ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ސާބިތުވި ރިޝްވަތު ނެގުމާއި މަނީ ލޯންޑާ ކުރުމުގެ މައްސަލައިގައި އެމަނިކުފާނުގެ ދިފާއުގައި ދޮގު ހެކިބަސް ދިން ކަމަށް ކްރިމިނަލް ކޯޓުގެ ހުކުމުގައި ބުނެފައިވާތީ އެ މައްސަލައިގެ ތަހުގީގަށް މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ފުލުހަށް ހާޒިރު ކުރިކަން ރިޕޯޓުކުރީ އިއްޔެ އެވެ.
ޔާމީންގެ ވެރިކަމުގައި ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ބަލައިގަނެ އެ ފައިސާ ލޯންޑާ ކުރިކަން ސާބިތުވެ ކްރިމިނަލް ކޯޓުން ވަނީ 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ.
ނަމަވެސް ޔާމީންގެ ފަރާތުން ދިފާއުގައި ބުނެފައިވަނީ އެއީ ރައްޔިތުން މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމް އާ ދެމެދު ކުރެވުނު ޑޮލަރު ގަތުމުގެ މުއާމަލާތެއް ކަމަށެވެ.
މި މުއާމަލާތް ހިނގި ކަމަށް ޝަރީއަތުގައި ނަރީޝްގެ އިތުރުން އަބްދުﷲ ރަޝީދު ކިޔާ މީހެއްވެސް ވަނީ ހެކިބަސް ދީފަ އެވެ. ނަމަވެސް ކްރިމިނަލް ކޯޓުން މިދިޔަ މަހުގެ 25 ވަނަ ދުވަހު ކުރި ހުކުމުގައި ބުނެފައިވަނީ އެ ދެ ހެކިބަހަކީ ކޯޓަށް އޮޅުވާލުމަށް ދީފައިވާ ދޮގު ހެކިބަސް ކަމުގަ އެވެ.
ކޯޓުގައި ހެކިބަސް ދެމުން ނަރީޝް ބުނެފައިވަނީ އެއް މިލިއަން ޑޮލަރަށް ވާ ދިވެހި ފައިސާ ޔާމީންގެ އެންގެވުމަށް އަތުން ގުނުމަށްފަހު ޔޫސުފް ނައީމާ އެ ފައިސާ ހަވާލު ކުރި ކަމަށެވެ. އެއީ ޔާމީންގެ ގެކޮޅުގައި އެއްފަހަރު އަދި ޔޫސުފް ނައީމްގެ ހާޒިރުގައި އެއް ފަހަރު ކަމަށް ނަރީޝް ކޯޓުގައި ވަނީ ބުނެފަ އެވެ.

މި މައްސަލައިގައި ޔާމީނަށް ހުކުމް ކުރި ދުވަހު އިދިކޮޅު ލީޑަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ޔާމީންގެ ދިފާއުގައި ދޮގު ހެކިބަސް ނުދޭނެ ކަމަށް ބުނެ ކޯޓުން ކުރި ތުހުމަތު ދޮގުކޮށްފަ އެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ފުލުހުންގެ ތަހުގީގަށް ދޭ ބަޔާނާ ޝަރީއަތުގައި ދޭ ހެކިބަސް ދިމާނުވެ ފާޅުކަން ބޮޑުކޮށް ކޯޓުގައި ދޮގުހަދާ ފަރާތަތްކާ ދެކޮޅަށް ދޮގުހެކިބަސް ދިނުމުގެ ދައުވާ ކުރުމަށް ނިންމާފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވަނީ މީގެ ދެމަސް ކުރިން ވިދާޅުވެފަ އެވެ.
ބައެއް މުހިންމު ހަބަރުތައް
- އދ. ދަނގެތީ ވިޔަފާރިވެރިޔާ މަހްމޫދް އަބޫބަކުރުގެ އަނިޔާވެރި ގޮތަކަށް މަރައިލި ކަމަށް ކުރިން އެއްބަސްވި ނަމަވެސް މަހްމޫދު މަރާލުމުގައި ބައިވެރިނުވާ ކަމަށް، އެ މައްސަލާގައި މަރުގެ އަދަބު ދިނުމަށް ހުކުމްކޮށްފައިވާ ބަންގްލަދޭޝްގެ ޝާ އޮލަމް މިއާ (ސާލިމް) ހައި ކޯޓުގައި ބުނީ އިއްޔެ އެވެ.
- އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ޖަލު ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކުރުން ލަސްނުވާ ކަމަށާއި ޔާމީން ބޭނުން ވަނީ ވީހާވެސް ފުރިހަމަ އިސްތިއުނާފެއް ހުށަަހަޅަން ކަމަށް ލީޑާޝިޕުން ބުނީ އިއްޔެ އެވެ.
- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެޅި ފިޔަވަޅަކާ ގުޅިގެން، ރާއްޖެ އިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ބޭންކް އޮފް މޯލްޑީވްސް (ބީއެމްއެލް) މެދުވެރިކޮށް ފައިސާ ފޮނުވުން ލިމިޓު ކުރީ އިއްޔެ އެވެ.
ދުވަހުގެ ކޯޓޭޝަން
ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މަޖިލިސް ރައީސް މުހައްމަދު ނަޝީދު އިއްޔެ ވިދާޅުވީ:
އެހެން ނަމަވެސް އެހެންނެއް ނޫން މި ވީކީ، ކުޑަ ރަށެއް، ބޮށު ރަށެއް، ފަޅު ރަށެއް ބެލުމެއް ނެތި ކޮންނަމުން ދިޔައީ.. އެހެންވީމާ އަސްލު ކަންކަން އަޅުގަނޑުމެންނަށް ހުރީ ނުވެފަ
ދުވަހުގެ ފޮޓޯ

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނުގައި މާފަންނުގެ ރައްޔިތުންގެ ތާއީދު ހޯދުމަށް ރައީސް ސޯލިހު ދޮރުން ދޮރަށް އިއްޔެ ހިންގަވަނީ. އެމްޑީޕީ ޕްރައިމަރީގައި މާލެ ސިޓީގެ ތާއީދު ހޯދުމަށް ދެ ރައީސުން ވެސް ގެންދަވަނީ ބުރަކޮށް ކެމްޕޭން ކުރައްވަމުން --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު












