އަންނަ ސެޕްޓެމްބަރު މަހު ނުވަވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ކުރުމަށް ކުރަން ޖެހޭ މަސައްކަތުގައި އެމްޑީޕީގެ ހުރިހާ މެންބަރުން ވެސް ބައިވެރިވުމަށް ދައުވަތު އަރުވާ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ އިއްޔެ އެވެ.
މިދިޔަ މަހުގެ 28 ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ އެތެރޭގެ ރިޔާސީ ޕްރައިމަރީ ރައީސް ސޯލިހު ކާމިޔާބު ކުރެއްވީ 61 އިންސައްތަ ވޯޓުންނެވެ. އެ އިންތިހާބުގައި ދެން ވާދަކުރެއްވި އެމްޑީޕީގެ ފުރަތަމަ ސަރުކާރުގެ ރައީސް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ލިބުނީ 39 އިންސައްތަ އެވެ.
އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބު ކުރެއްވި ކެންޑިޑޭޓުގެ ހައިސިއްޔަތުން ރައީސަށް ރިޔާސީ ޓިކެޓު ހަވާލުކުރުމަށް އިއްޔެ ރޭ ކާނިވާ ސަރަހައްދުގައި އޮތް ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އެމްޑީޕީ އުފެދިގެން އައީ ގައުމުުގައި އިންސާފު އޮވެ އަމަނާއި ހިމޭންކަން އޮންނަން ބޭނުންވެގެން ކަމަށެވެ.
"އެއީ ވަރަށް ބޮޑު ޤުރުބާނީއާ މިންނެތް މަސައްކަތާ ކެތްތެރިކަން އިސްކުރި ދަތުރެއް، އެ ދަތުރުގެ މަންޒިލް ހޯދާ، އެ މަރުހަލާ އެމްޑީޕީ ކާމިޔާބުކޮށްފި، އެ ދުވަހުން އަވަދިވެ، ހަމަޖެހުމުގެ ނޭވާ އެމްޑީޕީގެ ހައްޓަށް ފެތުނުއިރު، ދާން އެދުނު ތަން މި ވަނީ ދާދި ގާތްވެ އަތްލެވި އަތުޖެހިފައި،" ރައީސް ވިދާޅުވި އެވެ.
އެމްޑީޕީން ދެވަނަ ފަހަރަށް ސަރުކާރު ހިންގުމާ ހަވާލުވުމަށް ފަހު، ރައީސް ސޯލިހު އިސްވެ ހުންނެވި އެ ސަރުކާރުން ވެސް ތަންފީޒު ކުރަމުން އައީ އެމްޑީޕީގެ ސިޔާސަތުތައް ކަމަށް ވިދާޅުވި އެވެ. އެމްޑީޕީން އަހަރުތަކެއް ކުުރިން ފެށި މަސައްކަތް ނިންމޭނީ އަދިވެސް އެ ޕާޓީ ވެރިކަމުގައި އޮވެގެން ކަމަށެވެ.

"މިކަމަށް ޓަކައި އެމްޑީޕީ ކުރިއަށް ދެން އަޅަން އޮތީ ހަމަ އެންމެ ފިޔަވަޅެއް، މުޅި ޕާޓީ އެކަތިގަނޑެއްގެ ގޮތުގައި ތެދުވެ، އަންނަ ރިޔާސީ އިންތިހާބު ކާމިޔާބުކުރުން، މުޅި އެމްޑީޕީއަށާއި މި ޕާޓީއަށް ނިސްބަތްވާ ހުރިހާ މެންބަރުންނަށް، މި ދައުވަތު، މިރޭ އަޅުގަނޑު އަރުވަން،" ރައީސް ވިދާޅުވި އެވެ.
ރައީސް ސޯލިހަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް އެމްޑީޕީގެ ކޮންމެ މެންބަރަކު ވެސް އެ މަސައްކަތުގައި ބައިވެރިވުމަށް އެމަނިކުފާނު މިރޭ ދައުވަތު ދެއްވި އިރު، އެމްޑީޕީ އޮތީ ދެ ފެކްޝަނަކަށް ބެހިފަ އެވެ.
ޕްރައިމަރީން ބަލިވި ނަޝީދު އަދި އަދަށް ވެސް ރައީސް ސޯލިހަށް ތާއީދު ކުރައްވަން ނިންމަވައިފައެއް ނުވެ އެވެ. އޭގެ ބަދަލުގައި އެމަނިކުފާނު ގެންދަވަނީ "ފިކުރެއްގެ ދިރުން" ނަމުގައި ޕާޓީގެ އެތެރޭގައި ގޮފިތަކެއް އުފައްދައި، އެ ގޮފިތަކަށް 50،000 މެންބަރުން ހަމަކުރުމަށް މަސައްކަތް ކުރައްވަމުންނެވެ.
ރަައީސް ސޯލިހުގެ ވެރިކަމުގައި ފެންނަނީ އެމްޑީޕީގެ ފަލްސަފާއާ ދުރު ސިފަތަކެއް ކަމަށް ނަޝީދު ވިދާޅުވާ ވާހަތަކަށް ވެސް ރައީސް މިރޭ ރައްދުތަކެއް ދެއްވި އެވެ. އެ ގޮތުން "އަޅުގަނޑަކީ އެމްޑީޕީ މީހެއް" ކަމަށާއި، އެމަނިކުފާނުގެ ވެރިކަމުގެ ދައުރަކީ "އެމްޑީޕީ" ވިސްނުމުގައި ރާއްޖޭގެ މުސްތަގުބަލު ބިނާކުރާނެ ތަސައްވުރަކާއެކު، އޭގެ ތަންފީޒީ މަރުހަލާގައި އޮތް ފަސް އަހަރު ކަމަށް ވިދާޅުވި އެވެ.
އެމްޑީޕީ ލީޑާޝިޕަށް އައި ބަދަލު
2008، 2013 އަދި 2018 ގައި ވެސް އެމްޑީޕީގެ ޕްރައިމަރީން ރިޔާސީ ކެންޑިޑޭޓް ގޮތުގައި ނިންމީ ނަޝީދެވެ. ނަމަވެސް 2018 ވަނަ އަހަރު، ނަޝީދަށް އިއްވާފައިވާ ޖަލު ހުކުމުގެ ސަބަބުން ވާދަނުކުރެވޭނެތީ، ރައީސް ސޯލިހަށް ޓިކެޓު ދިނުމަށް އެމްޑީޕީގެ ކޮންގްރެސް މެދުވެރިކޮށް ނިންމީ އެވެ.
ރައީސް ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، އެމްޑީޕީގެ އެތެރޭގައި ދެ ފެކްޝަނެއް ވަނީ އުފެދިފަ އެވެ. އޭގެ ފަހުން އެ ޕާޓީގެ އެތެރޭގައި ބޭއްވި ކޮންމެ އިންތިހާބެއް ވެސް، ނަޝީދުގެ ފެކްޝަންގެ މައްޗަށް ސޯލިހުގެ ފެކްޝަން ކުރި ހޯދާފައިވެ އެވެ.
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު ކާމިޔާބުކޮށް، ޕާޓީގެ އެންމެ ބާރުގަދަ އެއް މަގާމުގައި ހުންނެވީ ވެސް ރައީސްގެ އެންމެ އެއް އަރިސް ވަޒީރު، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލެވެ. އަދި އެމްޑީޕީގެ އެންމެ އިސް ގުނަން ކަމަށްވާ އެ ޕާޓީގެ ގައުމީ މަޖިލީހުގެ އިންތިހާބުތަކަށް ފަހު އެ މަޖިލީހުގެ މެޖޯރިޓީ ވެސް އޮތީ ރައީސް ސޯލިހަށެވެ. އަދި ޕާލިމެންޓްރީ ގްރޫޕްގެ މެޖޯރިޓީ ވެސް އޮތީ ރައީސަށެވެ.
އެއާއެކު، ރިޔާސީ ޕްރައިމަރީ ބޭއްވިއިރު، އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ދަފުތަރުގައި ނެތް އެކަމަކު އެމްޑީޕީގެ ދަފްތަރުގައި އޮތް 39،000 މެންބަރުން ވަކިކޮށްފައިވެ އެވެ. އެެހެންވެ ޕްރައިމަރީ އަލުން ބާއްވައިދިނުމަށް އެދި ސިވިލް ކޯޓަށް މައްސަލައެއް ވެސް ހުށަހަޅާފައިވެ އެވެ. އެ މައްސަލަ ހުށަހެޅުއްވި، ޕޮލިސް ބޯޑުގެ މެންބަރު ހާމިދު އަބްދުލް ޣަފޫރަކީ ނަޝީދު ފެކްޝަން ބޭފުޅެކެވެ.
ބައެއް މުހިންމު ހަބަރުތައް
- މާފުށީ ޖަލުގައި 11 އަހަރުގެ ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ، އިދިކޮޅު ޕާޓީ، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުގައި ބޭއްވުމަކީ އިންސާފެއް ނޫން ކަމަށާއި، އެ މަނިކުފާނަށް އިންތިހާބުގައި ވާދަ ކުރެއްވެން ޖެހޭނެ ކަމަށް އެމްްއެންޕީގެ ރައީސް މުހައްމަދު ނާޒިމް ވިދާޅުވިކަން ރިޕޯޓުކުރީ އިއްޔެ އެވެ.
- ދިވެހި ވެރިކަމުގެ ތެރޭގައި ޒަމާނުއްސުރެން އަށަގަނެފައި އޮތް އަނިޔާވެރިކަން އަނެއްކާ ވެސް ރާއްޖޭގައި ގަދަވިޔަ ނުދިނުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިސްވެ ހުންނެވި އެމްޑީޕީގެ ވެރިކަން ދެމިއޮންނަން ޖެހޭ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވީ އިއްޔެ އެވެ.
- ގައުމީ ސާފް ލީގުގެ ފުރަތަމަ މުބާރާތް ކަމަށްވާ ކަޅެގަލެކޮޑާ 2023ގެ ފައިނަލުގައި ގައްދޫގެ ޗެމްޕިއަން އިސްމާއިލް ރަޝީދު (ސްމައިލީ) ބަލިކޮށް، އެ ރަށުގެ މުހައްމަދު ނަޖާހު (ކަބޯ) ޗެމްޕިއަންކަން ހޯދީ އިއްޔެ އެވެ.
ދުވަހުގެ ކޯޓޭޝަން
އެމްޑީޕީގެ ރިޔާސީ ޓިކެޓު ހަވާލުކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވީ:
އޭރު ޒުވާނަކަށް ތިބި މީހުން ހަރު ވެއްޖެ، ހަރު މީހުން ދޮށީ ވެއްޖެ، މިއިން ކޮންމެ މީހަކަށް ވެސް އެނގޭ އެ އަނިޔާވެރިކަން އަދި ގަދަވެދާނެ ކަން، އަދި އެ ދުވަސް އަލުން ދެކޭކަށް ނޭދޭ، ޒާތީ ތައައްސުބުން އެއްކިބާވެ މި ފެށި މަސައްކަތުގައި ދެމިތިބުމަށް އެ މީހުން އެދެނީ
ދުވަހުގެ ފޮޓޯ

އެމްޑީޕީގެ ރިޔާސީ ޓިކެޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ހަވާލުކުރައްވަނީ. ޖެނުއަރީ މަހު އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ރައީސް ކާމިޔާބު ކުރެއްވީ 61 އިންސައްތަ ވޯޓާ އެކު --- ފޮޓޯ؛ މުހައްމަދު ޝާބިން/އަދަދު













