މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހިންގި އޮޕަރޭޝަނެއްގައި ހަތަރު ކިލޯގެ ހެރޮއިން އަތުލައިގެންފި އެވެ.
ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މަސްތުވާތަކެތި އަތުލައިގަތީ ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރިކަމަށް ފުލުހުންނަށް ލިބިފައިވާ އިންޓެެލިޖެންސް މައުލޫމާތުގެ މައްޗަށް ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
އެގޮތުން މި މަހުގެ ހަތަރު ވަނަ ދުވަހު މާލޭގެ 10 ތަނެއް ބަލައިފާސްކޮށް ފަސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި ހައްޔަރުކުރި ފަސް މީހުންނަކީ ވެސް ދިވެހި ފިރިހެނުން ކަމަށް ހަމީދު ވިދާޅުވި އެވެ.
އަދި މި އޮޕަރޭޝަނުގައި ހަތަރު ކިލޯ ހެރޮއިން ފޮރުވާފައި ހުއްޓާ ހޯދި ކަމަށް ވެސް ސީޕީގެ ޓުވީޓްގައި ވިދާޅުވެފައިވެ އެވެ. ޓުވިޓާގައި ހިއްސާކުރައްވާފައިވާ ފޮޓޯތަކުން ފެންނަ ގޮތުން މި ތަކެތި ހުރީ ތިޖޫރިއަކަށްލައި ފޮރުވާފަ އެވެ.
މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމާއި އެތަކެތީގެ ވިޔަފާރި ހުއްޓުވުމަށް ފުލުހުންނާއި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން އަންނަނީ ގިނަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. އެގޮތުން މިދިޔަ އަހަރާއި މި އަހަރުގެ ތެރޭގައި ވެސް ގިނަ އަދަދެއްގެ މަސްތުވާތަކެތި ފުލުހުން އަތުލައިގެންފައިވެ އެވެ.













