ސިޔާސީ ޕާޓީތައް ހިންގުމުގެ ހަރަދުގެ ގޮތުގައި ޕާޓީތަކަށް ދިނުމަށް މި އަހަރުގެ ބަޖެޓުގައި ހިމެނި 36.89 މިލިއަން ރުފިޔާ ބެހި ގޮތުގެ ތަފްސީލް އިލެކްޝަންސް ކޮމިޝަނުން މިއަދު އާންމުކޮށްފި އެވެ.
ސިޔާސީ ޕާޓީތައް ހިންގުމަށް ދޭން މި އަހަރުގެ ބަޖެޓުގައި ކަނޑައެޅި 36,896,088ރ. (ތިރީސް ހަ މިލިއަން އަށްލައްކަ ނުވަދިހަ ހަހާސް އަށްޑިހައަށް ރުފިޔާ) ލިބިފައި ވަނީ ބަޖެޓު ފާސްކުރި ދުވަހާ ހަމައަށް 10،000 މީހުން ދަފްތަރުގައި ހަމަވާ ޕާޓީތަކަށެވެ.
އިލެކްޝަނުގައި މިވަގުތު އެގާރަ ޕާޓީއެއް ރެޖިސްޓާ ކޮށްފައި އޮތް ނަމަވެސް އޭގެތެރެއިން 10،000 މެންބަރުން ހަމަވަނީ ހަމައެކަނި ހަ ޕާޓީއެއްގަ އެވެ. އެހެންކަމުން ބާކީ އޮތް އަނެއް ފަސް ޕާޓީއަށް ޕާޓީ ހިންގުމުގެ ފައިސާއެއް ނުލިބެ އެވެ.

އިލެކްޝަނުން އާންމުކޮށްފައިވާ މައުލޫމާތުގައި ވާގޮތުން އެންމެ ގިނައިން ފައިސާ ލިބިފައި ވަނީ މޯލްޑިވިއަން ޑިމޮކުރެޓިކް ޕާޓީ (އެމްޑީޕީ) އަށެވެ. އަދި އެންމެ މަދުން ފައިސާ ލިބިފައި ވަނީ އަދާލަތު ޕާޓީ އަށެވެ.
ޕާޓީތަކަށް ކަނޑައަޅާފައިވާ ފައިސާގެ އަދަދުން ބޮލަކަށް ޖެހޭ އަދަދަކީ 247.05ރ. (ދުވިސައްތަ ސާޅީސް ހަތް ރުފިޔާ ފަސް ލާރި) އެވެ.













