ހެންވޭރު ސަހަރާގައި ހުރި މަހާނައެއް ކޮނެ، އެތަނުގެ ސިހުރު ކަމަށް ބެލެވޭ އެއްޗެއް ނެގީ މާލޭ ސިޓީ ކައުންސިލްގެ ހުއްދައާއެކު ކަން އެނގިއްޖެ އެވެ.
ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުން އަންނަ ވީޑިއޯއެއްގައި ބަޔަކު ހެންވޭރު ސަހަރާ ކޮންނަން ތިބޭ މަންޒަރު ފެނެ އެވެ. މަހާނަ ކޮނެގެން ނަގާ އެއްޗެއް ކޮތަޅަކަށް ލާއިރު ކައިރީގައި ސިޓީ ކައުންސިލްގެ ޔުނިފޯމުގައި ހުރި މުވައްޒަފެއްގެ ވެސް ހުއްޓެވެ.
"އަދަދު" އަށް އެނގިފައިވާ ގޮތުގައި އެކަން ކޮށްފައިވަނީ ބަލި މީހެއްގެ ބަލި ބޮޑުވާތީ، ސިހުރެއް ބާތިލް ކުރުމަށެވެ. އެ އާއިލާއިން އެކަން ކުރުމަށް ސިޓީ ކައުންސިލްގައި އެދުމުން ކައުންސިލުން ވަނީ ހުއްދަ ދީފަ އެވެ.
މިކަމާ ގުޅިގެން މާލޭ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު "އަދަދު" އަށް ވިދާޅުވީ މި މައްސަލައާ ގުޅިގެން އެކަން ބަލައި، އެކަމުގައި ބައިވެރިވި މުވައްޒަފަށް ފިޔަވަޅު އަޅަން މިހާރު އަންގާފައިވާ ކަމަށެވެ.
ސިހުރު ބާތިލް ކުރުމަށާއި ވަޅުލާފައި ހުންނަ ސިހުރު ނެގުމަށް ކަމަށް ބުނެ، މަހާނަ ކޮނުމަކީ ދޭތެރެއިން ދޭތެރެއިން ރާއްޖެގެ އެކި ރަށްރަށުގައި ފެންމަތިވާ މައްސަލައެކެވެ.














