ފަރުނީޗަރު ވިއްކާ ބައެއް ކަަމަށް ބުނެ އޮޅުވާލައިގެން އުޅެނިކޮށް އާންމުންގެ ބަޔަކު އަތުލައިގަތް ދެ މީހުންގެ މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
މިހާރު މީސްމީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއަކުން ފެންނަނީ، އާންމުންގެ ބަޔަކު ދެ މީހަކު ހުއްޓުވައި، މަކަރާއި ހީލަތުން އެތައް ބައެއްގެ އަތުން ފައިސާ އަތުލިކަމަށް ތުހުމަތުކުރާ މަންޒަރެވެ.
އެކަމާ ގުޅިގެން "އަދަދު"އިން ސުވާލުކުރުމުން ފުލުހުން ބުނީ ރޭ 9:00 ހާއިރު، މަކަރާއި ހީލަތުން ފައިސާ އަތުލިކަމުގެ ތުހުމަތުގައި ހުޅުމާލެ ޕްލެޓިނަމް ކައިރިން ދެ މީހަކު ހިފަހައްޓައި ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.
ނަމަވެސް އެމީހުން ހައްޔަރުކުރިކަމަށް ފުލުހުން ނުބުނެ އެވެ. ފުލުހުން ބުނީ މި މައްސަލާގައި ބަލަން ޖެހޭ ކަންކަން ބަލަމުންްދާ ކަމަށެވެ.
އެ ދެ މީހުން ވަނީ ފިހާރައެއްގެ ނަމުގައި ބިލު ހަދައި، ގިނަ ބައެއްގެ އަތުން ގަނޑުކޮށް ފައިސާ އަތުލާފައިވާކަމަށް އެމީހުން އަތުލައިގަތް އާންމުންގެ މީހުން ތުހުމަތުކުރެ އެވެ.

އެތައް ގޮތަކުން އޮޅުވާލައިގެން މަކަރާއި ހީލަތް ހެދުމުގެ އެކި މައްސަލަަތައް އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. މިފަދަ މީހުން އަންނަނީ ބޭންކުތަކުގެ ނަމުގާ ގުޅައިގެންނާއި އެހެން ގޮތްގޮތުން ބޭންކުގެ މައުލޫމާތުތައް ހޯދައިގެން އެކައުންޓުތަކަށް އެކްސެސްވެ މީހުންގެ އެކައުންޓުތަކުން ވެސް ވައްކަން ކުރަމުންނެވެ.
ފުލުހުން އަންނަނީ ވިޔަފާރީގެ ނަމުގައި ހިންގާ މިފަދަ އެކިއެކި ކަންކަމަށް ފާރަވެރިވުމަށާއި، ހާއްސަކޮށް އޮންލައިން ވިޔަފާރިކުރާއިރު ސަމާލުވުމަށް އިލްތިމާސްކުރަމުންނެވެ.












