ދެވަނަ ޖުމްހޫރިއްޔާގެ ހަތްވަނަ ރައީސް އިންތިހާބު ކުރުމަށް ބާއްވާ "ރިޔާސީ އިންތިހާބު 2023" މިއަހަރުގެ ސެޕްޓެމްބަރު 9 ގައި ބޭއްވުމަށް ނިންމައި އިލެކްޝަންސް ކޮމިޝަނުން އެކަން މިއަދު އިއުލާންކޮށްފި އެވެ.
ރިޔާސީ އިންތިހާބަށް މިހާރު ވެފައިވާ ތައްޔާރީތަކާއި، އަދި އިންތިހާބު އޮންނާނެ މުއްދަތު ހާމަކުރުމަށް އިލެކްޝަން ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިލެކްޝަން ކޮމިޝަނުގެ ރައީސް ފުއާދް ތައުފީގް ވިދާޅުވީ ފުރަތަމަ ބުރަށް ފަހު 50 ޕަސެންޓު އެއް ކެންޑިޑޭޓަކަށް ނުލިބިއްޖެ ހާލަތެއްގައި ދެވަނަ ބުރެއް ބާއްވާނީ ސެޕްޓެމްބަރު 30، ގައި ކަމަށެވެ.
އިންތިހާބުގެ ނަތީޖާ ޝީޓުތައް ލިބެމުންދާ ވަރަކުން ނަތީޖާ އިއުލާނު ކުރަމުންދާ ކަމަށާއި ފުރަތަމަ ބުރުގެ ރަސްމީ ނަތީޖާ އިންތިހާބު ބާއްވާތާ ހަތް ދުވަހުގެ ތެރޭގައި ހާމަކުރާނެ ކަމަށް އީސީން މިއަދު ބުންޏެވެ.
އިންތިހާބުގައި ވޯޓުލާ މީހުންގެ ލިސްޓު އާންމުކުރާނީ މޭ މަހުގެ ދެވަނަ ދުވަހު އެވެ. އަދި އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ޖޫން މަހުގެ ދެވަނަ ދުވަހާ ހަމައަށް އޮންނާނެ އެވެ.
މި އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ޖުލައި 23 އިން އޮގަސްޓު 3 އާ ހަމައަށް ހުޅުވާލާނެ އެވެ. އެގޮތުން، ކުރިމަތިލާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށް ފަހު އޮގަސްޓު 9 ގައި އިއުލާންކުރާނެ އެވެ. އަދި، ކެންޑިޑޭޓުންނަށް ކެމްޕޭނު ކުރަން ދެވޭ ރަސްމީ މުއްދަތެއްގެ ގޮތުގައި އޮގަސްޓު 10 އިން ސެޕްޓެމްބަރު 8 އާ ހަމައަށެވެ.

މި އިންތިހާބުގައި ވޯޓުލެވޭ މީހުންގެ އަދަދަކީ ގާތްގަނޑަކަށް 280،000 މީހުން ކަމަށް އިލެކްޝަން ކޮމިޝަނުގެ ރައީސް ފުއާދު ވިދާޅުވި އެވެ. 2018 ވަނަ އަހަރު ބޭއްވުނު ރިޔާސީ އިންތިހާބުގައި ވޯޓު ލާފައި ވަނީ ގާތްގަނޑަކަށް 262،000 މީހުންނެވެ.
މުޅި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކާއި، ރިސޯޓުތައް އަދި ސިނާއީ ރައްތައް ހިމަނައިގެން ޖުމްލަ 600 ވޯޓު ފޮށި މިއަހަރު ބެހެއްޓުމަށް ނިންމާފައި ވެއެވެ. 2018 ވަނަ އަހަރު ބަހައްޓާފައި ވަނީ 472 ވޯޓު ފޮއްޓެވެ.













