ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުގައި ހުޅުޖަހަން ގޮވާލުމުން ފުުލުހުން ހައްޔަރުކުރި އައްބާސް އާދިލް ރިޒާ މިއަދު ދޫކޮށްލައިފި އެވެ.
މިކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލު "އަދަދު" އަށް ވިދާޅުވީ އައްބާސް ދޫކޮށްލާފައިވަނީ އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރުތުތަކަކާއެކު ކަމަށެވެ.
ނަމަވެސް، އެ ޝަރުތުތަކުގެ ތަފްސީލެއް އޭނާ ނުދެއްވަ އެވެ.
މި މައްސަލައިގައި އައްބާސް ހައްޔަރުކުރީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ. އައްބާސް ކުރި ޓުވީޓުގައި ބުނެފައިވަނީ 2012 ވަނަ އަހަރުގެ ފެބްރުއަރީ އަށްވަނަ ދުވަހު އައްޑޫ ސިޓީގައި ހުޅުޖެހުމުގެ ބަދަލު އަދި ހިފިފައި ނުވާ ކަމަށާއި އެކަން އިންޑިއާ ހައި ކޮމިޝަނުން ފެށުން ރަނގަޅު ވާނެ ކަމަށެވެ.
މިކަމާ ގުޅިގެން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ޓެރަރިޒަމުގެ މައްސަލަތައް ސީރިިއަސް މައްސަލަތަކެއްގެ ގޮތުގައި ފުލުހުން ތަހުގީގުކުރާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

އައްބާސް އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ސަރުކާރުގެ ތަރުޖަމާނުކަންވެސް ކުރެއްވި ފަރާތެކެވެ.
މީގެ އިތުރުން ފައިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ވެސް ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި އައްބާސް ހުންނެވި އެވެ. އަދި ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމާއި މެލޭޝިޔާގައި ހުންނަ ސަރުކާރުގެ ޓްރޭޑް ރެޕްރެޒެންޓިވްގެ މަގާމު ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފުރުއްވި އެވެ.
އައްބާސްގެ ލިންކްޑްއިން ޕްރޮފައިލްގައިވާ ގޮތުން އޭނާއަކީ މިހާރު މާލޭގައި ހިންގާ ކޮލެޖެއްގެ ލެޗްޗަރާއެކެވެ.













