މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ބޭނުންކުރާ ވޯޓު ކަރުދާސް ޕްރިންޓުކުރުމަށްދާ ހަރަދު ބޮޑުވި ނަމަވެސް ކަރުދާހަށް ބަދަލުގެނެވެން ނެތް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެ އެވެ.
މިއަހަރު އޮންނަ ރިޔާސީ އިންތިހާބާ ބެހޭގޮތުން މައުލޫމާތު ދިނުމަށް އީސީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "އަދަދު" އިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ފުއާދު ވިދާޅުވީ ރާއްޖޭގައި ބޭނުންކުރަނީ ދުނިޔޭގެ ފެންވަރުގައިވެސް ވަރަށް ހައި ކޮލިޓީގެ ކަރުދާސް ކަމަށެވެ. ނަމަވެސް ވޯޓު ކަރުދާހުގެ ކޮލިޓީ ދަށްކުރެވެން ނެތްކަން ފުއާދު ފާހަގަ ކުރެއްވި އެވެ.
"މިހާރުވެސް ވޯޓު ކަރުދާހާ ބެހޭގޮތުން ސިޔާސީ ޕާޓީތަކުގައި އެ ހުންނަ ކަންބޮޑުވުންތަކާއި، ޕާޓީތަކުން ބޭނުންވަނީ ހަމަ މި ފެންވަރުގައި ވޯޓު ކަރުދާސްތައް ބަހައްޓަން ކަމަށް ވާތީވެ [މި ފަހަރު މި ކޮލިޓީގައި ވޯޓު ކަރުދާސް ބަހައްޓަން ނިންމީ]،" ފުއާދު ވިދާޅުވި އެވެ.
ފުއާދު އިތުރަށް ވިދާޅުވީ ވޯޓު ކަރުދާސް ތައްޔާރުކުރުމަށްދާ ހަރަދު ބޮޑުވުމާއެކު ޕްރިންޓު ކުރާ ފަރާތްތަކާ އެކީ މަޝްވަރާކޮށްގެން އެ އަގު ދަށްކުރުމަށް މަޝްވަރާ ކުރައްވާނެ ކަމަށެވެ. އެގޮތުން އީސީއިން މަސައްކަތް ކުރާނީ ކޮލިޓީ ހިފަހައްޓައިގެން ޕްރިންޓި ކުރުމުގެ އަގު ދަށްކުރުމަށް ކަމަށް ވިދާޅުވި އެވެ.
ދައުލަތުގެ ބަޖެޓަށް އަންނަ ވަރަށް ބޮޑު ބުރައެއް އެހާ އަގުބޮޑު ވޯޓު ކަރުދާހެއް ބޭނުންކުރުމަކީ"
މީގެއިތުރުން ފުއާދު ފާހަގަކުރެއްވީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމުތަކުގައިވެސް ބޭނުންކުރަނީ ވަރަށް އާދައިގެ ވޯޓު ކަރުދާސް ނަމަވެސް ރާއްޖޭގައި 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުން ފެށިގެން ބޭނުން ކުރަމުން އަންނަނީ ގިނަ ސެކިއުރިޓީ ފީޗާސް އެކުލެވޭ އަގުބޮޑު ވޯޓު ކަރުދާހެއް ކަަމަށެވެ. އަދި ވޯޓު ކަރުދާސް ބަދަލުކުރުމުގައި ދަތިކަން ދިމާވަނީ މި ސަބަބާ ހެދިކަންވެސް ފުއާދު ފާހަގަކުރެއްވި އެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބު ބާއްވާނެ ތާރީހެެއްގެ ގޮތުގައި އީސީއިން މިއަދު އިއުލާނުކުރި ތާރީހަކީ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހެވެ. ދެވަނަ ބުރަކަށް ގޮސްފި ނަމަ ބާއްވާނެ ތާރީހެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ އެ މަހުގެ 30 ވަނަ ދުވަހެވެ.
އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލުމަށް ހަމަޖެހިފައިވަނީ ޖުލައި 23 އިން އޮގަސްޓު މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށެވެ.












