ހަށިވިއްކާ ކަމުގެ ތުހުމަތުގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރި ދިވެހި މީހާ ދޫކޮށްލާ ހައްޔަރުކުރި ތިން ބިދޭސީންނަށް ބަންދުގެ މުއްދަތު ޖަހައިފި އެވެ.
ފުލުހުން މިއަދު ބުނީ މި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، 43 އަހަރުގެ ދިވެހި ފިރިހެން މީހާ ކޯޓުން ޝަރުތުތަކަކާ އެކު ދޫކޮށްލާފައިވާ ކަމަށެވެ.
އަދި މި މައްސަލައިގައި ހައްޔަރުކުރި 43 އަހަރުގެ ބިދޭސީ ފިރިހެން މީހާގެ ބަންދަށް 15 ދުވަސް އަދި ބިދޭސީ ދެ އަންހެނުންގެ ބަންދަށް އެއް ދުވަސް ޖަހާފައިވާ ކަމަށެވެ.
މި އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުން ހައްޔަރުކޮށްފައިވަނީ މާލޭގައި ހުންނަ 'ރޯޅި' ނަމަަކަށް ކިޔާ ގެސްޓުހައުސްއަކުންނެވެ.
ފުލުހުން އިއްޔެ ބުނެފައިވަނީ ހައްޔަރުކުރި ދިވެހި ފިރިހެން މީހާ އަދި ބިދޭސީ އަންހެނަކު ހައްޔަރުކުރީ ޖިންސީ ގުޅުން ހިންގަމުންދަނިކޮށް ކަމަށެވެ.

ފުލުހުން މި އޮޕަރޭޝަން ހިންގާފައިވާއިރު އިއްޔެ ސަރުކާރުން ވަނީ ރާއްޖޭގައި ހިންގާ ސްޕާތަކުގެ ހިދުމަތްތައް މޮނީޓާކޮށް އެތަންތައް ރަޖިސްޓްރީކޮށް ހިންގުމަށް ހަރުކަށި ގަވާއިދެއް އެކުލަވާލައިފަ އެވެ. އެގޮތުން، އެ ތަންތަނުން އިސްތިހާރުކުރުމުގައި އެއްވެސް މީހަކު ނުދެއްކުމަށް އަދި ނުހިމެނުމަށް މި ގަވާއިދުން ވަނީ މަޖުބޫރުކޮށްފަ އެވެ.
ރާއްޖޭގައި ސްޕާތަކުގެ ނަމުގައި ހަށިވިއްކާ ތަންތަން ހިންގާ ކަމަށް ބުނެ އާންމުންގެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މީގެކުރިން ވެސް މިފަދަ ތަންތަން ހޯދުމަށް ފުލުހުން ހިންގި އޮޕަރޭޝަންތަކުގައި ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކުރި އެވެ.













