އިތުރު ބަޔަކާ ބައިވެރިވެގެން ފިރިހެނެއްގެ ބަރަހަނާ ފޮޓޯ ނަގައި، ލީކުކޮށްލާނެ ކަމުގެ ބިރު ދައްކައިގެން އޭނާ ފޭރުނު އަންހެނަކު ހަތް މަހަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
ދައުލަތުން ކޯޓުގައި ބުނެފައިވާ ގޮތުގައި ގދ. ގައްދޫ އެތުމާގޭ އާއިޝަތު ނަޒުމާ 2021 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ފިރިހެނަކު ގެސްޓު ހައުސްއެއްގެ ކޮޓަރިއަކަށް ގެންގޮސް، އޭނާގެ ބަރަހަނާ ފޮޓޯ ނަގައި ފޭސްބުކަށް ލާނެ ކަމަށް ބުނެ ބިރު ދައްކާފައިވާ ކަމަށެވެ.
އެއަށް ފަހު ފިރިހެން މީހާގެ ފޯނު އަތުލައި، އޭނާގެ އެކައުންޓުގައި އިން 2000ރ. އެހެން މީހެއްގެ އެކައުންޓަކަށް ޓްރާންސްފާކޮށް، އޭނާގެ ވޮލެޓުން 350ރ. ގެ އިތުރުން ފިރިހެން މީހާގެ ފޯނު ވެސް ވަގަށް ނަގާފައިވާ ކަމަށް ބުނެފައިވެ އެވެ.
މި މައްސަލައިގައި ފޭރުމުގެ ދައުވާ ލިބޭ އަންހެން މީހާ ވަނީ ދައުވާއަށް އިއުތިރާފުވެފަ އެވެ.
ދައުވާއަށް އިއުތިރާފު ވުމާ ގުޅިގެން ކްރިމިނަލް ކޯޓުން އިއްވި އަވަސް ނިޔާގެ ހުކުމުގައި ވަނީ އެމީހާ ހަތް މަހާއި ހަ ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމަށެވެ. މި މުއްދަތުން އޭނާ ބަންދުގައި ހޭދަ ކުރި 17 ދުވަސް އުނިވާނެ އެވެ.

މި މައްސަލައިގައި ދައުވާ ސާބިތުވެފައިވާ ނަޒުމާ އާއެކު ދެން ކުށުގައި ބައިވެރިވި އަބްދުﷲ ޒައިން އަދި ފަޒާ ހަސަން މޫސާގެ މައްޗަށް ވެސް ދައުވާ ކޮށްފައިވާއިރު، އެ މީހުންގެ ބައި ވަކިން ގަޒިއްޔާއަކުން ބެލުމަށް ވަނީ ނިންމާފަ އެވެ.













