މީގެކުރިން ސްޓޫޑަންޓް ލޯނު ނަގައިގެން ކިޔެވި ކުދިންގެ ބުރަތައް ލުއި ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެއްވައިފި އެވެ.
މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިހު ވިދާޅުވީ، މީގެކުރިން ސްޓޫޑަންޓް ލޯނު ނަގައިގެން ކިޔެވި ކުދިންގެ ކަންބޮޑުވުންތަކެއް އަދިވެސް އެބަހުރި ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި އުފެއްދުންތެރި ހަރުދަނާ ޒިންމާދާރު ދިވެހި ޒުވާނުންގެ ހުރި މިފަދަ ހުރިހާ ބުރައެއް ލުއިކޮށްދިނުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވި އެވެ.
"ރަނގަޅު ހެދިހުރި ޒުވާނަކަށް ބޭނުންވާ ތައުލީމާ ތަރުބިއްޔަތު ދިނުމަށްވުރެ ބޮޑު އިންވެސްޓްމެންޓެއް ގައުމަކުން ނުކުރާނެ. ބިނާކުރަނިވި އާ ޖީލެއް އުފެއްދުމަށްޓަކާ އެޅުނު އެންމެ މުހިންމު ބިންގަލަކީ ހިލޭ ޑިގްރީ ޕްރޮގްރާމް." ހިލޭ ޑިގްރީ ޕްރޮގްރާމަކީ ކޮންމެ މަޔަކާ ބަފައެއްގެ އަދި ބެލެނިވެރިއެއްގެ ރޭނިދި ގެއްލި ދިއުމަށް މި ސަރުކާރުން ދިން ތަސައްލީއެއްކަން ފާހަގަކުރައަވާ ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ފުރަތަމަ ޑިގްރީއާ ހަމައަށް ހިލޭ ކިޔެވުމުގެ ފުރުސަތު ހަމަ ކޮންމެ ދިވެހި ޒުވާނަކަށް ވެސް މިއަދު އެބަ އޮތް ކަމަށެވެ. އަދި މިއަދާ ހަމައަށް 16،315 ދަރިވަރުން ސަރުކާރުގެ ހިލޭ ޑިގްރީ ޕްރޮގްރާމްގައި ބައިވެރިވެ، 6،500 އަށްވުރެ ގިނަ ދަރިވަރުން ދަސްވެނިވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ފަންނާ ހުނަރާ ތައުލީމުގައި ދިވެހި ޒުވާނުންނަކީ ހަމައެކަނި ރާއްޖޭގެ އަސްދަނޑީގެ އެތެރެއިން ނިންމާލަން އެދި ތިބޭ ބައެއް ނޫން ކަމަށެވެ. އަދި އެކަން ހާމަވަނީ ރާއްޖެއިން ބޭރުން މަތީ ތައުލީމުގެ ލޯން ފުރުސަތަށް އެދޭ ދަރިވަރުންގެ އަދަދު ގިނަކަމުން ކަމަށާއި، އެހެންކަމުން އެ ފުރުސަތު ފަހިކޮށްދިނުމަށް ސަރުކާރުން ދޭ ލޯނުގެ އަދަދު އެތައް ގުނައެއް އިތުރުކޮށްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"މިހާތަނަށް 1986 ދަރިވަރަކަށް ސްޓޫޑަންޓް ލޯނުގެ ފުރުސަތު ދީފިން. އަދި މި ލޯނުތަކުގެ ތަކުލީފު ކުޑަކުރުމަށްޓަކާ ސްޓޫޑަންޓް ލޯނު ސަރުކާރުން ރީ-ސްޓަރަކްޗާ ކޮށްފިން. ކުރިން ފަސް ޕަސަންޓުގައި ހުރި އިދާރީ ފީ އެއް ޕަސަންޓަށް ކުޑަކޮށްފިން." ރައީސް ވިދާޅުވި އެވެ.
ސްޓޫޑެންޓް ލޯނާ ބެހޭ ގޮތުން އިތުރަށް ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ލޯނު އަނބުރާ ދެއްކުން 20 އަހަރަށް އިތުރުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ގެނައި ބަދަލާ އެކު ކުރީގެ ބޮޑު ރޭޓުގައި ދެއްކި ފައިސާ ޖުމްލަ ލޯނު އަދަދުން އުނިކުރުމާއެކު، ކޮންމެ މަހަކު ދަރިވަރުން އަނބުރާ ދައްކާ ފައިސާ މިހާރު ކުޑަވާނެ ކަމަށެވެ.
މީހުން ބިނާކުރުމުގެ ދާއިރާއިން އިތުރަށް ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ 6000 އަށްވުރެ ގިނަ ހުނަރުވެރިން ވަޒީފާގެ ބާޒާރާ މަސައްކަތު މާހައުލަށް ފައްކާ ކުރުމުގެ މަޝްރޫއު ހިނގަމުންދާ ކަމަށެވެ. އެގޮތުން، ރާއްޖޭގެ އެކި ސަރަހައްދުތަކުގާ ޖޫނިއާ ކޮލެޖް، ޓިވެޓް ސެންޓަރު އަދި ޕޮލިޓެކްނިކް ސެންޓަރުތައް ހާއިމްކުރަމުންދާ ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ރ. އަލިފުށީގެ ޓިވެޓް ސެންޓަރާއި ހއ. ދިއްދޫ ގެ ޖޫނިއާ ކޮލެޖްގެ އަމަލީ މަސައްކަތް ހިނގަމުންދާއިރު، ކ. ތުލުސްދޫ ޕޮލިޓެކްނިކް ސެންޓަރާއި، ނ. ކެނދިކުޅުދޫ ޖޫނިއާ ކޮލެޖް މިހާރު ކޮންޓްރެކްޓަރާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތީ ކުޅުދުއްފުއްޓާއި، ފުވައްމުލަކު ޓިވެޓް ސެންޓަރުގެ ނ. ވެލިދޫ ޖޫނިއާ ކޮލެޖްގެ މަސައްކަތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑު މިދިޔަ އަހަރު ވެސް ދެންނެވި ފަދައިން، ގައުމަށްޓަކާ ބިނާކުރެވޭ އެންމެ އުސްބިނާއަކީ ހެދި ހުރި ދިވެހި އިންސާނާ," ރައީސް ވިދާޅުވި އެވެ.














