ރާއްޖެއަށް ޑްރަގު ހިފައިގެން އަންނަ ބިދޭސީ އަނބުރާ ފޮނުވާލާ މައްސަލައަށް އެދެވޭ ހައްލެއް ހޯދޭނީ މަސްތުވާތަކެތީގެ ގާނޫނަށް އިސްލާހު ގެނެސްގެން ކަމަށް ފުލުހުންގެ އިދާރާއިން ބުނެފި އެވެ.
ފުލުހުން މިހެން ބުނެފައިވަނީ 'ވައިގެ މަގުން ދިވެހިރާއްޖެ އަށް އަންނަ ބިދޭސީއަކު ދިވެހިރާއްޖެ އަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅޭކަމަށް ޝައްކު ކުރެވޭ ހާލަތްތަކުގައި އެ ފަރާތްތަކާމެދު އަމަލުކުރާނެ ގޮތުގެ ގަވާއިދު' ގައި ހުރި, މަސްތުވާތަކެތީގެ ގާނޫނާ ތައާރުޒުވާ ކަންކަން އުނިކުރުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ހުށަހެޅުއްވި ކުއްލި މައްސަލައާ ގުޅިގެން މަޖިލީހުގެ އިދާރާއަށް ފޮނުވި ކަރުދާހެއްގަ އެވެ.
"އަދަދު" ނޫހަށް ލިބިފައިވާ އެ ކަރުދާހުގައި ބުނެފައިވަނީ މި އަހަރަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވާ ބިލުތަކުގެ ތެރޭގައި މަސްތުވާތަކެތީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހިމަނާފައިވާ ކަމަށާއި، މިހާރު ޖެހިފައިވާ މައްސަލައަށް އެންމެ ރަނގަޅު ހައްލު ހޯދައިދީ ރާއްޖޭގެ ހާލަތަށް ބަލައި އެ ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ ފުރުސަތު މަޖިލީހަށް ލިބިގެންދާނެ ކަމަށެވެ.
މީގެއިތުރުން ފުލުހުން ވަނީ މިދިޔަ މަހު އަމަލުކުރަން ފެށި ގަވާއިދު ދިފާއުކޮށް ގިނަ ޕޮއިންޓުތަކެއް ފާހަގަކޮށްފަ އެވެ. އެގޮތުން ގައުމަށް ނުވައްދައި މަސްތުވާތަކެތި އަތުލުމަށްފަހު އެފަދަ ފަރާތްތައް އަނބުރާ ފޮނުވާލުމަކީ ޑްރަގު ނެޓްވޯކްތަކަށް އެންމެ ގެއްލުން ބޮޑު ގޮތް ކަމަށް ބައިނަލްއަގުވާމީ ތަހުގީގީ އިދާރާތަކުންވެސް ބުރަވާ ކަމަށް ފުލުހުން ބުނެފައި ވެ އެވެ.
"އެމެރިކާގެ ޑްރަގު އެންފޯސްމަންޓު އެޖެންސީ އިން މި ސަރަހައްދައަށް ކަނޑައަޅާފައިވާ ފޯކަލް ޕޮއިންޓު ވެސް ލަފާދީފައިވަނީ އެންޓްރީ ޑިނައި ކުރާ ހާލަތުގައިވެސް މަސްތުވާތަކެތި އަތުލުމަށްފަހު ފޮނުވުމަށްކަން ފާހަގަކުރަން،" އެ ކަރުދާހުގައި ބުނެފައިވެ އެވެ.

ފުލުހުން އިތުރަށް ފާހަގަކޮށްފައިވަނީ މި ގަވާއިދުގެ ދަށުން ދިމާވާ ކޮންމެ ކޭސް އެއްގައިވެސް ގޮތް ނިންމާނީ ފުލުހުންނާއި، ކަސްޓަމްސް އަދި އިމިގްރޭޝަން އިން ކަނޑައަޅާ ފޯކަލް ޕޮއިންޓުންގެ މަޝްވަރާއާއި ލިބެން ހުރި މައުލޫމާތުގެ މައްޗަށް ބަލާ ކޮންޓްރޯލްޑް ޑެލިވަރީގެ ދަށުން މައްސަލައާ ގުޅުންހުރި އިތުރު މީހުން ހޯދޭތޯ ބެލުމަށް ފަހުގައި ކަމަށެވެ.
މިއީ ރާއްޖޭއަށް އެތެރެކުރާ މަސްތުވާތަކެތި ނޫންކަން ކަށަވަރު ކުރުމަށް ކުރާ އިތުރު މަސައްކަތެކެވެ.
މި ދައުރުގެ ތެރޭގައި މަސްތުވާތަކެތި އެތެރެކުރި މައްސަލަތަކުގައި 136 މީހަކު ހައްޔަރުކުރި
ފުލުހުން މަޖިލީހަށް ހިއްސާކުރި ކަރުދާހުގައި ވަނީ މި ދައުރުގެ ތެރޭގައި ވައިގެ މަގުން އަދި ކަނޑުމަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލަތަކުގެ ތަފާސްހިސާބުތައް ފޮނުވާފަ އެވެ.
އެގޮތުން 2018 އިން ފެށިގެން 2022 އާ ހަމައަށް ވައިގެ މަގުން މަސްތުވާތަކެތި އެތެރެކުރަން އުޅުނު 28 އަށްވުރެ ގިނަ މައްސަލައެއްގައި ޖުމްލަ 44 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ އަށް ދިވެހިންނާއި 36 ބިދޭސީންނެވެ.
ވައިގެ މަގުން ޑްރަގާއެކު އެތެރެވާން އުޅުނު 36 ބިދޭސީންގެ ތެރޭގައި ހިމެނެނީ:
- އެފްރިކާގެ ހަ މީހުން
- ޔޫރަޕުގެ ހަތް މީހުން
- ނޯތު އެމެރިކާގެ އެކަކު
- ސައުތު އެމެރިކާގެ ހަ މީހުން
- ވެސްޓަން އޭޝިއާގެ ދެ މީހުން
- ސައުތު އޭޝިއާގެ 14 މީހުން
މި ފަރާތްތަކުގެ ތެރެއިން މައްސަލަ ސާބިތުވެ ހުކުމް ތަންފީޒުކުރަމުން ދަނީ އަށް މީހެކެވެ. ޝަރީއަތް ނިމެންދެން ބަންދުކޮށްފައި 27 މީހަކު އެބަތިއްބެވެ.
މި ތަފާސް ހިސާބާއެކު ފުލުހުން ފާހަގަކޮށްފައިވަނީ މިހެން އަންނަ ފަރާތްތައް ބަންދުގައި ބޭތިއްބުމަށް ދައުލަތުން ހިނގާ ހަރަދެވެ.
"މަސްތުވާތަކެތި ޓްރާންސިޓް ކުރުމަށް ހިފައިގެން އަންނަ ގިނަ ފަރާތްތަކަކީ ބޮޑެތި ބަލިތަކަށް ފަރުވާ ކުރަންޖެހޭ، ބަންދުގައި ބައިތިއްބަން ބޮޑެތި ހަރަދުތަކެއް ދިވެހި ދައުލަތުން ކުރަންޖެހޭ މީހުންނެވެ،" ފުލުހުން ބުނެފައިވެ އެވެ.
ކަނޑުމަގުން މަސްތުވާތަކެތި އެތެރެކުރި ފަރާތްތަކުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ގިނައިން ހައްޔަރުކޮށްފައިވަނީ ދިވެހިންނެވެ. އެގޮތުން ހަތަރު އަހަރުގެ ތެރޭގައި 68 ދިވެއްސަކު ހައްޔަރުކޮށްފައިވާއިރު ދެން ހިމެނެނީ އިރާނުގެ 12 މީހަކާއި ބަނގުލަދޭޝުގެ 10 މީހެއް އަދި ޕާކިސްތާނާއި އިންޑިއާގެ ދެ މީހެކެވެ.
މިދިޔަ މަހު އަމަލުކުރަން ފެށި އާ ގަވާއިދުގެ މައްސަލަ ފެންމަތިވެފައިވަނީ މ މަހުގެ އަށް ވަނަ ދުވަހު ގަތަރުގެ ދޯހާއިން ރާއްޖެއަށް އައި ބްރެޒިލްގެ އަންހެނެއްގެ ލަގެޖުން 2.6 ކިލޯގެ ކޮކެއިން އަތުލުމަށް ފަހު އެ ގަވާއިދުގެ ދަށުން އެ މީހާ އަނބުރާ ފޮނުވާލުމުންނެވެ.
މިއާއެކު އެ ގަވާއިދަށް ކުރިމަތިވަމުން އަންނަ ފާޑުކިޔުންތައް ދަނީ އިތުރުވަމުންނެވެ. ސަރުކާރުގެ ތެރެއިންނާއި، ވެރިކަން ކުރާ ޕާޓީ އަދި އިދިކޮޅު ސިޔާސީ ފަރާތްތަކާއި އާންމުން ވެސް މި ގަވާއިދާ އެއްބަސްވުމުގެ ބަދަލުގައި އެކި ގޮތްގޮތުން ދަނީ ސަރުކާރަށް ފާޑުކިޔައި ޕްރެޝަރު ކުރަމުންނެވެ.













