އައްޑު އާއި މާލެއާދެމެދު މުދާ އުފުލާ އާގަލާ ބޯޓުގައި ރޯވެ އެ ބޯޓުން ދަތުރުކުރި ފަޅުވެރިޔަކު ގެއްލުނު ހަބަރު އިއްޔެ ރިޕޯޓުކުރި އެވެ.
އެ ބޯޓުގައި ރޯވީ އާދީއްތަ ދުވަހު ދަންވަރު 02:47 ގައި މ. ތުވަރުން 0.96 ނޯޓިކަލް މޭލު ބޭރުގައި އޮއްވަ އެވެ.
އެމްއެންޑީއެފް އިން ބުނީ އެ ވަގުތު އެ ބޯޓުގައި ތިބީ 15 ފަޅުވެރިން ކަމަށާއި އެއީ ފަސް ދިވެހިންނާއި، ފަސް އިންޑިއާ މީހުން އަދި ބަންގްލަދޭޝްއަށް ނިސްބަތްވާ ފަސް މީހުން ކަމަށެވެ.
ބޯޓުގައި ރޯވުމުން ކަނޑަށް ފުންމާލި ފަޅުވެރިންގެ ތެރެއިން 14 މީހަކު ސަލާމަތް ކޮށްފައިވާއިރު އިންޑިއާއަށް ނިސްބަތްވާ އެކަކު ގެއްލިގެން ހޯދަމުންދާ ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފަ އެވެ.
ބޯޓުގެ ފެނުން މަތީގައި ހުރި ބައި އަނދައި ހުލިވެ، ބޯޓު އިއްޔެ އަޑިއަށް ދިޔަ އެވެ. އެހެންވެ، ބޯޓުގެ ބައެއް ތަކެތި އޮޔާދާތީވެ ސަމާލުވުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފަ އެވެ.

މުހިންމު ބައެއް ހަބަރު
- ހައި ކޯޓުގައި ހުސްވެފައިވާ ފަނޑިޔާރު ކަމުގެ މަގާމަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް އައްޔަންކުރަން ނިންމާފައިވާ ކަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހާމަކުރި އެވެ.
- ކޮވިޑުގެ ބަލިމަޑުކަމުގެ ތެރެއިން ވެންޓިލޭޓަރުތަކެއް ހޯދަން ހަވާލުކުރުމުގައި ކޮރަޕްޝަނުގެ އަމަލުތައް ހިންގާފައިވާ ކަމަށް ބުނާ މައްސަލާގައި ފިނޭންސް މިނިސްޓްރީން ގާނޫނާއި ގަވައިދުތަކާ ހިލާފަށް އަމަލު ކޮށްފައި ނުވާނެ ކަމަށް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވި އެވެ.
- އަންނަ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ވާދަކުރުމަށް ރިޔާސީ ކެންޑިޑޭޓު ކަމުގެ އިތުރުން އެ އިންތިހާބުގައި ކޯލިޝަން ހެދުމުގެ ބާރު ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ދޭން ޕާޓީގެ ކައުންސިލުން ފާސްކުރި އެވެ.
- ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބަައި-އިލެކްޝަނުގައި އިދިކޮޅު ޕީޕީއެމްގެ ފަރާތުން ވާދަކުރާ ކެނޑިޑޭޓަކު ހޮވުމަށް ބާއްވާ އެ ޕާޓީގެ ޕްރައިމަރީ އަންނަ ހުކުރު ދުވަހު ބާއްވަން ނިންމި އެވެ.
- ތެޔޮ ބޯޓެއްގައި އެކުގައި މަސައްކަތް ކުރި ބިދޭސީއަކު މަރާލިކަމުގެ ތުހުމަތުގައި ބަންދުކޮށްފައި ހުރި މުހައްމަދު ނިޒާމުގެ ބަންދަށް އިތުރު 30 ދުވަސް ޖެހި އެވެ.
ދުވަހުގެ ކޯޓޭޝަން
ކޮވިޑުގެ ބަލިމަޑުކަމުގައި ވެންޓިލޭޓަރު ހޯދަން ހަވާލުކުރުމުގައި ކޮރަޕްޝަނުގެ އަމަލުތައް ހިންގާފައިވާ ކަމަށް ބުނާ މައްސަލާގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އިއްޔެ ވިދާޅުވީ؛
ކޮވިޑް އޮފީހުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓު އޮފް ހެލްތުގައި ވެންޓިލޭޓަރު މައްސަލައިގައި ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު، މިނިސްޓްރީ އޮފް ފިނޭންސުން ގާނޫނާ ގަވައިދާ ހިލާފަށް އެއްވެސް ކަމެއް ކޮށްފައިވާ ކަމަށް ފާހަގަކޮށްފައި ނުވޭ،"
ދުވަހުގެ ފޮޓޯ

ރެޑްވޭވުގެ 15 ވަނަ ފިހާރަ ހުޅުވުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ ޗެއާމަން އަހުމަދު ސަލީމް، މުވައްޒަފުންނާއެކު. -- ފޮޓޯ: އަދަދު












