އިދިކޮޅު އިހުތިޖާޖުގެ ތެރެއިން އަށް މީހަކު ހައްޔަރުކޮށްފި އެވެ.
މިއަދު ހެނދުނު އިދިކޮޅުން މަޖިލިސް ހިމެނޭ ސަރަހައްދުގައި އިހުތިޖާޖު ކުރަމުން ދަނީ، މިއަހަރުގެ ރިޔާސީ ބަޔާނާ ދިމާކޮށެވެ. މިއަދު އިދިކޮޅުން މުޒާހަރާ ފެށީ، މަޖީދިއްޖާ ސްކޫލު ކައިރިންނެވެ. ނަމަވެސް ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިން ސޯސަން މަގަށް ފަހަތަށް ޖައްސާފަ އެވެ.
އިހުތިޖާޖުގެ ތެރެއިން، މިހާތަނަށް އަށް މީހުން ހައްޔަރު ކޮށްފައިވާ ކަމަށް ޕީޕީއެމުން ބުނެ އެވެ.
މަޖިލިސް ބޭރުގައި ޕީޕީއެމްގެ އާންމު މެންބަރުން އިހުތިޖާޖު ކުރަމުންދާއިރު، އިދިކޮޅުގެ މަޖިލިސް މެންބަރުން ވަނީ މަޖިލިސް އެތެރޭގައި އިހުތިޖާޖުކޮށް އަޑުގަދަކޮށްފަ އެވެ.
މިއަދުގެ ޖަލްސާ ފަށައި، ރައީސް ސޯލިހު ރިޔާސީ ބަޔާން އިއްވެވުމަށް ޕޯޑިއަމް ކައިރިއަށް ވަޑައިގެންނެވުމާ އެކު ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވަނީ ރިޔާސަތު ކުރިމައްޗަށް ވަޑައިގެން އަޑުގަދަ ކުރައްވާފަ އެވެ. އަދި، ރައީސް ސޯލިހުގެ އިސްތިއުފާއަށް ވެސް ގޮވާލެއްވި އެވެ.

އެއާއެކު މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދާއި މަހިބަދޫ ދާއިރާގެ މެންބަރު ތޯރިގް އިބްރާހިމް އާއި ފެލިދޫ ދާއިރާގެ މެންބަރު ފަޒުލް ވެސް ޝިޔާމާ ގުޅިވަޑައިގެން ރިޔާސީ ބަޔާން އިއްވެވުމަށް ހުރަސް އެޅި އެވެ.
ތަކުރާރުކޮށް އެ މެމްބަރުންނަށް ނަސޭހަތް ދެއްވުމަށް ފަހު ރައީސް ނަޝީދު ވަނީ އެ މެމްބަރުންގެ ނަންތައް އިއްވައި ތަޅުމުން ނެރުމަށް އަންގަވާފަ އެވެ.












