ވިލިމާލޭ ފުލުުހުންގެ ކަސްޓޯޑިއަލުގައި ހުއްޓައި ފިލި މީހަކު 21،000ރ. އިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
މި މައްސަލައާ ގުޅިގެން މ. ހިއްސާ/ އާޒިފް އަބްދުލްހަކީމްގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ޖިނާއީ ބަންދަކުން ފިލުމުގެ ކުށުގެ ދައުވާ އެވެ.
މިކަން ހިނގާފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ އަށް ވަނަ ދުވަހު އެވެ. އޭނާ ފިލައިގެން ގޮސްފައި ވަނީ ކުރި ކުށަކާ ގުޅިގެން ބަންދަށް 15 ދުވަސް ޖަހާފައި ހުއްޓަ އެވެ.
އަވަސްނިޔާގެ ގޮތުގައި ކުރިއަށް ގެންދިޔަ މި މައްސަލައިގައި ދައުލަތުން އާޒިފްގެ މައްޗަށް އުފުލާފައިވާ ދައުވާއަށް އިބްތިދާއީ މަރުހަލާއާއި އަވަސްނިޔާ މަރުހަލާގައި ވެސް އޭނާ ވަނީ އިއުތިރާފުވެފަ އެވެ.
ގާނޫނުލްއުގޫބާތުގައި ވާގޮތުން މި ކުށުގެ އަސާސީ އަދަބަކީ ތިން މަހާއި 18 ދުވަހުގެ މުއްދަކަށް ޖަލަށް ލުމެވެ. ނަމަވެސް މައްސަލަ ބެއްލެވި ގާޒީ ވަނީ ދެ މަރުހަލާގައިވެސް ކުށަަށް އިއުތިރާފުވެފައި ވާތީ އާޒިފްގެ އަދަބު ލުއިކޮށްދީފަ އެވެ.

އެއާއެކު އޭނާގެ މައްޗަށް ހުކުމްކޮށްފައި ވަނީ 21،600ރ. ޖޫރިމަނާއެއް އެއް އަހަރު ދުވަހުގެ މުއްދަތެއްގެ ތެރޭގައި މޯލްޑިވްސް އިންލެންޑު ރެވެނިއު އޮތޯރިޓީ (މީރާ)އަށް ދައްކާ ހަލާސްކުރުމަށެވެ.












