ހުކުރު ދުވަހުގެ ރޭ މާފަންނު ބީޖީ ގަރާޖު ކައިރީ ހުރި ފިހާރައެއްގެ ތެރެއަށް ވަދެ މީހެއްގެ ގަޔަށް ވަޅި ޖަހައި މާރާމާރީ ހިންގުމުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ އެކަކު ރޭ ދަންވަރު ހައްޔަރުކޮށްފައިވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.
މިއަދު ކުރެއްވި ޓުވީޓެއްގައި ހަމީދު ވިދާޅުވީ އެ މާރާމާރީގައި ބައިވެރިކަމަށް ތުހުމަތު ކުރެވޭ އެކަކު ހައްޔަރު ކުރީ ފުލުހުންގެ ތަހުގީގަށް ހޯދުނު ހޯދުމުގެ މައްޗަށް ބަލައި، ކޯޓު އަމުރެެއްގެ ދަށުން ކަމަށެވެ.
އެ މާރާމާރީގައި ޒަހަމްވި 30 އަހަރުގެ ދިވެހި ފިރިހެން މީހާއަށް އައިޖީއެމްއެޗުގެ އައިސީޔޫގައި އަންނަނީ ފަރުވާ ދެމުންނެވެ. އޭނާގެ ހާލު ކްރިޓިކަލް ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.
އެ ހާދިސާގެ މަންޒަރު ދުށް ފަރާތްތަކުން މައުލޫމާތު ދިން ގޮތުގައި އޭނާއަށް ހަމަލާދިނީ ހެލްމެޓު އަޅައިގެން ސައިކަލުގައި އައި ދެ މީހެކެވެ.
މާލޭގައި މި ފަހަކަށް އައިސް ސިލްސިލާ މާރާމާރީތަކެއް ހިނގަމުންދާއިރު އެކަމާ ގުޅިގެން ކޮމިޝަނާ ހަމީދު އިއްޔެ "އަދަދު" އަށް ވިދާޅުވީ މިއީ މާލޭގެ ދެ ގޭންގަކަށް ނިސްބަތްވާ ދެ މީހެއްގެ ދެމެދުގައި މި އަހަރު ކުރީކޮޅު ޖެހުނު މައްސަލައަކާ ގުޅިގެން ހިންގާ މާރާމާރީތަކެއް ކަމަށެވެ.

"މިފަހުން މާލެ ސަރަހައްދުގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން ހިންގަމުން އަންނަ ނުރައްކާތެރި މާރާމާރީތަކަކީ 'ކުޑަހެންވޭރޭ' ކިޔައިގެން އުޅޭ ބަޔަކާއި 'އެންސީ' އޭ ކިޔައިގެން އުޅޭ ބައެއް ހިންގާ މާރާމާރީ ތަކެއް،" ހަމީދު އިއްޔެ ވިދާޅުވި އެވެ.
މި މައްސަލަތަކާ ގުޅިގެން ފުލުހުން ހިންގަމުންދާ އޮޕަރޭޝަންތަކުގެ ތެރެއިން މިދިޔަ ދެ މަސް ދުވަހުގެ ތެރޭގައި 16 މީހަކު ހައްޔަރުކޮށް، މިފަދަ މާރާމާރީތަކުގައި ބައިވެރިވާ ފަރާތްތަކުން މީހުން ފިލަން ވަންނަ ހަތަރު 'ސޭފް ހައުސް' އެއް ބަލައި ފާސްކޮށް އެ ތަންތަނުން އެކި ބާވަތުގެ ހަތިޔާރު ހޯދާފައިވާ ކަމަށް ވެސް ހަމީދު އިއްޔެ ވިދާޅުވި އެވެ.













