ޏ. ފުވައްމުލަކުގައި ހަށިވިއްކާ ކަމުގެ ތުހުމަތުގައި ތިން މީހަކު އިއްޔެ ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ އެ ރަށުގައި ހިންގާ ސްޕާއެއްގައި ހަށިވިއްކާ ކަމުގެ މައުލޫމާތު ލިބިގެން ކޯޓު އަމުރެއްގެ ދަށުން ފުލުހުން އެތަން ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
މި އޮޕަރޭޝަންގައި އެ ތަނުން ތައިލޭންޑުގެ 43 އަހަރުގެ އަންހެނަކާއި 36 އަހަރުގެ އަންހެނެއްގެ އިތުރުން އުމުރުން 31 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ހަށިވިއްކާ ކަމުގެ ތުހުމަތުގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މާލެއިން ވެސް މިދިޔަ މަހު ބަޔަކު ހައްޔަރުކޮށްފައިވެ އެވެ. އެ މައްސަލައިގައި ހައްޔަރުކުރީ ތިން ބިދޭސިންނާއި ދިވެއްސެކެވެ.
ސަރުކާރުން ވަނީ ރާއްޖޭގައި ހިންގާ ސްޕާތަކުގެ ހިދުމަތްތައް މޮނީޓާކޮށް އެތަންތައް ރަޖިސްޓްރީކޮށް ހިންގުމަށް ހަރުކަށި ގަވައިދެއް އެކުލަވާލައިފަ އެވެ. އެގޮތުން، އެ ތަންތަނުން އިސްތިހާރުކުރުމުގައި އެއްވެސް މީހަކު ނުދެއްކުމަށް އަދި ނުހިމެނުމަށް މި ގަވާއިދުން ވަނީ މަޖުބޫރުކޮށްފަ އެވެ.

ރާއްޖޭގައި ސްޕާތަކުގެ ނަމުގައި ހަށިވިއްކާ ތަންތަން ހިންގާ ކަމަށް ބުނެ އާންމުންގެ ތެރެއިން ވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މީގެކުރިން ވެސް މިފަދަ ތަންތަން ހުއްޓުވުމަށް ފުލުހުން ހިންގި އޮޕަރޭޝަންތަކުގައި ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކުރި އެވެ.












