މިދިޔަ މަހުގެ 16 ވަނަ ދުވަހުން ފެށިގެން ހަބަރެއް ނުވެ، ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހަކު ހޯދަން ފުލުހުން އިއުލާނުކޮށްފި އެވެ.
ފުލުހުން ބުނީ ސ. ހުޅުދޫ / ސަނީލޮޖް، އަލީ އާރިފް (46އ) ނަމަކަށް ކިޔާ މީހެއްގެ ހަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އާއިލާއާ ހަވާލާދީ ފުލުހުން ބުނެފައިވާ ގޮތުގައި އޭނާ ދިރިއުޅެމުން އަންނަނީ މާލޭގަ އެވެ. އަދި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން އާއިލާއަށް އެއްވެސް ހަބަރެއް ނުވެ އެވެ.
ފުލުހުން އިތުރަށް ބުނެފައިވާ ގޮތުގައި އޭނާއަކީ ކަންނެލި މަސްވެރިކަމުގެ މަސައްކަތް ކުރަމުން އަންނަ މީހެކެވެ.
އަލީ އާރިފް ހޯދުމަށް މިހާ ތަނަށް ފުލުހުން ކުރި މަސައްކަތުން ކާމިޔާބު ވެފައިނުވާއިރު، އޭނާގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ވިލިމާލެ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9790083 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.

އާރިފްގެ އިތުރުން މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ ރޭގެ ފަހުން ވީނުވީ އެއް ނޭނގި އއ. މަތިވެރި، ހަސަން އަލީ (ހަސަންފުޅު) ގެއްލިގެން ފުލުހުން ވަނީ އިއުލާނުކޮށްފަ އެވެ.
މަތިވެރިން ގެއްލުނު ހަސަންފުޅުގެ ހަބަރެއް އަދިވެސް ވެފައި ނުވާއިރު އޭނާ ހޯދުމަށް ބޮޑު ސަރަހައްދެއް ބަލާފައިވެ އެވެ.













