އޭޓީއެމްއިން ނެގޭ ޑޮލަރުގެ ލިމިޓު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން އުވާލީ އިއްޔެ އެވެ.
މީގެކުރިން އޮތީ މަހެއްގެ މައްޗަށް 2،000 ޑޮލަރު ނެގޭ ގޮތަށް ލިމިޓްކޮށްފަ އެވެ.
ބީއެމްއެލްއިން ބުނީ އިއްޔެ އިން ފެށިގެން މާލެ ސަރަހައްދުގައި ގާއިމްކޮށްފައިވާ ޑޮލަރު އޭޓީއެމްތަކުން ދުވާލެއްގެ މައްޗަށް 1600 ޑޮލަރާ ހަމައަށް ނެގޭނެ ކަމަށެވެ.
އޭގެ އިތުރުން ޑޮލަރު އެކައުންޓް ޕްރައިމަރީ އެކައުންޓުގެ ގޮތުގައި ހަމަޖައްސާފައިވާ ޑެބިޓް ކާޑުތަކުން ކޮންމެ ދުވަހަކު 3،000 ޑޮލަރާ ހަމަޔަށް ރާއްޖޭން ބޭރުގެ މުއާމަލާތްތައް ކުރެވޭނެ ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.
ބީއެމްއެލް އިން އިތުރަށް ބުނީ ޑޮލަރު އެކައުންޓުން އިންޓަނެޓް އަދި މޯބައިލް ބޭންކިން މެދުވެރިކޮށް އިންޓަނޭޝަނަލް މަނީ ޓްރާންސްފާގެ ހިދުމަތް ވެސް ލިބޭނެ ކަމަށެވެ.

ބައެއް މުހިންމު ހަބަރުތައް
- ފިނޭންސް މިނިސްޓަރީގެ ހުއްދަނެތި އާ މަގާމުތައް ނުއުފައްދަން ސަރުކާރުގެ ހުރިހާ އިދާރާއަކަށް އެންގީ އިއްޔެ އެވެ.
- މަގު ކޮނުމާއި ޖަންކްޝަން ފަދަ ތަންތަނުގެ މަތި ނަގައިގެން ކުރާ މަސައްކަތާއި މަގު ބަންދު ކޮށްގެން ކުރާ މަސައްކަތަށް ނަގާ ފީ މާލޭ ސިޓީ ކައުންސިލުން 154 ޕަސެންޓު ބޮޑުކުރުމާ ގުޅިގެން، އެ ދެ އުސޫލު ބާތިލް ކުރުމަށް ކޯޓަށް ދާނެ ކަމަށް ސްޓެލްކޯއިން ބުނީ އިއްޔެ އެވެ.
- ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރަން ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތަށް ހުރަސް އަޅައި ހަމަނުޖެހުން ހިންގި މައްސަލައިގައި ޝެއިހް އާދަމް ނިޝާނާއި ޝެއިހް ފަޒްލޫން މުހައްމަދުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ލައިވް ކޮށްދިނުމަށް، އެ ދެ އިލްމުވެރިންގެ ފަރާތުން އެދުނީ އިއްޔެ އެވެ.
ދުވަހުގެ ކޯޓޭޝަން
އިންޑިއާގެ 74 ވަނަ ޖުމްހޫރީ ދުވަސް ރާއްޖޭގައި ފާހަގަކުރުމަށް އިންޑިއާ ހައި ކޮމިޝަނުން ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ:
ވޭތުވެދިޔަ އަހަރުތަކުގައި އިންޑިއާއިން ވަނީ އެ ޤައުމުގެ ކުރިއެރުމަށާއި ތަރައްޤީ އަދި ހަމަޖެހުމަށް އެ ޤައުމުން ކަޑައްތުކުރި ދަތުރު ސާބިތުކަމާއި ވިލުންތެރިކަމާއެކު ދައްކުވައިދީފައި. އިންޑިޔާއަކީ ދުސްތޫރީ ވެރިކަން ވަރަށް ރަނގަޅަށް ދަމަހައްޓަމުން އަންނަ ޤައުމެއް
ދުވަހުގެ ފޮޓޯ

އަވަށްޓެރި އިންޑިއާގެ 74 ވަނަ ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ދެ ރައީސުން ވެސް ބައިވެރިވެވަޑައިގަތެވެ. އެކަމަކު، އާންމު ގޮތެއްގައި އެއް މޭޒެއްގައި ޖަލްސާތަކުގައި ތިއްބަވާ ދެ ބޭފުޅުން ރޭ އިށީނދެވަޑައިގެން ތިއްބެވީ ތަފާތު ދެ މޭޒެއްގަ އެވެ.--- ފޮޓޯ: ރައީސް އޮފީސް












