ނެވެލް އާކިޓެކްޓް ފިލިޕް ލައުރެއްލާ ނިޔާވެއްޖެ އެވެ.
ފްރާންސްގެ ފިލިޕް ލައުރެއްލާ, 81 ރާއްޖެ އައީ މީގެ 46 އަހަރު ކުރިންނެވެ. އެ އަހަރުތަކުގެ ތެރޭގައި އޭނާ ވަނީ ރާއްޖެއަށް އެކި ދާއިރާތަކުން ހިދުމަތް ކޮށްދީފަ އެވެ. އެގޮތުން ކަނޑު އުޅަނދުތައް ފަރުމާ ކުރުމާއި, ކުރެހުމުގެ ދާއިރާގެ އިތުރުން ރެސްޓޯރެންޓް ހިންގުމުގެ ދާއިރާގައި ވެސް އޭނާ ވަނީ ރާއްޖެއަށް ހިދުމަތް ކޮށްދީފަ އެވެ.
ދިވެއްސަކާއި ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅެން ފެށި ފިލިޕް ރާއްޖެއަށް ކޮށްދިން ހިދުމަތްތަކުގެ ތެރޭގައި ރާއްޖޭގެ އެންމެ ފުރަތަމަ ސަފާރީ ބޯޓު ބަރަބާރު ޑިޒައިން ކުރުން ހިމެނެ އެވެ. ބޯޓިން ދާއިރާއަށް 10 އަހަރު ދުވަހު ހިދުމަތް ކޮށްދިނުމަށް ފަހު އޭނާ ވަނީ މާލޭގައި ރެސްޓޯރެންޓެއް ހުޅުވާފަ އެވެ. މީގެ އިތުރުން އޭނާއަކީ ރާއްޖޭގައި ނަން ވިދާ މަޝްހޫރު އާޓިސްޓެއް ވެސް މެއެވެ.
މިދިޔަ ނޮވެމްބަރު މަސް ތެރޭގައި ރާއްޖޭގައި ވަނީ 'ސާޗިން ފޯ ލޮސްޓް ޓައިމް' ގެ ނަމުގައި އޭނާގެ ކުރެހުމުގެ މައުރަޒެއް ވެސް ބާއްވާފަ އެވެ. އެ މައުރަޒުގައި ރާއްޖޭގެ ހިތްގައިމު މާހައުލު ރަމްޒުކޮށްދޭ އެތައް ކުރެހުމެއް ހިމަނާފައި ވެއެވެ.
ފްރާންސްއަށް އުފަން ފިލިޕް ލައުރެއްލާ ނިޔާވުމާ ގުޅިގެން ރާއްޖޭގެ ބޯޓިން އެސޯސިއޭޝަނުގެ ރައީސް އިސްމާއިލް ހަމީދު (ހައިރައިޒް އިއްސެ) ވަނީ އެ އެސޯސިއޭޝަނުގެ ނަމުގައި ފިލިޕްގެ އާއިލާއަށް ތައުޒިޔާ ދަންނަވާފަ އެވެ. އަދި ރާއްޖޭގެ ބޯޓިން އެސޯސިއޭޝަނުގެ ކުރިއެރުމަށް ފިލިޕް ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާކަން ވެސް ފާހަގަކުރައްވާފައި ވެއެވެ.















