ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމުގެ މަސައްކަތަށް އަންނަ މަހުން ފެށިގެން ހަނިމާދޫ އެއާޕޯޓުގެ ރޭގަނޑުގެ ދަތުރުތައް މެދުކަނޑާލަން ނިންމައިފި އެވެ.
މޯލްޑިވިއަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އަންނަ މަހު އެއްވަނަ ދުވަހުން ފެށިގެން ހަނިމަދޫ އެއާޕޯޓުގެ ރޭގަނޑުގެ ހުރިހާ ދަތުރުތަކެއް މެދުކަނޑާލާފައިވާ ކަމަށެވެ. އަދި އޭގެ ސަބަބުން ހަނިމާދު އާއި ޓްރިވަންޑުރަމާއި ދެމެދުގެ ދަތުރުތައް ވެސް ވަގުތީގޮތުން މެދުކަނޑާލަން ޖެހިފައިވާ ކަމަށެވެ.
މޯލްޑިވިއަނުން ވަނީ މާޗް އެއް ވަނަ ދުވަހުގެ ފަހަށް ޓިކެޓް ނަގާފައިވާ ކަސްޓަމަރުން، އެ ކުންފުނީގެ ކޯލް ސެންޓަރަށް ގުޅުމަށް އެދިފަ އެވެ. ކޯލް ސެންޓަރަށް ގުޅުމުން ދަތުރުގެ ކަންކަން ހަމަޖައްސައިދޭނެ ކަމަށް ވެސް މޯލްޑިވިއަނުން ބުނެ އެވެ.
އެ ކުންފުނިން ވަނީ މިކަމާ ގުޅިގެން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި މައާފަށް އެދިފަ އެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ރަސްމީކޮށް ފަށާފައި ވަނީ މިދިޔަ މަހު 18 ވަނަ ދުވަހުގެ ރޭ ބޭއްވި ބޮޑު ރަސްމިއްޔާތެއްގަ އެވެ.

އަހަރަކު 1.3 މިލިއަން ފަސިންޖަރުންގެ ޖާގައިގެ އެ އެއާޕޯޓު ތަރައްގީ ކުރަނީ 136.6 މިލިއަން ޑޮލަރަށެވެ. އެ އެއާޕޯޓު ތަރައްގީކުރާއިރު 2.46 ކިލޯ މީޓަރު (2460 މީޓަރު)ގެ ރަންވޭއަކާއި، ޒަމާނީ ޓާމިނަލެއްގެ އިތުރުން އެއާޕޯޓަށް ބޭނުންވާނެ އެހެނިހެން ވަސީލަތްތައް ވެސް ގާއިމުކުރާނެ އެވެ.
މި މަޝްރޫއު ނިމުމުން ބައިނަލްއަގުވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއާބަސް A320 އާއި ބޯއިން 737 ސައިޒުގެ ބޯޓުފަހަރަށް ހަނިމާދޫ ވައިގެބަނދަރުން ހިދުމަތް ދެވިގެން ދާނެ އެވެ. އަދި މެދުއިރުމައްޗާއި، ދެކުނު އޭޝިއާ އާއި، ދެކުނު އިރުމަތީ އޭޝިއާ އާއި އިރުމަތީ އެފްރިކާގެ ގައުމުތަކުން ސިދާ ފްލައިޓްތައް ހަނިމާދޫ އަށް އޮޕަރޭޓް ކުރުމުގެ ގާބިލުކަން ލިބިގެންދާނެ އެވެ.













