މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ބެހެއްޓުމަށް ލަފާކުރާ ވޯޓު ފޮށީގެ އަދަދަކީ 600 ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އިލެކްޝަންސް ކޮމިޝަނުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މައުލޫމާތު ދެމުން އެ ކޮމިޝަނުން ބުނީ މި އަހަރުގެ އިންތިހާބަށް 600 ފޮށި ބަހައްޓާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އެއީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ އަޅާކިޔާއިރު 128 ފޮށި ގިނަ އަދަދެކެވެ. ނަމަވެސް ރީ-ރެޖިސްޓްރޭޝަން އަށްފަހު މި އަދަދު އިތުރުވުމުގެ ފުރުސަތު ބޮޑު ކަމަށްވެސް އެ ކޮމިޝަނުން ބުންޏެވެ.
ވަކިވަކި ސަރަހައްދުތަކަށް ބަލާއިރު އެންމެ ބޮޑަށް ވޯޓު ފޮށި އިތުރުވެގެން ދާނެ ކަމަށް އީސީ އިން ލަފާކޮށްފައިވަނީ ހުޅުމާލޭގަ އެވެ. ދެ ވަނަ ފިޔަވަހީގައި މީހުން ވަޒަންވެރި ވުމާއެކު ހުޅުމާލޭގައި ވޯޓުލާ އާބާދީ ވަރަށް ބޮޑަށް އިތުރުވެގެންދާނެ ކަމަށް ބެލެވެ އެވެ. އެހެންކަމުން، 2018 ވަނަ 13 ވޯޓު ފޮށި ބެހެއްޓި ހުޅުމާލޭގައި މި އަހަރު 47 ވޯޓު ފޮށްޓެއް ބަހައްޓަންޖެހޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އެ އަދަދު ވެސް އިތުރުވުން އެކަށީގެންވެ އެވެ.
އޭގެ އިތުރުން، މާލޭގައި 145 ފޮށި، ވިލިމާލޭގައި 10 ފޮށި، އަތޮޅުތަކުގައި 327 ފޮށި، ރިސޯޓުތަކުގައި 50 ފޮށި، ޖަލުތަކުގައި ހަތަރު ފޮށި އަދި ރާއްޖޭން ބޭރުގައި 12 ފޮށްޓެއް ބަހައްޓަން ޖެހޭނެ ކަމަށް އީސީއިން ވަނީ ލަފާކޮށްފަ އެވެ.
ސެޕްޓެމްބަރުގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބޭ އާބާދީއެއްގެ ގޮތުގައި އީސީއިން ލަފާކުރާ އަދަދަކީ ގާތްގަނޑަކަށް 280،000 މީހުންނެވެ. އެއީ 2018 އާ އަޅާކިޔާއިރު 21،000 އެއްހާ މީހުންގެ އިތުރުވުމެކެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބު ބާއްވާނެ ތާރީހެެއްގެ ގޮތުގައި އީސީއިން މިއަދު އިއުލާނުކުރި ތާރީހަކީ ސެޕްޓެމްބަރު 9، ވަނަ ދުވަހެވެ. ދެ ވަނަ ބުރަކަށް ގޮސްފި ނަމަ އެ އިންތިހާބު ބާއްވާނެ ތާރީހެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ސެޕްޓެމްބަރު 30، އެވެ.
އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލުމަށް ހަމަޖެހިފައިވަނީ ޖުލައި 23، އިން އޮގަސްޓު 3، ގެ ނިޔަލަށެވެ.













