ހުލާސާކޮށް އިއްޔެ: ސަމަދުބެއަށް ޖޯކު ޖެހުމުން ގިނަ ބައެއްގެ ފާޑުކިޔުން މާރިޔާއަށް

ހުލާސާކޮށް އިއްޔެ: ސަމަދުބެއަށް ޖޯކު ޖެހުމުން ގިނަ ބައެއްގެ ފާޑުކިޔުން މާރިޔާއަށް

އިންޑިއާއަށް ގޮސް އުޅެނިކޮށް އެ ގައުމުގެ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސް ޑީޕޯޓުކޮށްލި ޕީޕީއެމްގެ ހުޅުމާލެ ދާއިރާގެ ރައީސް އަބްދުއްސަމަދާ ގުޅޭގޮތުން އަލިމަސް ކާނިވަލުގައި އެމްޑީޕީގެ ރިޔާސީ ޓިކެޓު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ދެއްކެވި ވާހަކަތަކަށް ބޮޑެތި ފާޑުކިޔުންތައް އިއްޔެ އަމާޒުވި އެވެ.

އަބްދުއްސަމަދަކީ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ހިންގާ "އިންޑިއާ އައުޓް" ކެމްޕޭނުގައި ބައިވެރިވެ އަދި އިންޑިއާއާ ދެކޮޅަށް އަޑު އުފުލަން ބާއްވާ މުޒާހަރާތަކުގައި ވެސް އިސްކޮށް އުޅޭ މީހެކެވެ. ބައެއް މުޒާހަރާތަކުން އޭނާ ހައްޔަރުކޮށްފައިވެސްވެ އެވެ.

ފެބްރުއަރީ 11، ގައި އޭނާ ބެންގަލޫރުގައި ހުއްޓައި އިންޑިއާގެ އިމިގްރޭޝަން އޮފިސަރުންގެ ބެލުމުގެ ދަށަށް ގެންގޮސް ޑީޕޯޓުކުރި އެވެ.

އެ ޖަލްސާގައި މާރިޔާ ވަނީ ސަމަދުއަށް އިންޑިއާގައި ދިމާވި ކަންތައްތަކާއި އޭނާ ރާއްޖެ އައިސް ކަން ހިނގައިިދިޔަ ގޮތް ކިޔައިދެމުން ދިން އިންޓަވިއުއަށް ވަރަށް ބޮޑަށް ހަޖޫ ޖައްސަވާފަ އެވެ.

"އަޅުގަނޑުމެންނަށް ފެނުނީ މޫނުގަ އަތް އަޅުއްވައި, އަޅުގަނޑަށް ހީވީ ކުޑަކޮށް ކީރިތި ކުރެއްވުނު ހެން. ކޮންމެއަކަސް ވިދާޅުވީ މުޅި އުމުރު ތިމަންނާ ހޭދަކުރީ ފުލުހުންނާއި ސިފައިންގެ ތެރޭގައޭ. ދިދަ ހިއްޕަވައިގެން ކުރީގައި ޖަޑިބެއްހެން ހުންނަވާތަން ފެނޭ. ވަޑައިގެން ހޭދަކުރެއްވީ މިލިޓަރީ ކީއްކުރަންތޯ، އިމިގްރޭޝަނުގެ ފިނި ކޮޓަރިއެއްގައި. އެކަމަކު އަނބުރާ ވަޑައިގެންނެވީ ކީރިތި ކުރައްވަމުން،" ހަޖޫ ޖައްސަވާ ރާގަކަށް މާރިޔާ ރޭ ވިދާޅުވި އެވެ.

ސަމަދު އަކީ "ފިނޑި" މީހެއްގެ ގޮތުގައި ސިފަކުރެއްވުމަށް ފަހު މާރިޔާ ވަނީ ސިފައިން ތަމްރީނު ކުރަމުންދަނީ އެފަދަ ބަޔަކަށް ނުވާނެ ގޮތަށް ކަމަށް ވިދާޅުވެފަ އެވެ. މި ވާހަކަތަކާ އެކު ސޯޝަލް މީޑިއާގައި މާރިޔާއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެ ގިނަ ބަޔަކު ދަނީ އެކަމާ ދެކޮޅަށް އަޑު އުފުލަމުންނެވެ.

އިމިގްރޭޝަންގެ ފިނި ކޮޓަރިއެއްގައި ތިބެފައި އައިސް ރޮޔެއް ނުގަންނާނެ. ހެދެނީ ނުހެދެނީ ކޮން ބައެއްކަން ނޭނގޭ ބައެއް ނޫން އަޅުގަނޑުމެން ތައްޔާރު މި ކުރަނީ،

ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކުރަމުންދާ މީހުން ގަބޫލުކުރާ ގޮތުގައި މިއީ ކެބިނެޓު ވަޒީރެއްގެ ގޮތުގައި ހުރެ ދައްކަން އެކަށީގެންވާ ވާހަކަތަކެއް ނޫނެވެ.

"ސިޔާސީ ޕޯޑިއަމެއްގައި އާންމު ދިވެހި ރައްޔިތަކަށް ހަޖޫ ޖެހުމުން ހަމައެކަނި ލަދުގަންނަވާލެވުނީ އޭނާއެއް ނޫން. މިއީ އާންމުންނަށް މާރިޔާގެ ކެރެކްޓާގެ ވަރުގަދަ ކަމާ މެދު ސުވާލު އުފެއްދޭނެ ކަމެއް. އެއީ މިނިސްޓަރަކަށް، ވަކިން ހާއްސަކޮށް ޑިފެންސް މިނިސްޓަރުގެ ކިބައިގައި ހުންނަން ޖެހޭ ބޭސިކް ކޮލިޓީއެއް،" ކުރީގެ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ޑރ. އަބްދުﷲ ފައިރޫޝް ޓްވިޓަރުގައި ލިޔުއްވާފައިވެ އެވެ.

މާރިޔާ ސިޔާސީ ޕޯޑިއަމެއްގައި ދެއްކި މި ވާހަކަތައް ފައިރޫޝް ސިފަ ކުރެއްވީ ބަލައި ނުގަނެވޭނެ ވާހަކަތަކެއްގެ ގޮތުގަ އެވެ.

އޭނާގެ އިތުރުން، އެމްއެންޑީއެފްގެ ކުރީގެ ކެޕްޓަނެއް ކަމަށްވާ އަލީ އިހުސާން ވެސް ވަނީ މާރިޔާއަށް ފާޑުވިދާޅުވެފަ އެވެ. އަދި، ޑިފެންސް މިނިސްޓަރު ކަންކަމަށް ރައްދު ދެއްވާއިރު އެއަށްވުރެ ހަރުދަނާ ވާން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ތިޔައީ ދިވެހި ރާއްޖޭގެ ޑިފެންސް މިނިސްޓަރު. އިންޑިއާގެ ޑިފެންސް މިނިސްޓަރެއް ނޫން. ރާއްޖޭގެ ސަލާމަތީ ހިދުމަތުގައި އުޅުއްވި ބޭފުޅަކަށް ހަޖޫ ޖައްސައި ބޭރުގެ އަސްކަރިއްޔާތަކަށް ސަނާ ދެންނެވުން ބަލައެއް ނުގަނެވޭ،" އިހުސާން ލިޔުއްވާފައިވެ އެވެ.

ޓްވިޓަރުގައި ހިޔާލު ފާޅުކުރި އެކަކު ލިޔުނު ގޮތުގައި މިއީ ޖޯކު ޖެއްސެވުމުގެ ނިޔަތުގައި މާރިޔާ ދެއްކެވި ވާހަކައެއް ނަމަވެސް، ދިވެއްސަކަށް ފުރައްސާރަކޮށް ބިރު ދެއްކުމުގެ ނިޔަތުގައި ކުރާ ކަންކަން ޖޯކަކަށް ނުހެދޭނެ އެވެ.

"ވާހަކަ ދެއްކުމުގައި ރިވެތި ގޮތް އިހުތިޔާރު ކުރަންޖެހޭ. ހާއްސަ ގޮތެއްގައި ވަޒީރެއްގެ މަޤާމުގައި ހުންނަވާފައި ފުރައްސާރަކުރާ ފާޑަށް ވާހަކަ ދެއްކެވުމަކީ ވަރަށް އަދަބު ކުޑަ ގޮތެއް،" ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު ލިޔުއްވާފައިވެ އެވެ.

އެކަމާއި ގުޅިގެން ޕީޕީއެމުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ދިވެހި ދަރިއަކު ރާއްޖެއިން ބޭރުގައި އުފުލު ތަކުލީފަށް ރާއްޖޭގެ ދިފާއީ ވަޒީރުގެ މަގާމުގައި ހުރި މާރިއާ ޖޯކު ޖައްސަވާ މަލާމާތް ކުރުން ދިވެހި ރައްޔިތުން ބަލައި ނުގަންނަ ކަމަށެވެ.

"އިންޑިއާގެ ބީޖޭޕީ ރުއްސުމަށްޓަކައި ސަރުކާރުގެ އެކި ފަންތީގެ މަޤާމުތަކުގައި ތިއްބެވި ބޭފޫޅުން އިންޑިއާއަށް ސަނާ ކިޔާ، އިންޑިއާ ރުއްސުމަށްޓަކައި ދިވެހި ރައްޔިތުން ނިކަމެތި ކުރަމުންދާ ދިއުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ. އަދި އިންޑިއާއިން ބޭރުކޮށްލި ދިވެހި ދަރިއަކަށް (ޢަބްދުއްޞަމަދަށް) ޖޯކު ޖައްސަވާ މާރިއާ ދެއްކެވި ވާހަކަތަކަށް ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން މަޢާފަށް އެދުމަށްވެސް މާރިއާ އަޙްމަދު ދީދިއަށް ގޮވާލަމެވެ." ޕީޕީއެމުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ގިނަ އަދަދެއްގެ މީހުންގެ ފާޑުކިޔުން އަމާޒުވުމުން އިއްޔެ ހެނދުނު މާރިޔާ ވަނީ އެ ވާހަކަތައް އަނެއްކާ ވެސް ދިފާއު ކުރައްވައި ޓްވީޓު ކުރައްވާފަ އެވެ.

"އަޅުގަނޑުމެންގެ ޒަރޫރީ ބޭނުންތަކަށް ދާން ޖެހޭ ގައުމުތަކޭ، ހިތުހުރި އެއްޗެއް ނުގޮވާށޭ ބުނެ ބުނެ ތިއްބައި، ހިތުހުރި އެއްޗެއް ގޮވާފައި ގޮސް އެ ގައުމަށް އެރީމައި، އެ ތަނުން ފޮނުވާލީމާ އެ ރޯން ޖެހޭ ރޮވުން ފެނި، އެގޮތަށް އިތުރު ރައްޔިތަކަށް ނުވުމަށްޓަކައި ވެސް އެވާހަކަ ދައްކަން ޖެހޭ،" މާރިޔާ ޓްވީޓު ކުރައްވާފައިވެ އެވެ.

މައްސަލައިގެ ފަސްފަހަތް

ގާނޫނު އަސާސީން ދިވެހީންނަށް ލިބިދީފައިވާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ބޭނުންކޮށް، ރާއްޖޭގެ ސިޔާދަތު އޮންނަ ސަރަހައްދެއްގައި ފާޅުކުރާ ހިޔާލަކާ ގުޅިގެން، ބައެއް ގައުމުތަކުން އެ މީހުންނާ މެދު ޒާތީ ގޮތެއްގައި ފިޔަވަޅު އަޅަމުންދާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ވެސް ހުށަހެޅި އެވެ.

ޕީޕީއެމުން މި މައްސަލަ ހުށަހެޅީ ސަމަދު ޑީޕޯޓުކޮށްލުމުންނެވެ. މިފަދަ ކަންކަމުގައި ދިވެހީންގެ ރައްކާތެރިކަން ކަށަވަރުކުރަން ފިޔަވަޅު ނޭޅި ގޮސްފިނަމަ، އޭގެ ރައްދުގައި ރާއްޖޭގައި އެ ގައުމެއްގެ ރައްޔިތުންނާ މެދު ނަފުރަތު އުފެދި އޭގެ ޖަޒުބާތުގައި ހިނގައިގެން ނުވާނެ ނުރަނގަޅު ކަމެއް ހިނގައިދިއުމުގެ އިހުތިމާލެއް އޮތް ކަމަށް ބުނެ ހުށަހެޅި މައްސަލަ މަޖިލީހުން ބަލައިގެންފައި ނުވެ އެވެ.

ޕީޕީއެމްއިން ގެންދަނީ "އިންޑިއާ އައުޓް"ގެ ނަމުގައި ސިޔާސީ ކެމްޕެއިނެއް ކުރަމުންނެވެ. އެ ކެމްޕޭން މިވަގުތު އޮތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ގަރާރަކުން މަނާކޮށްފަ އެވެ.

އެއީ، އިންޑިއާގެ އަސްކަރިއްޔާއިން ރާއްޖޭގައި ހަރަކާތްތެރިވާ ކަމަށާއި އިންޑިއާގެ ނުފޫޒު ރާއްޖޭގެ މައްޗަށް ގަދަކުރަމުންދާ ކަމަށް ބުނެ, އެކަމާ ދެކޮޅަށް އަޑު އުފުލަން ކުރިއަށްގެންދާ ކެމްޕޭނެކެވެ.

އެ ކެމްޕޭނުގެ ތެރެއިން މުޒަހާރަތާއި އެއްވުންތައް އިދިކޮޅުން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބާއްވަމުންނެވެ.

ފާޅުގައި އިންޑިއާ ސަރުކާރާ ދެކޮޅަށް ބަސް ބުނަމުންދާ އިދިކޮޅުގެ އެކްޓިވިސްޓުން އިންޑިއާއަށް ދިޔުމުން އެކި ކަހަލަ ފުރައްސާރައާ އެ ގައުމުގެ އިދާރާތަކުގެ އޮފިޝަލުން ކުރިމަތިކުރާ ކަމުގެ ޝަކުވާތައް އަންނަނީ ކުރަމުންނެވެ.

އިންޑިއާގެ އަސްކަރީ އެހީ ހޯދަން ސަރުކާރުން ގެންގުޅޭ ސިޔާސަތުތައް އޮތް ގޮތުން ރާއްޖޭގެ މިނިވަންކަމަށް އަސަރު ކުރާނެ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދެ ގައުމުގެ ސަރުކާރަށް ވެސް ބޮޑެތި އެތައް ތުހުމަތެއް ކުރެ އެވެ. މި ތުހުމަތުތައް ދެ ގައުމުގެ ސަރުކާރުން ވެސް ދަނީ ދޮގު ކުރަމުންނެވެ.

ސަރުކާރުގެ އިސް ބޭފުޅުންނާއި ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ އިސް ބޭފުޅުން ވިދާޅުވާ ގޮތުގައި އިންޑިއާގެ އަސްކަރީ އެހީ ހޯދަން ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ބޭނުމަކީ ރާއްޖެއަށް ނުރައްކާތެރި މަސްތުވާތަކެއްޗާއި ހަތިޔާރު އެތެރެ ކުރުން ހުއްޓުވުމާއި ޓެރަރިޒަމްގެ ހަރަކާތްތައް ހުއްޓުވޭނެ އަސްކަރީ ގާބިލް ކަން އިތުރު ކުރުމެވެ.

ބައެއް މުހިންމު ހަބަރުތައް

  • އަންނަ މަހު ތައާރަފު ކުރުމަށް މަސައްކަތް ކުރަމުންދާ ޑިޖިޓަލް އައިޑެންޓިޓީ ކާޑު ތަޖުރިބާ ކޮށްލުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލުމަށް ތައްޔާރުވަމުންދާ ކަމަށް ޓެކްނޮލޮޖީ މިނިސްޓްރީން ހާމަކުރީ އިއްޔެ އެވެ.
  • ޖުމްހޫރީ ޕާޓީގެ ލީޑަރުގެ މަގާމަށް އެ ޕާޓީގެ މިހާރުގެ ވެސް ލީޑަރު ގާސިމް އިބްރާހިމް އަދި ނައިބު ލީޑަރުގެ މަގާމަށް އެމަނިކުފާނުގެ އަނބިކަނބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ ކުރިމަތިލެއްވީ އިއްޔެ އެވެ.
  • ކުޑަކުއްޖަކާ ބެހުނު ބިދޭސީއެއްގެ މައްސަލަ އިސްތިއުނާާފު ކުރަމުން ދަނިކޮށް އޭނާ ޑީޕޯޓުކޮށްލީ މައްސަލަ ބަލާކަން ރަސްމީކޮށް ނާންގާތީ ކަމަށް އިމިގްރޭޝަނުން ބުނީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

އިދިކޮޅު ފަރާތްތަކުން ކުރިއަށްގެންދާ "އިންޑިއާ އައުޓް" ކެމްޕޭނަށް އަމާޒު ކުރައްވައި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އިއްޔެ ވިދާޅުވީ:

އަޅުގަނޑުމެންގެ ޒަރޫރީ ބޭނުންތަކަށް ދާން ޖެހޭ ގައުމުތަކޭ، ހިތުހުރި އެއްޗެއް ނުގޮވާށޭ ބުނެ ބުނެ ތިއްބައި، ހިތުހުރި އެއްޗެއް ގޮވާފައި ގޮސް އެ ގައުމަށް އެރީމައި، އެ ތަނުން ފޮނުވާލީމާ އެ ރޯން ޖެހޭ ރޮވުން ފެނި، އެގޮތަށް އިތުރު ރައްޔިތަކަށް ނުވުމަށްޓަކައި ވެސް އެވާހަކަ ދައްކަން ޖެހޭ،

ދުވަހުގެ ފޮޓޯ

މި އަހަރު ރާއްޖޭގައި ބާއްވާ ފުރަތަމަ ބައިނަލްއަގުވާމީ ކުޅިވަރު މުބާރާތް ކަމުގައިވާ 4 ނޭޝަންސް ކަޕްގެ ރާއްޖޭގެ ޓީމާއެކު ރައީސް ސޯލިހު. މިއީ ސިންގަޕޫރާއި، މެލޭޝިޔާއާއި، އަފްޣާނިސްތާނާއި ރާއްޖޭގެ ގައުމީ ވޮލީ ޓީމްތަކުގެ މެދުގައި ބާއްވާ ވޮލީ މުބާރާތުގައި ރާއްޖޭން ބޭނުންކުރާނެ ޖާޒީ --- ފޮޓޯ: ރައީސް އޮފީސް
މި އަހަރު ރާއްޖޭގައި ބާއްވާ ފުރަތަމަ ބައިނަލްއަގުވާމީ ކުޅިވަރު މުބާރާތް ކަމުގައިވާ 4 ނޭޝަންސް ކަޕްގެ ރާއްޖޭގެ ޓީމާއެކު ރައީސް ސޯލިހު. މިއީ ސިންގަޕޫރާއި، މެލޭޝިޔާއާއި، އަފްޣާނިސްތާނާއި ރާއްޖޭގެ ގައުމީ ވޮލީ ޓީމްތަކުގެ މެދުގައި ބާއްވާ ވޮލީ މުބާރާތުގައި ރާއްޖޭން ބޭނުންކުރާނެ ޖާޒީ --- ފޮޓޯ: ރައީސް އޮފީސް

މި އަހަރު ރާއްޖޭގައި ބާއްވާ ފުރަތަމަ ބައިނަލްއަގުވާމީ ކުޅިވަރު މުބާރާތް ކަމުގައިވާ 4 ނޭޝަންސް ކަޕްގެ ރާއްޖޭގެ ޓީމާއެކު ރައީސް ސޯލިހު. މިއީ ސިންގަޕޫރާއި، މެލޭޝިޔާއާއި، އަފްޣާނިސްތާނާއި ރާއްޖޭގެ ގައުމީ ވޮލީ ޓީމްތަކުގެ މެދުގައި ބާއްވާ ވޮލީ މުބާރާތުގައި ރާއްޖޭން ބޭނުންކުރާނެ ޖާޒީ --- ފޮޓޯ: ރައީސް އޮފީސް

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox