ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) އުވާލަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމުމުން، އެ ޕާޓީގެ ފަރާތުން ހައި ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް ކޯޓުން ނިންމާފައިވާކަން ރިޕޯޓުކުރީ އިއްޔެ އެވެ.
ޑީއާރްޕީ އުވާލަން އީސީން ނިންމީ މިދިޔަ މަހު އެވެ. އެއީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި، ޕާޓީއެއްގައި ހިމެނުމަށް ބަޔާންކޮށްފައިވާ އަދަދަށް މެންބަރުން ހަމަކުރަން ދިން މުއްދަތުގައި އެ އަދަދު ހަމަނުކުރެވުމުންނެވެ.
ހައި ކޯޓުގެ ރަޖިސްޓްރާގެ ނިންމުމުގައި ވަނީ ޑީއާރްޕީން ހުށަހެޅި މައްސަލައަކީ އެ ކޯޓުގެ އިހުތިސޯސްގެ ތެރޭގައި ހިމެނޭ މައްސަލައެއް ނޫން ކަމަށެވެ. އަދި، ފުރަތަމަ މަރުހަލާގައި ހައި ކޯޓުން ބެލޭ ބާވަތުގެ ދުސްތޫރީ އަދި ސިޔާސީ ޕާޓީތަކާ ގުޅޭ މައްސަލައެއް ނޫން ކަމަށް ވެސް ރަޖިސްޓްރާގެ ނިންމުމުގައިވެ އެވެ.
ސިޔާސީ ޕާޓީއަކުން ނުވަތަ ޕާޓީއަކާ ގުޅޭ ގޮތުން ހައި ކޯޓަށް ހުށަހެޅޭނެ މައްސަލަތަކަކީ، ޕާޓީއެއް ރަޖިސްޓްރީ ކުރުމަށް ނުވަތަ ޕާޓީގެ ދަފްތަރަށް ގެނައުމަށް އެދޭ ބަދަލެއް އީސީން ގެނައުމަށް އިންކާރުކުރުން ފަދަ މައްސަލަތައް ކަމަށް ރަޖިސްޓްރާގެ ނިންމުމުގައި ފާހަގަ ކޮށްފައިވެ އެވެ.
ދެހާސްފަސް ވަނަ އަހަރު ވުޖޫދުކުރި ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ދަށުން ދެވަނައަށް ރަޖިސްޓްރީ ކުރި ޕާޓީއަކީ ޑީއާރުޕީ އެވެ. އެއީ އޭރު ރާއްޖޭގެ އެންމެ މަގުބޫލު ސިޔާސީ ޝަހްސިޔައްތަކަށް ހުންނެވި، އޭރުގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލް ގައްޔޫމް އިސްވެ އުފެއްދެވި ޕާޓީއެކެވެ.

ޖުލައި 15، 2005 ގައި ރަޖިސްޓްރީ ކުރި ޑީއާރުޕީއަކީ 2011 ވަނަ އަހަރު ޖެހެންދެކަށް އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީ އެވެ. 2009 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި 2011 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގައި ވެސް އެންމެ ގިނަ ގޮނޑި ކާމިޔާބުކުރީ އެ ޕާޓީންނެވެ.
ނަމަވެސް ރައީސް މައުމޫނާއި، ފަހުން އެމަނިކުފާނުގެ ވެސް ތާއީދާއެކު ޕާޓީގެ ލީޑަރަކަށް ހަމަޖެއްސެވި އަހުމަދު ތަސްމީން އަލީއާ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތަކުގެ ތެރެއިން މައުމޫން ޕާޓީ ދޫކުރެއްވުމުން އެމަނިކުފާނުގެ އެތައް ހާސް ސަޕޯޓަރުން އެ ޕާޓީ ދޫކޮށްލި އެވެ.
ދެހާސްތޭރަވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ފަހު، ތަސްމީން ވެސް ޕާޓީ ދޫކޮށް އެމްޑީޕީއާ ގުޅުނެވެ. ދެން އެ ޕާޓީގެ ލީޑަރުކަމާ ހަވާލުވި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) ވެސް 2018 ގެ ރިޔާސީ އިންތިހާބަށް ފަހު ޕާޓީ ދޫކޮށް، ޕީޕީއެމާ ގުޅުނެވެ.
ޑީއާރުޕީގެ ލީޑަރަކަށް މި ވަގުތު ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރެވެ. ޖާބިރު އެ ޕާޓީގެ ހިންގުމާ ހަވާލުވިއިރު ވެސް އަދި އޭގެ ފަހުން އެކި ފަހަރު މަތިން 3،000 އަށް ވުރެ މެންބަރުން މަދުވެގެން މެންބަރުން ހަމަކުރުމަށް އީސީން ނޯޓިސް ދީފައިވެ އެވެ.
ބައެއް މުހިންމު ހަބަރުތައް
- ބ. އަަތޮޅުގެ ފަޅު ރަށެއްގައި ވެލާތަކެއް ފެޅި މައްސަލައެއް ފުލުހުންނާއި، އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ބަލަން ފެށީ އިއްޔެ އެވެ.
- ހެންވޭރު ސަހަރާގައި ހުރި މަހާނައެއް ކޮނެ، އެތަނުގެ ސިހުރު ކަމަށް ބެލެވޭ އެއްޗެއް ނެގީ މާލޭ ސިޓީ ކައުންސިލްގެ ހުއްދައާއެކު ކަން އެނގުނީ އިއްޔެ އެވެ.
- މި އަހަރުގެ ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަން އިއުލާންކުރައްވައި، އިދިކޮޅު ޕީޕީއެމް މެންބަރުންގެ ތާއީދު ބޭނުންވާ ކަމަށް ކުރީގެ ހޯމް މިިނިސްޓަރު އުމަރު ނަސީރު ވިދާޅުވިކަން ރިޕޯޓުކުރީ އިއްޔެ އެވެ.
ދުވަހުގެ ކޯޓޭޝަން
ރިޔާސީ ކެމްޕޭން ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އިއްޔެ ވިދާޅުވީ:
ޕީޕީއެމްގެ މެންބަރުންނަށް އަޅުގަނޑު ގޮވާލަން، ޕީޕީއެމްގެ މެންބަރުންނަކީ އަޅުގަނޑު އަހުން، އަޅުގަނޑަކީ ޕީޕީއެމް އުފެއްދި އެއް ފައުންޑަރު، އެހެންވީމަ އަޅުގަނޑަށް ޔަގީން ޕީޕީއެމްގެ މެންބަރުން ވަޑައިގަންނަވާނެ ކަން އަޅުގަނޑާ އެކީގައި އަޅުގަނޑު މި ކުރާ ދަތުރުގައި
ދުވަހުގެ ފޮޓޯ

އޮލިމްޕަސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ދިވެހި ފަންނާނުތަކެއްގެ ހުށަހެޅުމެއްގެ ތެރެއިން. ޒަމާނީ ބަދަލުތަކާ އެކު އޮލިމްޕަސް ތަރައްގީކޮށްފައިވަނީ ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރުގެ އެހީތެރިކަމާ އެކު. އޮލިމްޕަސް އިމާރާތަކީ މިހާރު 60 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ އިމާރާތެއް --- ފޮޓޯ: ރައީސް އޮފީސް













