ދިރުވާލައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން މަސައްކަތްކުރި މީހަކު އަތުލައިގެންފި އެވެ.
މިއަދު ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައި ވަނީ، އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ލެޓްވިއާގެ 49 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ދިރުވާލައިގެން ރާއްޖެއަށް ގެނައި މަސްތުވާތަކެތި ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން މައުލޫމާތު ދިނެވެ.
އޭނާ ހައްޔަރުކޮށްފައި ވަނީ ފުލުހުން، ކަސްޓަމްސް އަދި އިމިގްރޭޝަން ގުޅިގެން ކުރި މަސައްކަތުން ކަމަށް ވެސް ބުނެފައި ވެއެވެ.
މިހާރު އަމަލުކުރަމުންދާ ގަވައިދުގެ ދަށުން މިގޮތަށް ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމަށް މަސައްކަތް ކުރާ ބިދޭސީން ޑީޕޯޓުކޮށްލަނީ އެވެ. ޑީޕޯޓުކޮށްލަނީ މަސްތުވާތަކެތި އެތެރެކުރަނީ ރާއްޖޭގެ ނެޓްވޯކަކާ ގުޅިގެން ނޫން ކަމަށް ވާނަމަ އެވެ.

މިދިޔަ ހަފްތާގެ ތެރޭގައި ވެސް ވަނީ ރާއްޖެއަށް 2.6 ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން މަސައްކަތް ކުރި ބިދޭސީއަކު ފޮނުވާލާފަ އެވެ.













