އާ އަދި ތަފާތު އިނީޝިއޭޓިވްއެއްގެ ދަށުން އިންޑިއާއިން ހާއްސަ ވާޗުއަލް ސަމިޓެއް ބޭއްވުމަށް ހަމަޖެހިއްޖެ އެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ސަމިޓް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ އެގާރަ އަދި ބާރަ ވަނަ ދުވަހު އެވެ. މި ހަރަކާތަކީ އިންޑިއާގެ ވަސުދައިވާ ކުޓުމްބަކަމްގެ ފަލްސަފާގެ މައްޗަށް ބިނާވެފައިވާ ހަރަކާތެކެވެ.
"އަޑުގެ އެއްބައިވަންތަކަން، މަގުސަދުގެ އެއްބައިވަންތަކަން" މި ޝިއާރުގެ ދަށުން ކުރިއަށްގެންދާ މި ސަމިޓްގެ މަގްސަދަކީ ގްލޯބަލް ސައުތުގެ ގައުމުތައް އެއްތަނަކަށް ގެނެސް، އެ ގައުމުތަކުގެ ވިސްނުމާއި އިސްކަންދޭ ކަންކަން އެއް ޕްލެޓްފޯމެއްގައި ހިއްސާކުރުން ކަމަށް އެ ހަރަކާތް އިންތިޒާމް ކުރާ ފަރާތުން މައުލޫމާތުދެ އެވެ. މި ސަމިޓުގައި ބައިވެރިވުމަށް 120 އަށްވުރެ ގިނަ ގައުމަށް ވަނީ ދައުވަތު ދީފަ އެވެ.
ވޮއިސް އޮފް ގްލޯބަލް ސައުތު ސަމިޓުގެ މަޝްވަރާތަކުގައި ބައިވެރިވާ ގައުމުތަކުން ލިބޭ އަގުހުރި މައުލޫމާތުތަކަށް ދުނިޔޭގެ ފެންވަރުގައި އެކަށީގެންވާ ސަމާލުކަމެއް ދިނުމަށް އިންޑިއާއިން މަސައްކަތް ކުރާނެ އެވެ.
މި ސަމިޓްގައި ދިހަ ސެޝަނެއް ބޭއްވުމަށް ވަނީ ހަމަޖެހިފައިވާއިރު، ޖެނުއަރީ ބާރަ ވަނަ ދުވަހު ހަތަރު ސެޝަނެއް، ޖެނުއަރީ ތޭރަ ވަނަ ދުވަހު ހަ ސެޝަނެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. ކޮންމެ ސެޝަނެއްގައި ވެސް 10-20 ގައުމެއްގެ ލީޑަރުން/މިނިސްޓަރުން ބައިވެރިވާނެ އެވެ.

މި ސެޝަންތައް އިފްތިތާޙްކޮށް އަދި ނިންމުމުގެ ސެޝަންތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ހެޑް އޮފް ސްޓޭޓް/ ގަވަރމަންޓް ލެވެލްގަ އެވެ. އިފްތިތާހީ ލީޑަރުންގެ ސެޝަންގެ ޝިއާރަކީ "ވޮއިސް އޮފް ގްލޯބަލް ސައުތު - ފޯ ހިއުމަން ސެންޓްރިކް ޑިވެލޮޕްމަންޓް" ކަމަށާއި ނިންމުމުގެ ލީޑަރުންގެ ސެޝަންގެ ޝިއާރަކީ "ޔުނިޓީ އޮފް ވޮއިސް-ޔުނިޓީ އޮފް ޕާޕަސް" އެވެ.












