ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ އުޅަނދުތަކަކާ ވެރިފަރާތުން ހަވާލުނުވެއްޖެ ނަމަ އެތަކެތި ނައްތާލާނެ ކަމަށް ބުނެފި އެވެ.
އެ އިދާރާއިން ގެޒެޓްގައި ޝާއިއު ކޮށްފައިވާ އިއުލާނުގައި ފުލުހުން ބުނީ އެ މުއައްސަސާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ 10 ސައިކަލަކާއި ދެ ކާރު، އޭގެ ވެރިފަރާތުން އިއްޔެއިން ފެށިގެން 60 ދުވަހުގެ ތެރޭގައި ނުގެންގޮސްފި ނަމަ ހަމަޖެހިފައިވާ އުސޫލުގެ މަތިން އެތަކެތި ނައްތާލުމުގެ މަސައްކަތް ކުރަމުން ގެންދާނެ ކަމަށެވެ.
ފުލުހުން ބުނީ އެއީ މާލޭގެ އެކި ސަރަހައްދުތަކުން ޓޯކޮށްފައިވާ އުޅަނދުތައް ކަމަށާއި މާލޭގެ މަގުތަކުުގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ އުޅަނދުތަކާއި ގިނަ ދުވަސް ވަންދެން ބަހައްޓާފައި ހުރި އުޅަނދުތައް ދޭތެރެ ދޭރެއިން ފުލުހުން އަންނަނީ ނަގަމުންނެވެ.
ހިނގާ އުޅެން ދަތިވާ ގޮތަށް ޕާކު ކުރާ މައްސަލަ ބޮޑުވެފައިވާއިރު ކަފިހުރަހާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށް ހަދާފައި ހުންނަ ރޭމްޕްތަކުގެ އިތުރުން އޮފީސްތަކާއި ގޭގެއަށް ނުވަދެވޭ ގޮތަށް ޕާކްކުރާ މައްސަލަ ބޮޑުވުމުން ގިނަ ބަޔަކު ގެންދަނީ ޝަކުވާ ކުރަމުންނެވެ.













