މާފުށީ ޖަލުގައި އެއްވެސް ގައިދީއަކަށް އަނިޔާއެއް ކޮށްފައިނުވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް މިއަދު ބުނެފި އެވެ.
ކަރެކްޝަންސްގެ އިސް އޮފިސަރަކު މި ނޫހަށް މައުލޫމާތު ދެމުން ވިދަޅުވީ ޖަލުގައި އެއްވެސް ގައިދީއަކަށް އަނިޔާއެއް ކޮށްފައިނުވާ ކަމަށާއި އަޑު ފެތުރިފައި ވާގޮތަށް ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް ވެސް ޖަލުގައި ހިނގަމުން ނުދާ ކަމަށެވެ.
އޭނާ ވިދާޅުވީ ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް ކުރަމުންދަނީ އެންމެ ދެމީހުން ކަމަށާއި އެމީހުންވެސް ހަމައެކަނި ބޭނުން ނުކުރަނީ ޖަލުން ފޯރުކޮށްދޭ ކޮއްތު ކަމަށެވެ. އެހެންނަމަވެސް އަމިއްލައަށް ކެންޓީނުން ގަންނަ ބިސްކޯދާއި ޗޮކުލެޓު ފަދަ ތަކެތި އެމީހުން ކައިބޮއި ހަދާކަމަށް އޭނާ ވިދާޅުވި އެވެ.
މި ނޫހަށް މައުލޫމާތު ލިބިފައި ވާގޮތުގައި ޖަލުން ފޯރުކޮށްދޭ ކޮއްތު ބަލައިނުގަނެ ހަޅުތާލު ކުރަމުން ދަނީ މ. ލެގޫންވިއު، އިސްމާއިލް އަބްދުއްރަހީމް އާދަމް (އިސޫ) އާއި މއ. ފާގަފިލާގެ، އަހުމަދު އިސްމާއިލް (ބުރު އަހަނދު) އެވެ.
އެ ދެމީހުންނަކީ މިނިވަން ނޫހުގެ ނޫސްވެރިޔާ، އަހުމަދު ރިލްވާން އަބްދުﷲ ގެއްލުވާލުމާއި ސޯޝަލް މީޑިއާ އެކްޓިވިސްޓް، ޔާމީން ރަޝީދު މަރާލުމުގައި ބައިވެރިވެ އެހީތެރިވި ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ އުފުލާފައިވާ ދެމީހުންނެވެ.

ޖަލުގައި ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރާކަމަށް އަޑުފެތުރިފައި ވަނީ މީގެ ހަފްތާއެއްހައި ދުވަސް ކުރިން ޖަލުގައި ތިބޭ ހަރުކަށި ފިކުރުގެ މީހުން ބޭއްތިއްބުމަށް ހެދި ސްޕެޝަލް މެނޭޖުމަންޓު ޔުނިޓުގައި ހިންގި ހަމަނުޖެހުމަށް ފަހު އެވެ.
އެ ހަމަނުޖެހުމުގައި އެތަނުގައި ހުރި ކެމެރާތަކަށާއި ބައެއް އެހެން ތަކެއްޗަށް ވެސް ގެއްލުންދީފައިވެ އެވެ.
އެ ޔުނިޓުގައި ހަމަނުޖެހުން ބޮޑުވެފައި ވަނީ އެތަނުގައި ހަރުކޮށްފައި ހުރި ފަންކާތަކުގެ އަޑުގަދަވުމުގެ ސަބަބުން ނިދުމަށް އުނދަގޫވުމާއި އެނޫންވެސް ކަންކަމުގައި ހުރި ކަންބޮޑުވުންތައް ހައްލުކޮށްދިނުމަށް އެދުމުން ވެސް އެދެވޭވަރުގެ ބަދަލެއް އެކަންކަމަށް ގެނެސްދީފައި ނުވާތީ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވެ އެވެ.
titledesc












