ސިއްރު އިންތިހާބަކަށް ވިއަސް އެމްޑީޕީ ޕްރައިމަރީ 2023 ގައި ވޯޓު ލާ ބައެއް މީހުން ގެންދަނީ، ވޯޓު ލުމަށްފަހު، އެމީހަކު ވޯޓުލީ ކާކަށް ކަން ސޯސަލް މީޑިޔާ ގައި ބުނަމުންނެވެ. ވޯޓުލާނީ ކާކަށްކަން ހާމަ ކުރާކަށް ގިނަ މީހުން ފަހެއް ނުޖެހެ އެވެ.
ވާދަވެރި ކެމްޕޭނަކަށް ފަހު ބާއްވާ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި 57،000 މީހުންނަށް ވޯޓު ލެވެ އެވެ. ވޯޓް ލާން ގޮސް ތިބި ގިނަ މީހުން ބުރަވާ ގޮތުގައި މިއަދުގެ އިންތިހާބުގެ ނަތީޖާ ނުކުންނާނީ ވަރަށް ވާދަވެރި ކޮށެވެ.
"އެއްވެސް ކެންޑިޑޭޓަކަށް 10 ޕަސެންޓަށްވުރެ ތަފާތު ބޮޑެއް ނުކުރެވޭނެ، 55 ޕަސެންޓަށްވުރެ ބޮޑު ކާމިޔާބީ އެއް ނުހޯދޭނެ،" ހދ. އަތޮޅުގެ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މެންބަރަކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ބައެއް ކުދި ރަށް ރަށުން ތަފާތު ބޮޑުކޮށް ވަކި ކެންޑިޑޭޓަކަށް ގިނަ ވޯޓު ލިބުނު ނަމަވެސް ބޮޑެތި އާބާދީ ތަކުން ވޯޓުގެ ނަތިޖާ ނުކުންނާނީ ވަރަށް ހަމަހަމަކޮށެވެ.
"މާލެ އައްޑޫ ފުވައްމުލަށް ފަދަ ތަންތަނަށް ބަލާއިރު ވަރަށް ހަމަހަމަކޮށް ނަގާނީ،" އެ މެންބަރު ވިދާޅުވި އެވެ.

އައްޑޫ ހިތަދޫ އެމްޑީޕީ މެންބަރެއް ކަމަށްވާ އިބްރާހިމް ރަޝީދު ބުނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ރައީސް މުހައްމަދު ނަޝީދަށް ވޯޓު ލާނީ ކޮން ބައެއްކަން ސާފުކޮށް ގުނާލާފައި ބުނަން އެނގޭ ކަމަށެވެ. ވޯޓުގައި އޮޅުވާލުންތަކެއް ނުހިނގައިފި ނަމަ، ކޮންމެ ފަޅިއެއްގެ އޮބްޒާވަރުނަށް ވެސް އެ ފޮއްޓަކަށް ވަކި ކެނޑިޑޭޓަކަށް ލިބޭނީ ކިހާ ވޯޓެއްކަން ސާފުވާނެ ކަމަށެވެ.
"އޮބްޒާވަރުނަށް ތިބޭ ފަރާތްތަކަށް އެނގޭނެ އިތުރަށް ވޯޓު އަޅައިފިއްޔާ، އޮބްޒާވަރުނަށް ފޮށިތަކުގައި ގިނައިން ތިބޭނީ ވޯޓު ލާ މީހުން ދަންނަ މީހުން،" ރަޝީދު ބުންޏެވެ. "ވަރަށް ހަމަހަމަކޮށް ދާނެ ކަމަށް ފެންނަނީ."
މާލޭ ސީއެޗްއެސްސީ ގައި ބަހައްޓާފައި ފޮއްޓަށް ވޯޓު ލާން ގޮސް ހުރި ހުސެން ހަސަން ބުނީ އެނާ ވޯޓު ލާން އައީ ކެނޑިޑޭޓެއްގެ މަންދޫބަކު ގުޅާފައި ބުނުމުން ކަމަށެވެ. އެނާ ބުނީ، ވޯޓުގައި ކުރި ހޯދޭނީ ވޯޓުލާން ގިނަ މީހުން ނެރެވުނު ކެނޑިޑޭޓަކަށް ކަމަށެވެެ.
"ބުނާކަށް ނޭނގެ ކާކުކަމެއް ކާމިޔާބު ކުރާނީ. ޔަގީނުން ވެސް ތަފާތު ބޮޑެއް ނުވާނެ،" އޭނާ ބުންޏެވެ.
ގިނަ މީހުން ލަފާކުރާ ގޮތުގައި އިންތިހާބު އޮމާންކޮށް ކުރިއަށް ގޮސްފި ނަމަ މިއަދު އިރުއޮއްސުމުގެ ކުރިން ކުރި އިންތިހާބުން ކާމިޔާބު ކުރާ ކެނޑިޑޭޓެއް ޔަގީން ވާނެ އެވެ. އެމްޑީޕީގެ ފަރާތުން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރާނީ އެ ކެނޑިޑޭޓެކެވެ.













