މެދުގައި ހިނގާ ހަމަނުޖެހުންތަކާއި ކަމަށާއި އެ މައްސަލަތަކާ ގުޅޭ ގިނަ ބަޔަކު ހައްޔަރު ކޮށްފައިވާ ކަމަށް ހަމީދު ހޮނިހިރު ދުވަހު ވަނީ މީގެ ކުރިންވެސް ވިދާޅުވެފަ އެވެ.
ސިލްސިލާ މާރާމާރީތަކާ ގުޅިގެން ހަމީދު "އަދަދު" އަށް ދެއްވި އެ އިންޓަވިއުގައި ވިދާޅުވީ، މިއީ މާލޭގެ ދެ ގޭންގަކަށް ނިސްބަތްވާ ދެ މީހެއްގެ ދެމެދުގައި މި އަހަރު ކުރީކޮޅު ޖެހުނު މައްސަލައަކާ ގުޅިގެން ހިނގާ މާރާމާރީތަކެއް ކަމަށެވެ.
"މިފަހުން މާލެ ސަރަހައްދުގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން ހިންގަމުން އަންނަ ނުރައްކާތެރި މާރާމާރީތަކަކީ 'ކުޑަހެންވޭރޭ' ކިޔައިގެން އުޅޭ ބަޔަކާއި 'އެންސީ' އޭ ކިޔައިގެން އުޅޭ ބައެއް ހިންގާ މާރާމާރީ ތަކެއް،" ހަމީދު ވިދާޅުވި އެވެ.
މާރާމާރީތައް އިތުރުވެފައިވާ މި ދަނޑިވަޅުގައި ފުލުހުން ވަނީ ދެ ކަމެއް ނިންމައިފަ އެވެ. އެއީ މާލޭ ސަރަހައްދުގައި ހިންގާ މުހިންމު އޮޕަރޭޝަންތަކުގައި ކަރަންޓު ޝޮކު ޖައްސާ ޓޭޒާ ބަޑި އިއްޔެ ބޭނުންކުރަން ފެށުމެވެ. އަދި ހެލްމެޓް އެޅުން ލާޒިމު ކުރާ ސަރަހައްދުތައް ފިޔަވައި އެހެނިހެން ސަރަހައްދުތަކުގައި ހެލްމެޓް އަޅައިގެން ދުއްވާނަމަ ފާރަވެރިވާނެ ކަމަށް ބުނުމެވެ.












