މިދިޔަ އަހަރުގެ ފުރަތަމަ ދެ މަސް ދުވަހާ އަޅާބަލާއިރު, މިއަހަރުގެ ޖެނުއަރީ އަދި ފެބްރުއަރީގައި ފަތުރުވެރިކަމަށް 25 ޕަސަންޓުގެ ކުރިއެރުމެއް ލިބިފައިވާ ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ފުރަތަމަ ދެ މަސް ދުވަހު ރާއްޖެ ޒިޔާރަތް ކޮށްފައި ވަނީ 280,776 ފަތުރުވެރިންނެވެ. އޭގެ ކުރީ އަހަރު 188,985 ފަތުރުވެރިންނެވެ. ނަމަވެސް، މިއަހަރުގެ އެ މުއްދަތުގައި 350,413 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފަ އެވެ.
މީގެ ކުރިން ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓުގެ އެންމެ ކުރީގައި އޮންނަ އެއް ގައުމު ކަމަށްވާ ޗައިނާ ހުޅުވާލައި، އެ ގައުމުން ސީދާ ފްލައިޓުތައް ރާއްޖެއަށް ދަތުރުކުރަން ފެށުމާ އެކު ވަނީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ދަތުރުކުރާ 10 ގައުމުގެ ލިސްޓުގެ އަށްވަނައިން ޖާގަ ހޯދާފަ އެވެ.
ކޮވިޑުގެ ކުރިން ރާއްޖޭގެ ފަތުރުވެރިކަން ހުރި މިންވަރަށް އިއާދަވެފައިވާއިރު، މިއަހަރު ރާއްޖޭގެ މާކެޓްގެ އެންމެ ބޮޑު ހިއްސާއެއް އޮތީ ރަޝިޔާގަ އެވެ. އެއަށްފަހު އިންޑިއާ، ޔޫކޭ, އިޓަލީ އަދި ޖާމަނީން ވެސް ގިނަ އަދަދަކަށް ފަތުރުވެރިން އާދެ އެވެ.
މި އަހަރު ރާއްޖެ މާކެޓް އެންމެ ބޮޑު ހިއްސާއެއް އޮތް ރަޝިޔާއިން މިހާތަނަށް ރާއްޖެއަށް 44,748 ފަތުރުވެރިން އައިސްފައި ވެއެވެ.

ފަތުރުވެރިކަން ދުވަހަކަށްވުރެ ދުވަހެއް ރަނގަޅުވަމުން އަންނައިރު، ރާއްޖޭގައި އޮޕަރޭޝަނަލް ކެޕޭސިޓީގައި 60,138 އެނދު އެބަހުއްޓެވެ. އޭގެ ތެރޭގައި 168 ރިސޯޓުގެ 41،049 އެނދާއި، 13 ހޮޓެލެއްގެ 1640 އެނދާއި، 886 ގެސްޓްހައުސްއެއްގެ 14,310 އެނދު އަދި 154 ސަފާރީއެއްގެ 3139 އެނދު ހިމެނެ އެވެ.
މުހިންމު ބައެއް ހަބަރު
- މިދިޔަ މަހުގެ 16 ވަނަ ދުވަހުން ފެށިގެން ހަބަރެއް ނުވެ، ވީނުވީއެއް ނޭނގި ގެއްލިގެން ހޯދަމުން ދިޔަ ސ. ހުޅުދޫ / ސަނީލޮޖް، އަލީ އާރިފް (46އ) ފެނިއްޖެ އެވެ.
- ރ. ދުވާފަރު ކައުންސިލުގެ މޮނިޓަރިން އޮޑިޓުން ފާހަގަވި ކޮރަޕްޝަނުގެ މައްސަލަ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރުމަށްފަހު ދައުވާ ކުރުމަށް އެދި ޕީޖީގެ އޮފީހަށް ފޮނުވައިފި އެވެ.
- ވައްކަމާއި, މަސްތުވާތަކެތި ޓްރެފިކް ކުރުން އަދި ގަސްތުގައި މީހަކު މެރުން ހިމެނޭހެން ގދ ތިނަދޫ, މަނާރު, މުހައްމަދު ނިޒާމުގެ މައްޗަށް ތިން ދައުވާއެއް އުފުލާފައިވާކަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ހާމަކޮށްފި އެވެ.
- މިނިސްޓަ އޮފް ފޮރިން އެފެއާޒް، އަބްދުﷲ ޝާހިދު، އިންޑިއާގެ މިނިސްޓާ އޮފް އެކްސްޓާނަލް އެފެއާޒް ޑރ. ސުބްރަމާނަޔަމް ޖަޔަޝަންކަރާ ބައްދަލުކުރައްވައިފި އެވެ.
ދުވަހުގެ ކޯޓޭޝަން
ވެރިކަން ކުރާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ސިޔާސަތުތަކާއި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ސިޔާސަތުތަކާ ތަފާތު ކަމަށާއި އެހެންކަމުން ވެރިކަމުގެ ބޭނުމުގައި އެ ޕާޓީއާއެކު ކޯލިޝަން ނަހަދާނެ ކަމަށް އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) ވިދާޅުވި އެވެ. ނުވާހާސް މެމްބަރުން ތިބި އެމްއެންޕީގެ ނާޒިމް ވިދާޅުވީ؛
މި ސަރުކާރުގެ އިގްތިސާދީ ސިޔާސަތުތަކަކީ ވަރަށް ދޯހަޅި ސިޔާސަތުތަކެއް. ދެއުޅި އެއްނުވާ ގޮތަށް ކަންކަން މި ދަނީ. ގަބޫލުކުރަން ލޯނު ނަގަން ޖެހޭ ކަން ވެސް. އެކަމަކު ލޯނު މެނޭޖު ކުރުމުގެ ސިޔާސަތެއް ނެތް. މި ފެންނަނީ ތާކުންތާކު ނުޖެހޭ ގޮތަށް އެކި ކަންކަމަށް ހަރަދުކުރާ ތަން،"
ދުވަހުގެ ފޮޓޯ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބާބަކިއު ސަރަހައްދެއް ގާއިމްުކޮށް, އެތަން ރަސްމީކޮށް ހުޅުވުމަށް އިއްޔެ ބޭއްވި ބާބަކިއު -- ފޮޓޯ: އެޗްޑީސީ












