ކަންފަތަށް އަޑު ނީވުން ފަދަ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފަރުވާދޭ ކަމަށް ދައުވާ ކުރާ އީރާގުގެ މާލާ އަލީ މަހުމޫދު ރާއްޖެ ނާދެވޭ ގޮތައް ބްލެކްލިސްޓުކޮށްފި އެވެ.
އިމިގްރޭޝަންގެ މީޑިއާ އޮފިޝަލް މިފްތާހު މުހައްމަދު "އަދަދު" އަށް ވިދާޅުވީ، އޭނާއާ މެދު އެ ފިޔަވަޅު އަޅާފައިވަނީ މިއަދު ކަމަށެވެ. ނަމަވެސް މި ފިޔަވަޅު އެޅި މުއްދަތަކީ ޒާތީ މައުލޫމާތު ކަމުން އެކަން ހިއްސާކުރެވެން ނެތް ކަމަށް މިފްތާހު ވިދާޅުވި އެވެ.
މަލާ ރާއްޖެއަށް އައިސް އަޑު ނީވޭ އަދި ވާހަކަ ނުދެއްކޭ މީހުންނަށް "ފަރުވާ" ދިން މައްސަލަ ފެންމަތިވީ އޭނާ ރާއްޖެއިން ފުރައިގެންދިޔަ ފަހުން މި މަހުގެ ހަތް ވަނަ ދުވަހުގަ އެވެ.
އެގޮތުން އެ ދުވަހު ހެލްތު މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު އައިޝަތު ޝަތުފާ "އަދަދު" އަށް ވިދާޅުވީ މައްސަލައިގައި ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.
"ރާއްޖެއިން ފުރައިގެން ގޮސްފަ ހުރީމަ ދެން އޭޅޭނެ ފިޔަވަޅަކަށް އޮންނާނީ ކުރިއަށް އޮތް ތަނުގައި ރާއްޖެ ނާދެވޭ ގޮތް ހެދުން،" ޝަތުފާ ވިދާޅުވި އެވެ.

މިހާތަނަށް ބެލި ބެލުމުން އޭނާ ފަރުވާ ދިނުމަށް ދިޔައީ ކޮން ރަށަކަށް ކަމެއް އެނގިފާ ނުވި ނަމަވެސް ހުޅުމާލޭގައި އޭނާ ނަގާފައިހުރި ބައެއް ފޮޓޯ ސޯޝަލް މީޑިއާގައި ދައުރުވި އެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުން އޭނާ ވަނީ ރާއްޖޭގެ ރަށަކަށް ގޮސް ގެއެއްގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ އެކި މީހުންނަށް "ފަރުވާ" ދީފަ އެވެ. މަލާގެ ޕޯސްޓުތަކުގައި ބުނެފައިވަނީ އޭނާއަކީ ގުރުއާން ބޭނުންކޮށްގެން މީހުންނަށް ފަރުވާ ކުރާ މީހެއް ކަމަށެވެ. ނަމަވެސް މި ވީޑިއޯތަކާ އެކު ރާއްޖޭގެ އެކި ދީނީ އިލްމުވެރިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށް މިއީ ސިހުރުގެ އަމަލެއް ކަމަށް ބެލެވޭ ކަމަށް ވެސް ބުނެފަ އެވެ.
ބޭރުގެ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ޑޮކްޓަރަކީ މީގެ ކުރިން ސައުދީ އަރަބިއްޔާ އަދި ތުރުކީގައި މިފަދައިން މީހުންނަށް ފަރުވާދިން ކަމަށް ބުނެގެން ހައްޔަރު ވެސް ކޮށްފައިވާ މީހެކެވެ. ސައުދީއިން މީނާ ޑީޕޯޓްކޮށްލި ކަމަށް ވެސް ބައެއް ރިޕޯޓުތަކުގައި ބުނެފައިވެ އެވެ.












