ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މޫނަށް ކުޅުޖަހާ މީހަކަށް ފައިސާގެ އިނާމެއް ދޭނެ ކަމަށް ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު މުސްތަފާ ވިދާޅުވި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
މުސްތަފާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ސޯލިހުގެ މޫނަށް ކުޅު ޖަހާ މީހަކަށް 50،000ރ. އިނާމެއް ދޭނެ ކަމަށެވެ.
ފުލުހުން މި މައްސަލަ ބަލަމުން އަންނަ ކަމަށް ބުނެފައިވާއިރު، މުސްތަފާ ފަހުން ކުރެއްވި ޓްވީޓެއްގައި ވަނީ މާދަމާ ރޭ 9:40 އަށް ފުލުހަށް ހާޒިރުވާން އަންގާފައިވާ ކަމަށް ވިދާޅުވެފަ އެވެ.
ކުށެއް ކުރުމަށް ހިތްވަރު ދިނުމަކީ ގާނޫނުން އަދަބު ކަނޑައަޅާފައިވާ ކުށެކެވެ.
މިފަހުން މުސްތަފާ ގެންދަވަނީ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.

އެންމެ ފަހުން ބޭއްވި އެމްޑީޕީ ޕްރައިމަރީގައި ރައީސް ސޯލިހާ ދެކޮޅަށް ނުކުމެ، މުސްތަފާ ވަނީ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިނުގައި ވެސް ބައިވެރިވެވަޑައިގެންފަ އެވެ.













