ރާއްޖޭގައި އިންތިހާބެއް ބާއްވާއިރު ވޯޓުލާ މީހާއަށް އަބަދުވެސް ތަފާތު ނުފޫޒު ފޯރުވާ ކަމަށާއި އެއީ ކަންބޮޑުވާންޖެހޭ މައްސަލައެއް އިލެކްޝަންސް ކޮމިޝަންގެ (އީސީ)ގެ ނައިބު ރައީސް އިސްމާއީލް ހަބީބް މިއަދު ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބު އިއުލާނު ކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އިންތިހާބުތަކުގައި ސަރުކާރުގެ މުދަލާއި ވަސީލަތް ބޭނުން ކުރާ މައްސަލައިގައި މި ނޫހުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ހަބީބު ވިދާޅުވީ ރާއްޖޭގެ އާދައަކީ ސަރުކާރުން ވެސް އިންތިހާބުތަކާ ދިމާކޮށް ނުފޫޒު ފޯރުވުން ކަމަށެވެ.
"ވޯޓުލާ މީހާއަށް ކިތަންމެ ނުފޫޒެއް އޮތަސް އަޅުގަނޑުމެން [ކޮމިޝަނުން] ފަހިކޮށްދޭނަމޭ އޭނަގެ ވޯޓު އޭނަ ބޭނުންވާ މީހާއަށް ދިނުމަށްޓަކައި ވޯޓު ކަރުދާސް އޭނައަށް ފޯރުކޮށްދޭނަމޭ،" ހަބީބު ވިދާޅުވި އެވެ.
އޭގެ އިތުރުން ހަބީބު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅަކު އިންތިހާބުގައި ވާދަ ކުރައްވާ ނަމަ އެބޭފުޅަކަށް ބައެއް އިތުރު އިނާޔަތްތައް ލިބޭ ކަމަށެވެ.
"ސަރުކާރުން ވެސް [އިންތިހާބަށް] ނުފޫޒު ފޯރުވާނެ. އެއީ ހަމަ ކޮންމެ ސަރުކާރެއް އޮތަސް އެ ސަރުކާރު ހިންގާ ޕާޓީ ނޫން ޕާޓީތަކަށް އޮންނަ ފުރުސަތުތައް ތަންކޮޅެއް މަދުވާނެ. މިސާލަކަށް ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނަވާ ބޭފުޅަކު ހަމަ ރައީސުލްޖުމްހޫރިއްޔާގެ އެ ލަގަބާ އެކީގަ ކެމްޕޭން ކުރައްވަން ވަޑައިގަންނަވާނީ ވެސް. އެހެންވީމަ ފަހަރުގައި ހަމަ އެހެން ކެންޑިޑޭޓަކާ ތަފާތު ގޮތަކަށް އިތުރު އިނާޔަތްތަކަކާއެކު ފުރުސަތުތަކެއް ހުރެދާނެ،" ހަބީބު ވިދާޅުވި އެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބު ބާއްވާނެ ތާރީހެެއްގެ ގޮތުގައި އީސީއިން މިއަދު އިއުލާނުކުރި ތާރީހަކީ ސެޕްޓެމްބަރު 9، ވަނަ ދުވަހެވެ. ދެ ވަނަ ބުރަކަށް ގޮސްފި ނަމަ އެ އިންތިހާބު ބާއްވާނެ ތާރީހެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ސެޕްޓެމްބަރު 30، އެވެ.
އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލުމަށް ހަމަޖެހިފައިވަނީ ޖުލައި 23، އިން އޮގަސްޓު 3، ގެ ނިޔަލަށެވެ.












