މޫނު ނިވާ ކޮށްގެން ތިބި ދެ މީހަކު ހުޅުމާލޭގައި ހުރި ކެފޭއަކަށް ވަދެ ބޮޑެތި ގެއްލުންތަކެއް ދީފި އެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ހުޅުމާލޭގައި ހުންނަ 'ޖޫސް ޓައިމް' ނަމަކަށް ކިޔާ ކެފޭއަށް ބަޔަކު ގެއްލުން ދީފައިވާ މައްސަލައެއް ފުލުހުންނަށް ރޭގެ ވަގުތެއްގައި ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
އެކަމުގައި ހަރަކާތްތެރިވި ދެ މީހުން ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ބުނެފައިވެ އެވެ.
އެ ހާދިސާގެ ސީސީޓީވީ މިހާރު އަންނަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ. ވީޑިއޯއިން ފެންނަ ގޮތުގައި ހަމަލާ ދޭ ދެ މީހުން ވެސް ތިބީ ހެލްމެޓު އަޅައި މޫނު ފޮރުވައިގެންނެވެ. އަދި ދެ މީހުން އަތުގައި އޮތް މަރުތޭލުން ބިއްލޫރިގަނޑު ތަޅާލައި އެ ތަނަށް ގެއްލުން ދޭ ތަން ފެނެ އެވެ.
އެ މީހުން އެ ތަނަށް ވަނުމާއެކު ކެފޭގެ ކޭޝިއަރު ވަނީ ތަން ދޫކޮށް ނިކުމެފަ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ އެހެން ވީޑީއޯއަކުން އެ ތަނަށް ގެއްލުން ދިނުމަށް ފަހު ދެ މީހުން ނުކުމެގެން، ސައިކަލަކަށް އަރައިގެން ދާ ތަން ފެނެ އެވެ.












