މުދަލު ޒަކާތުގެ ގޮތުގައި މިދިޔަ އަހަރު 92 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި އަހަރުން އަހަރަށް މުދަލު ޒަކާތުގެ ގޮތުގައި ލިބޭ މިންވަރު އަންނަނީ އިތުރުވަމުންނެވެ. މުދަލު ޒަކާތް މިހާރު ބަލައި ގަންނަނީ މޯލްޑިވްސް އިންލަންޑް ރެވެނިޔު އޮތޯރިޓީ (މީރާ) އަށެވެ. ނަމަވެސް ޒަކާތު ފައިސާ ބެލެހެއްޓުމާއި ދޫކުރުމުގެ ކަންތައް ކުރިއަށް ގެންދަނީ އިންލާމިކް މިނިސްޓްރީންނެވެ.
މިދިޔަ ހަތަރު އަހަރު ޒަކާތުގެ ގޮތުގައި ލިބުނު ވަރު
- 2022 ވަނަ އަހަރު 92.1 މިލިއަން ރުފިޔާ
- 2021 ވަނަ އަހަރު 91.5 މިލިއަން ރުފިޔާ
- 2020 ވަނަ އަހަރު 60.8 މިލިއަން ރުފިޔާ
- 2019 ވަނަ އަހަރު 70.5 މިލިއަން ރުފިޔާ
އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި އިއްޔެ އިން ފެށިގެން މުދަލު ޒަކާތުގެ ނިޞާބުގެ މިންވަރު ވަނީ 7،062.65ރ. އަށް ބަދަލުވެފަ އެވެ. ރާއްޖޭގައި ނިޞާބުގެ ގޮތުގައި ބަލަނީ ރިހީގެ އަގަށެވެ. މިދިޔަ އަހަރުގެ މާޗް 17 ވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ނިޞާބުގެ ގޮތުގައި ކަނޑައަޅާފައި އޮތީ 7،241.15ރ. އެވެ.
މިނިސްޓްރީން ބުނި ގޮތުގައި ރާއްޖޭގައި ރިހިން ނިޞާބު އަގު ކުރަނީ އެއީ ރާއްޖެ ފަދަ ކުދި ގައުމުތަކުގައި ފަގީރުންނަށް އެންމެ ފައިދާ ބޮޑު ގޮތް ކަމުގައި އިލްމުވެރިން ވިދާޅުވެފައިވާތީ އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މުދަލު ޒަކާތަކީ އިސްލާމްދީނުގެ ރުކުނަކަށްވާއިރު، އެމީހެއްގެ މިލްކިއްޔާތުގައި ނިޞާބުހަމަވާ މިންވަރަށް ފައިސާ ހުރެ، އެ ފައިސާ ހުންނަތާ ހިޖްރީ އެއް އަހަރުވުމުން، ސަރުއީ ހަމަތަކާ އެއްގޮތަށް އޭގެ ސާޅީސްބައި ކުޅަ އެއްބައި ނުވަތަ 2.5 ޕަސެންޓް ޒަކާތަށް ނެރެން ޖެހޭނެ ކަމަށެވެ.














