ދެ އަހަރު ދުވަހަށް ފަހު އިންޑިއާގެ ނޫސްވެރިޔާ، ސިއްދީގު ކައްޕާން މިނިވަން ކޮށްފި އެވެ.
ކެރެލާ ސްޓޭޓަށް ނިސްބަތްވާ ސިއްދީގު ހައްޔަރުރީ ގޭންގު ރޭޕުގެ ޝިކާރައިގައި އަންހެން ކުއްޖަކު މަރުވި މައްސަލަ ތަހުގީގުކޮށް އެ ވާހަކަތައް ކަވަރު ކުރަން އުޅަން އުޅެނިކޮށް 2020 ގެ އޮކްޓޫބަރުގައި އުއްތަރު ޕުރަދޭޝްއިންނެވެ.
އޭނާގެ މައްޗަށް އުފުލީ ހަގީގަތެއް ނެތް ވާހަކަތަކެއް ރިޕޯޓުކޮށްގެން އެ ސަރަހައްދުގެ ސުލްހަ މަސަލަސްކަން ނަގާލަން އުޅުނު ކަމުގެ ކުށުގެ ދައުވާ އެވެ.

އޭނާއާއެކު އެ ދުވަހު ކާރުގައި ތިބި އަނެއް ތިން މީހުން ވެސް ހައްޔަރު ކުރި އެވެ.
ސިއްދީގު ހައްޔަރު ކުރުމާ އެކު ނޫސްވެރިކަމުގެ މިނިވަންކަމަށް ވަކަލާތު ކުރާ ޖަމިއްޔާ، ޖަމާއަތް ތަކުން ވަނީ އެކަން ކުށްވެރިކޮށް އަޑު އުފުލާފަ އެވެ.
އެ ޖަމިއްޔާތަކުން އިންޑިއާ ސިފަ ކުރަނީ ނޫސްވެރިކަމުގެ މިނިވަންކަމެއް އޮތް ގައުމެއްގެ ގޮތުގައެއް ނޫން ކަމަށެވެ.
ވޯލްޑު ޕްރެސް ފްރީޑަމް އިންޑެކްސްގައި މިދިޔަ އަހަރު ވެސް އިންޑިއާ ވަނީ އަށް ދަރަޖަ ފަހަތަށް ވެއްޓިފަ އެވެ. މިހާރު އިންޑިއާ އޮތީ 180 ގައުމުގެ ހިމެނޭ އެ ލިސްޓުގެ 150 ވަނައިގަ އެވެ.
މިނިވަން ވުމަށްފަހު ސިއްދީގު ބުނީ އޭނާއަކީ ނޫސްވެރިއެއް ކަމަށާއި އަދިވެސް ހަމަ އެގޮތުގައި އެ މަސައްކަތްތައް ކުރުމުގައި ދެމިހުންނާނެ ކަމަށާއި އޭނާއާ ދެކޮޅަށް ފުލުހުން ކޮށްފައިވާ ތުހުމަތުތަކާ ދެކޮޅަށް އަޑު އުފުލާނެ ކަމަށެވެ.
ކެރެލާއަށް އުފަން ސިއްދީގު ހައްޔަރު ކުރިއިރު، އޭނާ މަސައްކަތް ކުރަމުން ދިޔައީ މަޅިޔާލަމް ނޫސް ޕޯޓަލް، އަޒިމުކަމް ގަ އެވެ.
ހައްޔަރު ކުރުމަށްފަހު ނަފުސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ވެސް ބޮޑެތި އަނިޔާތައް ދެމުންދިޔަ ކަމަށް އޭނާ ބުންޏެވެ. އަދި އޭނާއަށް ދޭން ޖެހޭ ބޭސްތައް ވެސް ގަވާއިދުން ދެމުން ގޮސްފައި ނުވާ ކަމަށް ސިއްދީގުގެ އާއިލާއިން ވެސް ތުހުމަތު ކުރަމުންދިޔަ އެވެ.
އެހެން ނަމަވެސް އެ ތުހުމަތުތައް ފުލުހުން ވަނީ ދޮގުކޮށް އެފަދަ އަމަލެއް ހިންގާފައި ނުވާނެ ކަމަށް ބުނެފަ އެވެ.










