މޯލްޑިވްސް މީޑިއާ ކައުންސިލް(އެމްއެމްސީ) ގެ މެންބަރުކަމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި އެވެ.
ހޯމް މިނިސްޓްރީއިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ އެ ކައުންސިލްގެ މެންބަރު ކަމަށް ކުރިމަތިލުމުގެ މުއްދަތު މި މަހުގެ 26 އާ ހަމައަށް އިތުރުކުރި ކަމަށެވެ.
އެމްއެމްސީގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ މި މަހުގެ ފަސްވަނަ ދުވަހު އެވެ. އެ އިއުލާނުގެ ސުންގަޑިއެއްގެ ގޮތުގައި އޮތީ މި މަހުގެ 14 އެވެ.
މީޑިއާ ކައުންސިލްގެ މެމްބަރުންގެ އަދަދަކީ 13 އެވެ. އެއީ މީޑިއާ ތަކުން އިންތިހާބުކުރާ ހަތް މެމްބަރުންނާއި އާއްމުންގެ ފަރާތުން ތިއްބަވާ ހަ މެމްބަރުންނެވެ. އެކައުންސިލުގެ މެމްބަރުންގެ ދައުރެއްގެ ދިގުމިނަކީ ތިން އަހަރު ދުވަހެވެ. ވިދިވިދިގެން ދެ ދައުރަށް އެއް ބަޔަކު ކުރިމަތިލުމުގެ ފުރުސަތު އެކައުންސިލަކު ނޯވެ އެވެ.
މީޑިއާކައުންސިލްގެ މެމްބަރުކަމަށް ކުރިމަތިލުމު ޝަރުތުތައް
- ދިވެހި ރައްޔިތަކު ކަމުގައިވުން
- އުމުރުން 18 އަހަރު ފުރިފައިވުން
- އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން
- މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ކުށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން
- ކުޑަކުދީންނަށް ޖިންސީ ގޯނާކުރުމުގެ ކުށް ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން
- ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ޖިނާޢީ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން
- ހިޔާނާތުގެ ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން
- މުޖްތަމައު ގަބޫލުކުރާ މިންގަނޑުތަކުން، އަބުރުވެރި، އަހުލާގު ރަނގަޅު މީހެއްކަމުގައިވުން
- ފާއިތުވެދިޔަ 12 މަސްދުވަހުގެ ތެރޭގައި ނޫސް މަޖައްލާއެއްގައި އެމީހަކު ލިޔުނު އެއްޗަކާބެހޭ ގޮތުން ޝަރީއަތަށް ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން
އޭގެއިތުރުން ހޯމް މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވަނީ، ފަސްވަނަ ދުވަހު ކުރި އިއުލާނުން މެންބަރުކަމަށް އެދި ހުށަހެޅި ފަރާތްތަކަކުން އަލުން ހުށަހަޅަން ނުޖެހޭނެ ކަމަށެވެ.













