ތަހުގީގީ ފުލުހުންގެ ގޮތުގައި ހަރަކާތްތެރިވާ ފުލުހުންނަކީ މަދުވެގެން ޑިޕްލޮމާ ލެވެލްގެ ތައުލީމު ހާސިލްކޮށްފައިވާ ބަޔަކަށް ހެދުމަށް ގާނޫނުން ދީފައިވާ މުއްދަތު އިތުރުކުރުމުގެ ބާރު ދިނުމަށް ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅައިފި އެވެ.
ފުލުހުންގެ ހިދުމަތުގެ ގާނޫނު 2020 ވަނަ އަހަރު ފާސްކުރިއިރު، ތަހުގީގުކުރުމުގައި ހަރަކާތްތެރިވާ ފުލުހުންނަކީ ހާއްސަ ތަމްރީނުތަކަކާއި ތައުލީމު ހާސިލު ކޮށްފައިވާ ބައެއް ކަމަށް ވާން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ.
މިގޮތުން، މި ފެންވަރަށް އެންމެ ދަށް ވެގެން ޑިޕްލޮމާ ލެވެލްގެ ސަނަދެއް ހާސިލް ކުރުމަށް ދެ އަހަރުގެ މުއްދަތެއް ދީފައިވެ އެވެ.
ސަރުކާރުގެ ފަރާތުން ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ ހުށަހެޅުއްވި ބިލުގައި ވަނީ މި މުއްދަތު 2024 ވަނަ އަހަރުގެ އޭޕްރިލްއާ ހަމައަށް އިތުރުކުރުމުގެ ބާރު ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް ދިނުމަށް ހިމަނައިފަ އެވެ.
ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ގާނޫނުގައި މިހާރު ދީފައިވާ މުއްދަތުގެ ތެރޭގައި އެ ފެންވަރުގެ ސަނަދެއް ހާސިލްކޮށް، ނުނިންމި ދާނެ ކަމަށް ފެންނާތީ އެވެ.

ފުލުހުންގެ ހިދުމަތް ދިނުމުގައި އެންމެ ބޮޑު އެއް ގޮންޖެހުމަކީ ތަހުގީގު ކުރުމަށް ކަނޑައެޅިފައި ތިބި ފުލުހުންގެ ތެރޭގައި އެކަމަށް ތަމްރީނާއި، ހުނަރާއި ގާބިލުކަން ލިބިފައިވާ ފުލުހުންގެ އަދަދު މަދުވުން ކަމަށް މީގެ ކުރިން އެކި ފަހަރު މަތީން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެފައިވެ އެވެ.












