ގޭންގެއްގެ ބަޔަކު ހެލްމެޓާއި މާސްކު އަޅައި މޫނު ނިވާކޮށްގެން ތިބެ، ހުޅުމާލޭ 'ޖޫސް ޓައިމް' ކެފޭއަށް ވަދެގަދަ އެތަން ފުނޑާލި މައްސަލައިގައި ހަތް މީހަކު ހައްޔަރުކޮށްފި ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފެބްރުއަރީ 17 ވަނަ ދުވަހުގެ ދެ މީހަކު ސައިކަލްގައި ގޮސް، އެ ސައިކަލް ކެފޭ ކުރިމަތީގައި ޕާކް ކުރުމަށް ފަހު ކެފޭގެ ބިއްލޫރި ދޮރުތައް ތަޅާލައި، އެތެރެއަށް ވަދެ، ތަކެއްޗަށް ގެއްލުންދީ، ވަތްގަނޑުގައި ހުރި ފައިސާ ލޫޓުވާލުމަށް ފަހު ފިލާ މަންޒަރު، ލީކްވެފައިވާ ވޯޑިއޯތަކުން ފެނެ އެވެ.
އެ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހުޅުމާލޭގެ އެޕާޓްމަންޓެއް ބަލައި ފާސްކޮށް، މައްސަލައިގެ ތުހުމަތުގައި ހަތް މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި ހަ ދިވެހި ފިރިހެނުންނާއި އެއް ދިވެހި އަންހެނެއް ހިމެނޭ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ނަމަވެސް އެއީ ކޮން ބައެއް ކަމަށް ހާމައެއް ނުކުރެ އެވެ.
އެ މީހުން ހައްޔަރުކުރިއިރު ތިބި އެޕާޓްމަންޓު ބަލައި ފާސްކުރުމުގެ ތެރޭގައި އެތަނުން މާރާމާރީ ހިންގުމަށް ބޭނުންކުރާ ބައެއް ތަކެއްޗާއި މަސްތުވާތަކެތި ފެނިފައިވާ ކަމަށްވެސް ފުލުހުން ބުނެ އެވެ.

ހުޅުމާލޭ ކެފޭއަށް ގެއްލުންދިނުމާއި މާލޭގައި ހިނގަމުންދާ ސިލްސިލާ މާރާމާރީތަކާއި ގުޅިގެން "އަދަދު" އަށް މައުލޫމާތު ދެއްވަމުން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ، މިއީ މާލޭގައި ހަރަކާތްތެރިވާ ހަތަރު ގޭންގެއްގެ މެދުގައި އުފެދިފައިވާ ހަމަނުޖެހުންތަކެއްގެ ސަބަބުން ހިނގަމުންދާ ކަންތައްތަކެއް ކަމަށެވެ.
"ހުޅުމާލޭގައި ވިޔަފާރި ހިންގާ ތަނަކަށް އަމާޒުކޮށް ގެއްލުންދިން ދިނުމަކީ، މަސްއޮޑިއޭ ކިޔައިގެން އުޅޭ ބަޔަކާއި ވައިކަންމައްޗޭ ކިޔައިގެން އުޅޭ ބައެއްގެ މެެދުގައި ޖެހިގެން އުޅޭ މައްސަލަ އަކާއި ގުޅިފައިވާ ކަމެއް" ހަމީދު ވިދާޅުވި އެވެ.
މާރާމާރީތަކުގައި ހަރަކާތްތެރިވާ މީހުން މާލެތެރޭގައި ހަރަކާތްތެރިވަނީ ހެލްމެޓު އަޅައި، ދުއްވާ ސައިކަލުގެ ނަންބަރު ޕުލޭޓް ބަދަލުކޮށްގެންކަން ކަމަށް ހަމީދު ވިދާޅުވި އެވެ.
މި މާރާމާރީތަކަށް ފަހުން ފުލުހުން ބުނެފައިވަނީ ހެލްމެޓް އެޅުން މަޖުބޫރު ނޫން ސަރަހައްދުތަކުގައި ހެލްމެޓު އަޅައިގެން އުޅޭ މީހުން ބަލައި ފާސްކުރާނެ ކަމަށެވެ.












