ކާރަކާއި ސައިކަލެއް ޖެހި މާލެ އާއި ހުޅުމާލެ ގުޅާލަދޭ ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި އެ އެކްސިޑެންޓު ހިނގާފައި ވަނީ ހުޅުމާލެއިން މާލެއަށް ދަތުރުކުރި ދެ އުޅަނދެއްގެ ދެމެދުގަ އެވެ.
މި އެކްސިޑެންޓުގައި އަނިޔާ ލިބިގެން ފަރުވާ ދެމުންދަނީ ދިވެހި ފިރިހެނަކަށެވެ. އެއީ ސައިކަލު ދުއްވަން އިން މީހާ އެވެ. އޭނާ ގެންގޮސްފައި ވަނީ އައިޖީއެމްއެޗަށެވެ.
އޭނާއަށް އިމަޖެންސީގައި ފަރުވާ ދެމުންދާ ކަމަށާއި އޭނާގެ ހާލު ސީރިއަސް ކަމަށް އައިޖީއެމްއެޗުން ވަނީ "އަދަދު" ނޫހަށް މައުލޫމާތު ދީފަ އެވެ. އޭނާއަށް ލިބިފައިވާ އަނިޔާތަކާ ގުޅޭ އިތުރު ތަފްސީލެއް ދީފައި ނުވެ އެވެ.

އެކްސިޑެންޓުގައި ސައިކަލަށް ބޮޑެތި ގެއްލުންތަކެއް ލިބުނު --- ފޮޓޯ: މިރާޝް ނާޝިމް/އަދަދު

ކަޅު ކުލައިގެ ކާރަކާއި ރަތް ކުލައިގެ ހޮންޑާ ޕީސީއެކްސް ސައިކަލެއް އެކްސިޑެންޓުވި ކަމަށް ފޮޓޯތަކުން ފެންނަ އިރު ސައިކަލުގެ ކަވަރު ސެޓު ފުނޑި، މަޑި ނެއްޓި ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ.
އެ ސަރަހައްދުގައި ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ. މިހާތަނަށް މިކަމާ ގުޅިގެން ފުލުހުން ބަހެއް ބުނެފައެއް ނުވެ އެވެ.












