ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު ދިނުމުގެ ޖަލްސާ މާދަމާ ރޭ ބާއްވަން ހަމަޖެހިއްޖެ އެވެ.
މި ޖަލްސާ ބާއްވަން ހަމަޖެހިފައި ވަނީ މާދަމާ ރޭ 8:30 ގައި ދަރުބާރުގޭގަ އެވެ. މި ޖަލްސާގައި އިނާމު ދޭނީ ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު 2022 އަށް ނަން ހުށަހެޅި މީހުންގެ ތެރެއިން އިނާމު ދިނުމަށް ކަނޑައެޅި މީހުންނަށެވެ.
އެގޮތުން، މިއަހަރު މި އިނާމު 86 މީހަކަށް ދޭން ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުނެ އެވެެ. އެ އޮފީހުން ބުނީ އިނާމުގެ ގޮތުގައި ދޭ ޝަރަފުގެ ބެޖާއި ޝަރަފުގެ އައްޑަނަ ދެއްވާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ.
މި އިނާމު 86 މީހަކަށް ލިބޭއިރު، މިދިޔަ އަހަރު މި އިނާމަށް ނަން ހުށަހަޅާފައި ވަނީ ޖުމްލަ 113 މީހެކެވެ. އޭގެ ތެރެއިން އިނާމު ދޭ މީހުން ކަނޑައަޅާފައި ވަނީ އެކަމަށްޓަކައި ރައީސް އެކުލަވާލައްވާފައި އޮންނަ ގައުމީ އިނާމު ކޮމިޓީންނެވެ.
ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަކީ، ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކޮށްފައިވާ މުވައްޒަފުންގެ ތެރެއިން، މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ގާބިލުކަމާއި އިހުލާސްތެރިކަމާއެކު ކޮށްފައިވާ ހިދުމަތްތަކަށާއި، އެ މުއައްސަސާއެއްގެ ކުރިއެރުމަށް ކޮށްދީފައިވާ ހިދުމަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ދޭ އިނާމެކެވެ.

މި ޝަރުފުވެރި އިނާމު ދޭން ފަށާފައި ވަނީ 2021 ވަނަ އަހަރު އެވެ.













