ވައިގެ މަގުން ރާއްޖެ އައި މީހެއްގެ ލަގެޖުގައި ރައްކާކޮށްފައި ހުރި 2.6 ކިލޯގެ ކޮކެއިން އަތުލުމަށް ފަހު، އަލަށް އަމަލުކުރަން ފެށި ގަވާއިދެއްގެ ދަށުން އެ މީހާ ހައްޔަރުނުކޮށް އަނބުރާ ފޮނުވާލައިފި އެވެ.
މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ވައިގެ މަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނީ ފެބްރުއަރީ 6 ވަނަ ދުވަހު ދޯހާއިން ރާއްޖެ އައި ބްރެޒިލްގެ 23 އަހަރުގެ އަންހެނެއް ކަމަށެވެ. އޭނާގެ ލަގެޖުގައި ހުރި 2.6 ކިލޯގެ ކޮކެއިންގެ މަގުމަތީ އަގަކީ 6.5 މިލިއަން ރުފިޔާ ކަމަށެވެ.
އެ މަސްތުވާތަކެތި ޕޮލިހާ ހަވާލުކޮށްފައިވާ ކަމަށް ކަސްޓަމްސްއިން ބުނެ އެވެ.
"މި ކޭހުގައި ޝާމިލްވާ ފަސިންޖަރު ވަނީ، ގަވާއިދު ނަންބަރު: 58-އާރު/2023، ވައިގެ މަގުން ދިވެހިރާއްޖެ އަށް އަންނަ ބިދޭސީއަކު ދިވެހިރާއްޖެ އަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅޭކަމަށް ޝައްކު ކުރޭ ހާލަތްތަކުގައި އެ ފަރާތްތަކާމެދު އަމަލުކުރާނެ ގޮތުގެ ގަވާއިދާ އެއްގޮތަވާ ގޮތުގެ މަތިން ތަންފީޒީ އިދާރާތުގެ މަޝްވަރާއާއެކު ރާއްޖެ އަށް އެތެރިޔަ ނުދީ މޯލްޑިވްސް އިމިގްރޭޝަނުން އަނބުރާ ފޮނުވާލާފަ،" ކަސްޓަމްސްގެ ބަޔާނުގައިވެ އެވެ.
އަލަށް އަމަލުކުރަން ފެށި މި ގަވާއިދު ގެޒެޓްކޮށްފައި ވަނީ ޖެނުއަރީ 26، 2023 ވަނަ ދުވަހު އެވެ.

ފަހަކަށް އައިސް ބްރެޒިލް މަގުން ރާއްޖެ އެތެރެކުރަން މަސައްކަތް ކުރަނިކޮށް އަތުލައިގަންނަ މަސްތުވާތަކެތީގެ އަދަދު ދަނީ އިތުރުވަމުންނެވެ. ވޭތުވެ ދިޔަ ދެ އަހަރު ވެސް ވައިގެ މަގުން އެތެރެކުރި ގިނަ އަދަދެއްގެ ކޮކެއިން އަތުލާފައި ވެ އެވެ.
ބައެއް މައްސަލަތައް
ފެބްރުއަރީ 4، 2022: ބްރެޒިލް މަގުން އައި އެ ގައުމުގެ 21 އަހަރުގެ ފިރިހެނަކާއި، 23 އަހަރުގެ އަންހެނެއްގެ ލަގެޖުން 4.2 ކިލޯގެ ކޮކެއިން އަތުލި.
- މާޗް 1، 2022: ރާއްޖެ އެތެރެކުރި ޕާރުސަލްތަކެއްގައި ހުރި 2.228 ކިލޯގެ ކޮކެއިން އަތުލައިގަތް
- މެއި 3، 2022: ރާއްޖެ އައި މީހެއް 4.226 ކިލޯގެ ކޮކެއިން އެތެރެކުރި. އެ މައްސަލައިގައި އޭނާގެ އިތުރުން ދިވެއްސަކު ހައްޔަރުކުރި
- 2021 ގައި 48 ކިލޯގެ ކޮކެއިން އަތުލައިގަތް
ގަވާއިދުގައި ބުނަނީ ކީކޭ؟
ވައިގެ މަގުން ދިވެހިރާއްޖެ އަށް އަންނަ ބިދޭސީއަކު ދިވެހިރާއްޖެ އަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅޭކަމަށް ޝައްކު ކުރެވޭ ހާލަތްތަކުގައި އެ ފަރާތްތަކާމެދު އަމަލުކުރާނެ ގޮތުގެ ގަވާއިދުގައި 7 ވަނަ މާއްދާގެ (ހ) ގައި ބުނެފައި ވަނީ،
- ވައިގެ މަގުން ދިވެހިރާއްޖެއަށް އަންނަ ބިދޭސީންގެ ތެރެއިން، އެ މީހެއްގެ ލަގެޖުން ނުވަތަ ހަށިގަނޑުގެ ތަނަކުން މަސްތުވާތަކެތި ފެނިގެން ނުވަތަ އެފަދަ ތަނެއްގައި ފޮރުވައިފައި ހުރިކަމަށް ޝައްކުކުރެވިގެން، މި ގަވާއިދުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފޯކަލް ޕޮއިންޓުންގެ މެދުގައި މަޝްވަރާކޮށް، އެ މީހަކު އެތެރެވުމުގެ ހުއްދަ ދީފިނަމަ ދިމާވެދާނެ ކަންކަމުގެ މައްޗަށް ބަލައި، އެންމެ ރަނގަޅުގޮތަކީ އެ މީހާ ދިވެހިރާއްޖެ އެތެރެވުމުގެ ފުރުސަތު ނުދީ، އެ މީހާ ގެނައި މަސްތުވާ ތަކެތި ނުވަތަ އެ މީހާ އަތުގައި ހުރިކަމަށް ޝައްކު ކުރެވޭ މަސްތުވާ ތަކެތި، ގާނޫނު ނަންބަރު 2011/8 (ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ގާނޫނު) ގެ 4 ވަނަ މާއްދާގެ ށ. ގެ ދަށުން އަތުލުމަށްފަހު، އެ މީހާ އައި ފްލައިޓުން އެ މީހާ އަނބުރާ ފޮނުވައިލުން ކަމަށް ފެނިއްޖެނަމަ، އެކަން އެގޮތަށް ކުރުމުގެ އިހުތިޔާރު، ކޮންޓްރޯލަ އޮފް އިމިގްރޭޝަނަށް ލިބިގެންވެއެވެ.
- ށ. މި މާއްދާގެ ހ. ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެމީހާ ދިވެހިރާއްޖެ އައި ފުލައިޓުން އެ މީހާ ރާއްޖެއިން ފޮނުވައިލަން ޖާގަ ނުލިބޭނަމަ، އެ މީހާ ދަތުރުކުރި އެއަރލައިނާ ނުވަތަ އެ މީހާއަކީ އޭޖެންޓެއް މެދުވެރިވެގެން ދިވެހިރާއްޖެ އައި މީހެއްނަމަ، އެ އެޖެންޓަކާ ވާހަކަދައްކައިގެން އެ މީހާ އަނބުރާ ފޮނުވައިލުމުގެ އިންތިޒާމާއި، އެ ހައިތަނަށް އޭނާ ބެހެއްޓުމުގެ އިންތިޒާމާއި، އެކަމަށް ޓަކައި ކުރަންޖެހޭ އެންމެހައި ހަރަދުގެ އިންތިޒާމު ހަމަޖައްސަންވާނެއެވެ.
- ނ. މި މާއްދާގެ ށ. ގައި ބަޔާންކޮށްފައިވާ ފަދައިން އެ މީހާ ފޮނުވައިލެވެންދެން މޯލްޑިވްސް އިމިގްރޭޝަނުން އޭނާ ބަހައްޓަންޖެހޭ ހާލަތުގައި، އެ ބަހައްޓާ ތަނެއްގައި އޭނާ ހުންނައިރު، އޭނާގެ ރައްކައުތެރިކަން، ދިވެހި ފުލުހުންގެ ހިދުމަތުން ބަލަހައްޓަންވާނެއެވެ.












