މުޅި ދުނިޔޭގައި 2020 ގެ ކުރީކޮޅު ހަލުވިކަމާ އެކު ފެތުރެން ފެށި ކޮވިޑު19 އާ ގުޅިގެން ޗައިނާއިން ރާއްޖެއަށް ޓޫރިސްޓުން އައުން ހުއްޓިފައި އޮތުމަށް ފަހު އިއްޔެ އަނެއްކާ ވެސް އެ ގައުމުން ސީދާ ދަތުރުތައް ވަނީ ފަށާފަ އެވެ.
ގާތްގަނޑަކަށް ތިން އަހަރުގެ މެދުކެނޑުމަކަށްފަހު ޗައިނާއިން ރާއްޖެއަށް ފަތުރުވެރިން ގޮވައިގެން ފުރަތަމަ ފަހަރަށް އިއްޔެ އައިސްފައި ވަނީ ބެއިޖިން ކެޕިޓަލް އެއާލައިންސްގެ މަތިންދާ ބޯޓެކެވެ.
ޗައިނާއިން ރާއްޖެއަށް އަލުން ދަތުރުތައް ފަށާފައި މިވަނީ ކޮވިޑާ ގުޅިގެން ޗައިނާއިން ދަތުރުފަތުރު ކުރުމުގައި ގެންގުޅުނު ހަރުކަށި ފިޔަވަޅުތަކަށް ލުއި ދިނުމަށް އެ ގައުމުގެ ސަރުކާރުން ނިންމުމާ ގުޅިގެންނެވެ.
މެދުކެނޑުމަކަށްފަހު މިއަދު ޗައިނާއިން ރާއްޖެ އައި ފަތުރުވެރިންނަށް ވިޒިޓް މޯލްޑިވްސްގެ ފަރާތުން ވަނީ ހޫނު މަރުހަބާއެއް ކިޔާފަ އެވެ. ފަތުރުވެރިންނަށް މަރުހަބާ ދެންނެވުމަށް ޓޫރިޒަމް މިނިސްޓަރު، ޑރ. އަބްދުﷲ މައުސޫމްއާއި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ވާން ލިޖިން ވެސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގެންނެވި އެވެ.
ފަތުރުވެރިންނަށް މަރުހަބާ ދެންނެވުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން މިނިސްޓަރު މައުސޫމް ވިދާޅުވީ، ފަތުރުވެރިކަމުގައި ރާއްޖޭގެ އެންމެ ބޮޑު މާކެޓު ތިން އަހަރުވަންދެން ބަންދުވެެފައި އޮތުމަށްފަހު މިއަދު ހުޅުވިގެން ދިއުމަކީ ވަރަށް ބޮޑު އުފަލެއް ލިބޭ ކަމެއް ކަމަށާއި މިކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން ވަރަށް ބޮޑަށް ރަނގަޅު ވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

"ޗައިނާ މާކެޓަކީ ރާއްޖެއާ ވަރަށް ރައްޓެހި މާކެޓެއް، ޗައިނާ މީހުން ބޭނުންވާ ކަހަލަ ޕުރޮޑަކްޓެއް ރާއްޖޭގައި އެބައޮތް، އެމީހުން ކެތްމަދުވެފައި މިތިބީ މި ތިން އަހަރު،" މިއަހަރަށް ލަފާކުރި އަދަދަށް ވުރެ އިތުރަށް ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރާނެކަމަށް ލަފާ ކުރައްވާ މިނިސްޓަރު މައުސޫމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ އިންޑަސްޓުރީ އޮތީ ޗައިނާއަށް މަރުހަބާ ކިޔަން ތައްޔާރަށް ކަމަށާއި މިއަހަރު އެކަނިވެސް ލައްކައަކަށް ވުރެ ގިނަ ފަތުރުވެރިން ޗައިނާއިން ރާއްޖެއަށް ޒިޔާރަތް ކުރާނެ ކަމަށް ލަފާކުރެއްވޭ ކަމަށެވެ.
ޗައިނާއިން ރާއްޖެއަށް ފަތުރުވެރިން އަންނަން ފެށުމާ ގުޅިގެން އެގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވިދާޅުވީ ކޮވިޑަށްފަހު މިދަތުރުތައް އަލުން ފެށިގެން ދިއުމަކީ ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމެއް ކަމަށާއި ޗައިނާއިން ރާއްޖެއަށް މިއަދު އައި ފަތުރުވެރިންނަށް އެމްއެމްޕީއާރުސީއާއި ރާއްޖޭގެ ސަރުކާރުން ކީ ވަރަށް ފުރިހަމަ މަރުހަބާއެއް ކަމަށެވެ.
"އަހަންނަށް ހީވަނީ އެމީހުންނަށް ސަގާފީ ކުލަވަރާ އެކު ރާއްޖޭން ކީ ހޫނު މަރުހަބާގެ ސަބަބުން އެމީހުން ވަރަށް އުފަލުންހެން އެތިބީ، އެމީހުން އެނބުރި ގައުމަށް ގޮސްފައި މިވާހަކަތައް އެމީހުންގެ އާއިލާތަކާއި ރައްޓެހިން ގާތުގައި ދައްކާނެ،" ވާން ލިޖިން ވިދާޅުވި އެވެ.
އެކަމަނާ ވިދާޅުވީ ޗައިނާ އަކީ ކޮވިޑުގެ ކުރިން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ މާކެޓުކަމަށްވެފައި ޗައިނާއިން ރާއްޖެއަށް އަނެއްކާވެސް ދަތުރުތައް ރަސްމީކޮށް ފެށިގެން ދިއުމުގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް ވެސް އޭގެ ހެޔޮ ބަދަލު އަންނާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.
އަދި ކުރިއަށް އޮތްތަނުގައި އިތުރު ފުލައިޓުތައް ވެސް ރާއްޖެއަށް ޗައިނާއިން ދަތުރުތައް ފަށާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި ޗައިނާއިން ރާއްޖެއަށް އަންނަ ފަތުރުވެރިން މިތަނުގައި ހޭދަކުރާ ދުވަސްތަކަކީ އަމާން ރައްކާތެރި ދުވަސްތަކެއްކަން ކަށަވަރު ކުރުމަށް ޓޫރިޒަމް މިނިސްޓަރީއާއި ކަމާބެހޭ އެހެން އިދާރާތަކާ ގުޅިގެން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށެވެ.
ބެއިޖިން ކެޕިޓަލްގެ ބޯޓެއް އިއްޔެ ރާއްޖެއަށް އައިސްފައިވާއިރު، ޗައިނާ އީސްޓާން އެއާލައިންސްއާއި ހޮންކޮންގު އެއާލައިންސްގެ ދަތުރުތައް ވެސް ރާއްޖެއަށް ފެށުމަށް ވަނީ ތައްޔާރުވެފަ އެވެ.
ތިން އަހަރުގެ މެދުކެނޑުމަކަށްފަހު ޗައިނާގެ ފަތުރުވެރިން ރާއްޖެއަށް އަންނަން ފަށާފައިވާއިރު، އެ ގައުމަކީ ކޮވިޑުގެ ހާލަތު މެދުވެރިވުމުގެ ކުރިން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައި ގައުމެވެ.
ބައެއް މުހިންމު ހަބަރުތައް
- ހދ. ހަނިމާދޫގައި އަޅާ އެއާޕޯޓާއެކު މުޅި ބޮޑުތިލަދުންމަތީގެ އިގްތިސާދު ފުޅާވެ، ވަރަށް ބޮޑަށް ކުރިއަރައިގެންދާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެ ސަރަހައްދުގެ ރައްޔިތުންނަށް ދެއްވީ އިއްޔެ އެވެ.
- ދިވެހިރާއްޖެއަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖަޔަޝަންކަރު މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރާއްޖެއާއެކު ހަތަރު އެއްބަސްވުމެއްގައި ސޮއިކުރެއްވީ އިއްޔެ އެވެ.
- ނޫސްވެރިންގެ ވާޖިބުތައް އަދާ ކުރުމަށް ހުރަސްއަޅައި، ނޫސްވެރިންނަށް ބިރުދައްކައި އިންޒާރުދިނުން ފަދަ ކަންކަން ބަލައި ނުގަންނާނެ ކަމަށާއި އެފަދަ މައްސަލަތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް މީޑިއާ ކައުންސިލުން ބުނީ އިއްޔެ އެވެ.
ދުވަހުގެ ކޯޓޭޝަން
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިންގަމުންދާ ތަރައްގީގެ ޕްރޮޖެކްޓުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ވިދާޅުވީ:
ތަރައްގީގެ ބަދަލު އަޅުގަނޑުމެން ފުރަތަމަ ފަށަނީ ގަލަމު ތުނޑުން. ރަނގަޅަށް ދިރާސާ ކުރެވި، ހިސާބު ކިތާބުން ނަތީޖާ ހޯދުން. އެނަތީޖާގެ މައްޗަށް ފުރިހަމަ ޕްލޭނެއް ހެދުން. އެގޮތަށް އެކަން ނުކުރެވިއްޖެ ނަމަ، މިޒަމާނުގާ އެއީ ނުވާކަމެއް ފަދަ ކަމެއް. ވިސްނުމާ ފިކުރާ ހިކުމަތާ ކެތްތެރިކަމާ ނުލާ ، ދެމެހެއްޓެނިވި ތަރައްގީއެއް ނުލިބޭނެ،
ދުވަހުގެ ފޮޓޯ

ބެއިޖިން ކެޕިޓަލް އެއާލައިންސްގެ ފްލައިޓެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖައްސަނީ. މިއީ ތިން އަހަރުގެ މެދުކެނޑުމަކަށްފަހު ސީދާ ޗައިނާ އިން ރާއްޖެއަށް ދަތުރުކުރި ފްލައިޓު. ޗައިނާ ޓޫރިސްޓުން ރާއްޖެ އަންނަން ފެށުމާ އެކު ޓޫރިޒަމަށް އާ ދިރުމެއް ލިބިގެންދާނެ ކަމަށް ބެލެވޭ. --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު













