ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފުލެޓުތަކުގައި ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ހަރުކޮށްފައި ހުންނަ ކެމެރާތަކުން ރެކޯޑުކުރެވޭ މަންޒަރާއި އަޑުތައް ފުލުހުންނާ ހިއްސާކުރުމަށް އެއްބަސްވެއްޖެ އެވެ.
އެޗްޑީސީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފް އެވެ. ފުލުހުންގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު އެވެ.
މި އެއްބަސްވުމުގެ ދަށުން ހިޔާގެ 16 ޓަވަރުގެ އެތެރެއާއި ބޭރުގައި ހަރުކޮށްފައި ހުރި ހުރިހާ ކެމެރާއަކުން ލިބޭ މަންޒަރާއި އަޑު ފުލުހުންނާ ހިއްސާކުރެވޭނެ އެވެ.
ފުލުހުން ބުނެފައިވަނީ މި އެއްބަސްވުމުގެ ދަށުން އެ ކެމެރާތަކުގެ މަންޒަރު ހިއްސާކުރުމަށް އެއްބަސްވެފައިވަނީ ތިން އަހަރުގެ މުއްދަތަކަށް ކަމަށެވެ.
އަދި މިކަމުގެ ސަބަބުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ އަދި ޒިޔާރާތްކުރާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ކަށަވަރުކޮށްދެވިގެންދާނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މިކަމާ ގުޅިގެން އެޗްޑީސީއިން ބުނެފައިވަނީ، ހިޔާ ޓަވަރުތަކުގައި ރައްކާތެރި މާހައުލެއް ގާއިމު ކުރުމަށް އެ ކުންފުނިން ފުލުހުންނާ ގުޅިގެން ކުރަމުން އަންނަ މަސައްކަތްތަކަށް ގިނަ ލުއިތަކެއް ލިބިގެން ދާނެ ކަމަށެވެ.













